އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމުގެ އެންމެހައި މަސައްކަތްތައް، މި ހިނގާ ނޮވެމްބަރު މަހުގެ 19 ގެ ނިޔަލަށް އެއްކޮށް ނިންމުމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ކުރިއަށްދިޔަ ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި އެކުލަވައިލި ތާވަލާ އެއްގޮތަށް ބަލާއިރު، ބަޖެޓާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހު އެވެ. އެހެންނަމަވެސް، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަޖެޓަށް ލަފާ ހޯދަންޖެހޭ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އޮޑިޓަރު ޖެނެރަލްގެ އޮފީހާ ބައްދަލުކުރާނެ ވަކި ދުވަހެއް އަދި ސާފުވާގޮތެއް ނުވެ އެވެ.
މި ފަހަރުގެ ބަޖެޓު ދިރާސާކުރުމުގައި އެހެން އަހަރުތަކާ ތަފާތު އުސޫލެއް ގެންގުޅުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. އެގޮތުން ހުރިހާ މިނިވަން މުއައްސަސާތަކާ ސީދާ ބައްދަލުނުކުރުމަށް ކޮމިޓީން ނިންމިއިރު، ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ފުރަތަމަ ހުށަހެޅުއްވީ މުއައްސަސާތަކުގެ ކަންބޮޑުވުންތައް ހަމައެކަނި ލިޔުމުން ހޯދުމަށެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ މިކަމާ ދެކޮޅުހައްދަވައި، ކޮމިޓީއަށް ހާޒިރުވާން ބޭނުންވާ ހުރިހާ މުއައްސަސާތަކަށް އެ ފުރުސަތު ދޭންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ބަހުސްތަކަށްފަހު، ޕީއެންސީގެ މެންބަރުން ވެސް އެގޮތަށް އެއްބަސްވެ، ބޭނުންވާ މުއައްސަސާތަކަށް ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތު ދިނުމަށް ވަނީ ފާސްކޮށްފަ އެވެ.
ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ. ޖުމްލަ ބަޖެޓުގެ އަދަދު ކުޑަވެފައިވަނީ އަންނަ އަހަރު ދައުލަތުން އަނބުރާ ދައްކަންޖެހޭ ދަރަނީގެ އަދަދު 4.5 ބިލިއަން ރުފިޔާއަށް މަދުވުމާ ގުޅިގެންނެވެ.
ޖުމްލަ ބަޖެޓު ކުޑަވި ނަމަވެސް، އަންނަ އަހަރު ދައުލަތުގެ ހަރަދުތައް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން ޖުމްލަ ހަރަދު 52.6 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ މި ހިނގާ އަހަރަށް ވުރެ 3.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ތެރޭގައި ސަރުކާރު ހިންގުމުގެ ރިކަރަންޓު ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ ހިމެނޭއިރު، ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހަރަދު ވަނީ 9.9 ބިލިއަން ރުފިޔާއަށް މަތިކޮށްފަ އެވެ.
ހަރަދުތައް ބޮޑުވުމުގެ ސަބަބުން އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓު 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މިއީ މި އަހަރު ނިމޭއިރު ޑެފިސިޓު ހުންނާނެ ކަމަށް ބެލެވޭ މިންވަރަށް ވުރެ 25 އިންސައްތައިގެ ބޮޑުވުމެކެވެ.
އިންތިހާބު ނާކާމިޔާބުވީ އީރާން ހަނގުރާމައިގެ ސަބަބުން: ވެންސް
ސައިފަށް ދިން ވަޅީގެ ހަމަލާއާ ގުޅޭގޮތުން ކަރީނާ ވާހަކަދައްކައިފި