ގިރާވަރުފަޅު ހިއްކުމުގެ މަސައް ހުއްޓިފައި ގިނަ ދުވަސްތަކެއްވަންދެން އޮތުމަށްފަހު އަލުން އެ މަސައްކަތް ފަށައިފި އެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެމްއޭސީއެލް އިން ބުނީ މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައި، އެ މަސައްކަތުގެ 68.8 އިންސައްތަ ނިމިފައިވާ ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ، އެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު މިހާރު ކުރިއަށްދާ ކަމަށެވެ. ބިން ހިއްކުމުގެ މި ބޮޑު މަސައްކަތުގައި "ކުއީން އޮފް ދަ ނެދަލެންޑްސް" ކޮންނަބޯޓުން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ސެޕްޓެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތާ ގުޅޭގޮތުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ފަޅު ހިއްކުމަށް ކޮންޓްރެކްޓަރާއެކު ސޮއިކޮށް ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އެތަން އެއްކޮށް ހިއްކައި ނިމޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ، ގިރާވަރުފަޅުން ގޯތި ދޫކުރުމަށްޓަކައި ޖުމްލަ 169 ހެކްޓަރުގެ ބިން ހިއްކަންޖެހޭ ކަމަށެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން އެ ސަރަޙައްދުން ހިއްކާފައިވަނީ 54 ހެކްޓަރުގެ ބިމެވެ.

ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، އެތަނުން ގޯތި ލިބުނު ފަރާތްތަކަށް ބިމުގެ ރަޖިސްޓްރީ ހަދައިދީ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.