ކުޑަކުދިންނަށް ލޯތްބާއި އަޅާލުން ނުދީ ބޮޑުކުރާނަމަ، ދިރުއުޅުމުގައި ގިނަ ގޮންޖެހުންތައް މެދުވެރިވާނެ ކަމަށް ސައޮކޮލޮޖިސްޓުން ބުނެ އެވެ. ލޯބި ނުލިބުނުކަމުގެ ބައެއް އަލާމަތްކަމުގައި ފާހަގަކުރެވިފައި ވަނީ ކުރާކަންކަމުގައި ޔަގީންކަމެއް ނެތުމާއި ކުރިއަށް ދާންވާ މަގުގެއްލިފައިވާ މީހެއް ފަދައިން ކަންކަން ހުރުމެވެ. އެކަނިވެރިކަމާއި މީހުންނާއި އޭނާއާ އޮންނަ ގުޅުން ކުޑަވުމެވެ. އޭގެ އިތުރުން އެހެން މީހުން ބަލައިނުގަނެފާނެތީ ކަންބޮޑުވުމެވެ. ގާތް މީހަކު ގުޅުން ކަނޑާލަފާނެތީ އަބަދުވެސް ޖެހިލުންވުމެވެ.

ކުޑައިރު ލޯބި ނުލިބުމަކީ އަމިއްލައަށް ކުރި ކުށެއް ނޫނެވެ. އެއީ އަމިއްލަ ކޮންޓްރޯލެއް އޮތްކަމެއް ވެސް ނޫންކަމެވެ. އެކަމާ ކުރެވޭނެ ކަމެއް ވެސް ނެތްކަމެވެ. އަދި އަމިއްލަ ބާރެއް ވެސް އޮތް ކަމެއްނޫން ކަމެވެ. ލޯބި ނުލިބުނީ ބެލެނިވެރިކަން ހަވާލުވި މީހެއްގެ އިހުމާލުން ދިމާވި ކަމެއްގެ ސަބަބުންކަމެވެ. ލޯބި ނުލިބި ބޮޑުވި ކަމަށްވި ވިނަމަވެސް އެކި މީހުންގެ ތަޖުރިބާ ތަފާތުވާނެ އެވެ. އެކި މީހުންނަށް ދިރިއުޅުމުގައި ދިމާވަނީ ތަފާތު ކަންތައްތަކާ އެވެ.

ލޯބި ނުލިބި ބޮޑުވުމުން ދިމާވާނެ ކަންކަން އެނގިފައި އޮތުމަކީ އެކަމުން ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމުގެ ފުރަތަމަ މަރުހަލާ އެވެ. ސައިކޮލޮޖިސްޓުން ވަނީ ލޯބި ނުލިބި ބޮޑުވި މީހުންގެ ހަޔާތް ދިރާސާކޮށް އެފަރާތްތަކާ ދިމާވެފައިވާ އެއްގޮތް ކަންތައްތަކެއް ދެނެގަނެފަ އެވެ.

އެގޮތުން ފާހަގަ ކުރެވިފައިވާ އެއްކަމަކީ މީހުންނާ ގާތްގުޅުން އުފައްދަން އުނދަގޫވުމެވެ. ސައިކޮލޮޖިސްޓުން ފާހަގަކުރިގޮތުގައި، ކުޑައިރު ލޯބިނުލިބި ބޮޑުވާ ކުދިން ފަހުން މީހުންނާ ގާތްގުޅުން އުފައްދަން އުނދަގޫވެ އެވެ. އެހެން މީހުންނަށް އިތުބާރު ކުރަން އުނދަގޫވެ އެވެ. ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވެހުރުމަށް އަބަދުވެސް ދުރާލާ ރައްކާތެރިވެ ހުންނަކަމެވެ. އޭގެ ސަބަބުން މީހުންނާ ދުރުގޮތެއް ނުވަތަ ކަންކަމާއި އަޅާލުންކުޑަ ގޮތެއް ފާހަގަވާނެ އެވެ.

ލޯބިނުލިބި ބޮޑުވާ ކުދިންނަށް ދިރިއުޅުމުގައި ގިނަ ގޮންޖެހުން ދިމާވޭ

މިކަމަކީ ސައިކޮލޮޖިސްޓުން ބުނާގޮތުގައި ކުޑަކުދިން ބޮޑުވެގެން އައި ދުވަސްވަރު ލޯބި ނުލިބުމުގެ ސަބަބުން ލިބުނު ނަފްސާނީ އަނިޔާއިން އުފެދުނު ވިސްނުތަކެއްގެ ސަބަބުން، އެކަމުން ދުރުވެ ހުރުމަށް އެޅޭ ފިޔަވަޅެކެވެ. މި އިހްސާސްތައް އެކި މީހުންނަށް ކުރެވިފައިވަނީ އެކި މިންވަރަށް ކަމުގައިވާތީ އެންމެން އަމަލުކުރާގޮތް ތަފާތު ވެދެ އެވެ.

ސައިކޮލޮޖިސްޓުން ލަފާދޭ ގޮތުގައި މާޒީގައި ކޮންމެގޮތަކަށް ކަންތައް ދިމާވެފައިވި ނަމަވެސް އޭގެ ސަބަބުން ދިމާވެދާނެ ކަންކަން އޮޅުފިލުވުން މުހިންމު ކަމަށެވެ. އަދި ކަމާބެހޭ ފަރާތެއްގެ ލަފަޔާއި އެހީއާއެކު ދިމާވެފައިވާ އެކަނިވެރިކަމުން އަރައިގަތުމަކީ އުނދަގޫ ކަމެއް ނޫން ކަމެވެ.

މީހުންނަށް ބަރޯސާވެގެން ދިރިއުޅުމަކީ ލޯބި ނުލިބި ބޮޑުވާކުދިންގެ ފަރާތުން ފެންނަ އަމަލެއް ކަމަށް ހީކުރެވިފައިވީ ނަމަވެސް، ލޯބި ނުލިބި ބޮޑުވާ ކުދިންގެ ފަރާތުން ސައިކޮލޮޖިސްޓުންނަށް ފާހަގަވި ވަރަސް ޚައްސަ އެއްސިފައަކީ މީހުންނަށް ބަރޯސާ ނުވެ އުޅެން ދަސްވެފައިވުމެވެ. މިނިވަންކަމަށް ލޯބިކުރުމެވެ.

ސައިކޮލިޖިސްޓުން ބުނާގޮތުގައި ކުޑައިރު ކުދިންގެ އިހުސާސްތަކަށް އަޅާނުލެވުމުގެ ނަތީޖާއަކަށް ވަނީ އެކުދިން އަމިއްލަ ނަފްސަށް އެކަންކަމުގެ ހައްލު ހޯދުމަށް އެނބުރުމެވެ. އާޚިރުގައި އެކުދިން ބޮޑުވަމުންދާނީ އަމިއްލަ މިނިވަން ދިރިއުޅުމަކަށް ލޯބިކުރާ ބައެއްގެ ގޮތުގައި އެވެ.

ކިތަންމެ ބޭނުންވި ނަމަވެސް އެހެން މީހުންގެ އެހީއަށް އެދޭކަށް ބޭނުމެއް ނުވާނެ އެވެ. އެއީ އަމިއްލައަށް ހައްލު ކުރެވެން ޖެހޭނެ ކަމަށް އެކުދިންގެ ސިކުނޑިއަށް ވިސްނައި ދެވިފައި އޮންނާތީ އެވެ. މިކަމަކީ ސައިކޮލޮޖިސްޓުން ބުނާގޮތުގައި އެކަމުގައި ގޯހެއް އޮތްކަމެއް ނޫނެވެ. ނަމަވެސް، މީހުންނާ ގުޅުން އުފައްދަންޖެހޭ ހާލަތްތަކުގައި އެކަން ކުރަން އުނދަގޫވާނެ ކަމެކެވެ. މިސާލަކަށް ޓީމް މަސައްކަތެއްގައި އެހެން މީހުނާ ކަންކަން ހިއްސާކުރުމާއި، މަސައްކަތާއި މަސްއޫލިއްޔަތު ނުވަތަ ޒިންމާ ހަވާލު ކުރުމަކީ އެ މީހަކަށް ކުރަން އުނދަގޫ ކަމަކަށް ވާނެ އެވެ.

ރިޖެކްޝަން ސެންސިޓިވިޓީ ޑިސްފޯރިއާ: އެހެން މީހުން ބަލައި ނުގަނެފާނެތީ ބިރުގަތުން

މީހުން ބަލައިގަންނަ މީހަކަށް ނުވެދާނެތީ އެކަމުގެ ބިރަކީ ވެސް އެފަދަ ކުއްޖެއްގެ ފަރާތުން ސައިކޮލޮޖިސްޓުންނަށް ފާހަގަކުރެވުނު ސިފައެކެވެ. އެއަށް އެމީހުން ދީފައިވާ ނަމަކީ "ރިޖެކްޝަން ސެންސިޓިވިޓީ ޑިސްފޯރިއާ" އެވެ. ކުޑައިރު ލޯބި ލިބެންޖެހޭ މީހުންގެ ފަރާތުން ޚާއްސަކޮށް މަންމަ، ބައްޕަ އަދި ގާތްތިމާގެ މީހުންގެ ފަރާތުން ލޯބި ނުލިބޭކަމުގެ އިހްސާސް ވާނަމަ، އެ އިހްސާސް ފަހުން ބަދަލުވެގެންދަނީ ބިރުގަތުމާއެކު ޖެހިލުންވުމަށެވެ.

އެ ބިރު ހުންނަ މީހުންގެ ފަރާތުން އެންމެ އާންމުކޮށް ފެންނަ ކަމެއް ކަމަށް ސައިކޮލޮޖިސްޓުން ފާހަގަކުރަނީ އާ ތަޖުރިބާތަކާއި، އާ ފުރުސަތުތަކާ ކުރިމަތިލާން ޖެހިލުވުމެވެ. މުހިންމުކަން އެނގި ހުރެމެ، ކުރާހިތްވި ކަމުގައި ވީނަމަވެސް ބިރު ހަށިގަނޑަށް ބާރުފޯރުވައިފައި ވާތީ އެފަދަ ކަންކަމާ ދުރުހެލިވުމެވެ. ކަންކަމާ ކުރިމަތިލާން ޖެހިލުންވުމުގެ ބިރާއެކު ދިރިއުޅުމަކީ އެފަދަ މީހުންނަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ މައްސަލައެކެވެ. އެއީ ކުރިއަށް ދިއުމުގެ ގިނަ ފުރުސަތަތަކެއް ގެއްލޭނެ ކަމެކެވެ. އެހެން މީހުން ބުނެފާނެ އެއްޗަކަށް ނުވަތަ ކިޔާފާނެ ފާޑުކިއުމަކަށް ޖެހިލުންވާތީ މުހިންމު ކަންކަމާއި ކުރިމަތިލާން ނުކެރޭތީ އެވެ.

ސައިކޮލޮޖިސްޓުން ބުނާގޮތުގައި ޖެހިލުންވާކަމުގެ ބިރު ހުންނަކަން ދެނެގަތުމަކީ އެކަމުން އަރައިގަތުމަށް މުހިންމު ކަމެކެވެ. އެހެނީ އެފަދަބިރަކީ އެއްވެސް ހަގީގަތެއްނެތް ހަމައެކަނި އެމީހަކު އަމިއްލަ ހަށިގަނޑަށް އަރާފައިބާ އިހްސާސެކެވެ.

މީހުންގެ ސަމާލުކަން ހޯދުމަށް އެމީހުން ހިތްހަމަޖެއްސުމަކީ ވެސް ކުޑައިރު ލޯބި ނުލިބި ބޮޑުވާ މީހުންގެ ފަރާތުން ފެންނަ ވަރަށް އާންމު އަލާމާތެކެވެ. މީހުންގެ އެއްވެސް އެދުމަކަށް "ނޫން" ބުނަން އެފަދަ މީހަކަށް އުނދަގޫ ވާނެ އެވެ. އަދި އަބަދުވެސް އަނެކާގެ ކަންތައް އިސްކުރެ އެވެ. މި ސިފަ ހުންނަ މީހުންނަކީ ދެއްކުންތެރި ނުވަތަ ދެރަނިކަމެތި ބައެއްގެ ގޮތުގައި މުޖްތަމައު ބަލައިގަންނެ، އެމީހުންނަށް މަލާމާތް ކުރެވޭ ބައެކެވެ. އެ މީހުން ލޭބަލްވެފައި ވަނީ ކަންދެއްކުމަށް ކަންކަންކުރާ ނުވަތަ "ފޮނި" މީހުންގެ ގޮތުގަ އެވެ.

ހަގީގަތަކީ ދެ އިންސާނަކު އެއްގޮތަކަށް ބޮޑުނުވާނެކަމެވެ. އެކި މީހުންނަށް ހަޔާތުގެ ރޭހުގައި ދިމާވާނީ ތަފާތު ތަޖުރިބާތަކާ އެވެ. ނަމަވެސް ކޮންމެ މީހަކީ ވެސް ތިމާފަދަ އިންސާނެއްކަން ދެނެގަނެ އަނެކުންގެ އިހުސާސްތަކަށް އިހުތިރާމްކޮށް އެމީހަކު ބަލައިގަތުމަކީ މުހިންމު ކަމެކެވެ.