ހުޅުމާލެ ފޭސް ދޭއްގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބިދޭސީންތަކެއް ކާނާ ވިހަވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދިޔަ މީހުންގެ ތެރެއިން 17 މީހަކު ދޫކޮށްލައިފި އެވެ.

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބިދޭސީންތަކެއް ކާނާ ވިހަވެގެން ފަރުވާ ދޭން ފަށާފައި ވަނީ ރޭ 11:30 ކަންހާއިރު އެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "ހުރިހާ"އަށް ވިދާޅުވީ، ކާނާ ވިހަވެެގެން އެ ހޮސްޕިޓަލަށް ބަޔަކު ގެނެސް ފަރުވާ ދީފައިވާ ކަމަށާއި އެގޮތުން 19 ބިދޭސީއަކަށް އެ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށެވެ. ނަމަވެސް މިހާރު ހާލު ރަނގަޅުވެ، 17 މީހަކު ގެއަށް ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް އިތުރަށް ބުނީ އަދިވެސް ދެ މީހަކަށް ފަރުވާދެމުން އަންނަ ކަމަށާއި ނަމަވެސް އެ ދެމީޙުންގެ ހާލު ސީރިއަސް ނޫންކަމުން ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި އެ ދެމީޙުންވެސް ދޫކޮށްލާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ރޭން ފެށިގެން 19 މީހަކަށް ފަރުވާދިން ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

ނަމަވެސް އަދި މިހާތަނަށް އެ ބިދޭސީންތައް ކާނާވިހަވެފައިވަނީ ކޮން ބާވަތެއްގެ ކާނާއެއް ބޭނުންކޮށްގެން ކަމެއް ސާފެއް ނުވެ އެވެ.