ރާއްޖޭގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓެއިންމަންޓްގެ މުޅިން އާ އުފެއްދުމެއް މީޑިއާނެޓްގެ ވީޑިއޯ ކްލަަބަށް އަންނަން ތައްޔާރު ވެއްޖެ އެވެ.
"ފެށުމާއި ނިމުން"ގެ ނަމުގައި އުފައްދާ މި ސީރީޒްއަކީ ލޯތްބެއްގެ ފެށުމާއި ނިމުން އަންނަ ގޮތް ދައްކުވައިދޭނެ ސީރީޒްއެއް ކަމަށް ޑާކްރެއިންއިން ބުނެ އެވެ.
މީޑިއާނެޓްގެ އޮރިޖިނަލްއެއްގެ ގޮތުގައި ރިލީޒްކުރާ އެ ސީރީޒްގެ ލީޑު ރޯލުތަކުން ފެނިގެންދަނީ އާމިނަތު ޝުހާއާއި ޝަރަފް އަބްދުﷲ އެވެ.
ޝަހުދާ މަހުމޫދުގެ ސްކްރީން ޕްލޭއަކަށް އާއިޝަތު ފުވާދާއި މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކުރާ "ފެށުމާއި ނިމުން" ޑައިރެކްޓް ކުރާނީ އަލީ ޝަފީއު އެވެ.
ޑާކްރެއިންއިން އަންނަނީ މި އުފެއްދުމުގެ ގިނަ މައުލޫމާތުތަކެއް އެ ޕްރޮޑަކްޝަންގެ ސޯޝަލް މީޑިއާގައި އާއްމު ކުރަމުންނެވެ. އެގޮތުން މިމަހުގެ ކުރީކޮޅު އެ ސީރީޒްގެ ފުރަތަމަ ޕޯސްޓަރު ވެސް އާއްމުކޮށްފައިވެ އެވެ.
މި ސީރީޒްގެ ސްކްރީންޕްލޭ ނިމި ޝޫޓިންގެ މަސައްކަތްތައް ކުރިއަށް ދާއިރު ޝޯ ވީޑިއޯ ކްލަބަށް އަންނާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ޑާކްރެއިންގެ އުފެއްދުމެއް ކަމަށްވާ "ރޯލީމޭ" ވެސް ވީޑިއޯ ކްލަބްގައި ސްޓްރީމް ކުރެވެމުން ދާއިރު އެ ސީރީޒްއަށް ވެސް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.