ބެންކޮކް (މާޗް 28) - މިޔަންމާ އާއި އަވަށްޓެރި ތައިލެންޑާއި ވިއެޓްނާމަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި 153 އަށް ވުރެ ގިނަ މީހުން މަރުވެ، އިމާރާތްތަކާއި މުހިންމު ބްރިޖުތައް ވެއްޓި މަގުތައް ވެސް ފަޅައިގެން ހިނގައްޖެ އެވެ.
މިޔަންމާގެ ސަރުކާރުން ހިންގާ އެމްއާރު ޓީވީގެ ޓެލެގްރާމް ޗެނަލްގައި ބުނެފައި ވަނީ މިޔަންމާގައި 144 މީހުން މަރުވެ 700 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
އެ ގައުމުގެ ވެރިކަންކުރާ ޖުންޓާގެ ޗީފް ސީނިއާ ޖެނެރަލް މިން އަންގް ހަލައިންގް އެމްއާރްޓީވީން ބްރޯޑްކާސްޓްކުރި ތަގުރީރުގައި ވިދާޅުވީ ރިލީފް މަސައްކަތްތަކަށް ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދިފައިވާނެ ކަމަށާއި އޭއެޗްއޭ ސެންޓަރު (އާސިއާން ޑިޒާސްޓާ ރެސްޕޮންސް އޯގަނައިޒޭޝަން) އާއި އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައިސްފައި ވަނީ ސަގައިން ސިޓީގެ ހުޅަނގު އުތުރުން އަޑިއަށް ކަމަށެވެ. އޭގެ މިނެޓެއް ފަހުން 6.4 މެގްނިޓިއުޑްގެ އާފްޓާޝޮކެއް އެ ސަރަހައްދަށް އެރި އެވެ.
"އަޅުގަނޑުމެން އެދެނީ ބައިނަލްއަގްވާމީ މުޖުތަމައުން ވީހާވެސް އަވަހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން،" ޖުންޓާގެ ތަރުޖަމާނު ޒައު މިން ތޫން ހޮސްޕިޓަލުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނޭޕިޓޯ، މަންޑަލޭ އަދި ސާގިންގެ ސަރުކާރު ހޮސްޕިޓަލްތައް ވެސް ވަނީ ބަލި މީހުންއިން ފުރިފަ އެވެ. މީގެ ކުރިން ނޭޕިޓޯގެ 1000 އެނދުގެ ހޮސްޕިޓަލެއްގައި 20 މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.
މިޔަންމާގެ ސިޓީތަކުގެ ތަރައްގީގެ ދުވެލި ހުއްޓިފައިވުމާއި އުމްރާނީ ވަސީލަތްތައް ހަލާކުވެ އާބަން ޕްލޭނިން ދަށްވުމުގެ ސަބަބުން އެ ގައުމުގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތައް ވެސް ބިންހެލުމާއި އެހެނިހެން ކާރިސާތަކުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.