ރޭގަނޑު ދަންވަރު ބަނޑުހައިވާ ވަގުތުތަކުގައި ފަސޭހައިން އަތުޖެހޭ ޗިޕްސް، ކުކީސް ނުވަތަ ސީރިއަލް ތައްޓެއް ބޯލުމަކީ އާންމު އާދައަކަށް ވީނަމަވެސް، މިއީ އަރާމު ނިންޖަކަށް އެޅޭ ހުރަހެއް ކަމަށާއި އޭގެ ބަދަލުގައި އެންމެ އެކަށީގެންވާ ކާނާއަކީ ނަޓްސްއާއި ހިއްކާފައި ހުންނަ ޓާޓް ޗެރީ ކަމަށް ކާނާއާ ބެހޭ މާހިރުން ހާމަކޮށްފި އެވެ.
ރެޖިސްޓާޑް ޑައިޓީޝަނުންނާއި ކާނާއާ ބެހޭ މާހިރުން ލަފާދޭ ގޮތުގައި، ޕިސްޓާޗިއޯ ފަދަ ނަޓްސްގެ ބާވަތްތަކާއި ހިއްކާފައި ހުންނަ "ޓާޓް ޗެރީ" އެއްކޮށްލައިގެން ކެއުމަކީ ނިދުމުގެ ކުރިން ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލިއްބައިދޭނެ އެންމެ ފުރިހަމަ "ސްނޫޒް މިކްސް" އެވެ. ކާނާއާ ބެހޭ މާހިރު ޖެކީ ނިއުޖެންޓް ބަޔާންކުރާ ގޮތުގައި މިއީ ތައްޔާރުކޮށްލަން ފަސޭހަ، މީރު އަދި ސައިންޓިފިކް ގޮތުން ވެސް އަރާމު ނިންޖަކަށް މަގުފަހިކޮށްދޭ ކަމަށް ސާބިތުވެފައިވާ އެއްޗެކެވެ.
މި ކާނާ ހާއްސަވާ މައިގަނޑު ސަބަބަކީ، ހަށިގަނޑަށް ބުރަވުމެއް ނެތި ބަނޑުފުރައިދިނުމާއި ނިދުމަށް ބޭނުންވާ މާއްދާތައް އޭގައި އެކުލެވިގެންވުމެވެ. ޕިސްޓާޗިއޯގައި ހިމެނޭ ޕްރޮޓީން، ސިއްހަތަށް ފައިދާހުރި ފެޓްސް، އަދި ފައިބަރުގެ ސަބަބުން ލޭގެ ހަކުރު ކުއްލިއަކަށް ދަށްވިޔަނުދީ، މުޅި ރޭގަނޑު ބަނޑުހައިނުވެ ހުރުމަށް އެހީތެރިވެދެ އެވެ.
މާހިރު ސަޕްނާ ޕެރުވެމްބާ ވިދާޅުވީ މީގެ ސަބަބުން ދަންވަރު ހޭލެވޭ ހޭލެވުމުން ރައްކާތެރިކޮށްދޭ ކަމަށެވެ. މީގެއިތުރުން، ޓާޓް ޗެރީއަކީ ނިދުމުގެ ނިޒާމު ހަމަޖައްސައިދޭ ހޯމޯން ކަމަށްވާ "މެލަޓޯނިން" ގުދުރަތީ ގޮތުން ގިނައިން އެކުލެވޭ އެއްޗެކެވެ. އަދި ނަޓްސްގައި ހިމެނޭ "މެގްނީޒިއަމް" އަކީ ހަށިގަނޑު ރީލެކްސް ކޮށްދިނުމަށް އެހީވާ މާއްދާއެކެވެ.
މި ކާނާއަކީ ކެފެއިން ނުހިމެނޭ، ހަކުރު މަދު އަދި ބަނޑަށް ލުއި ކާނާއެކެވެ. މީގެއިތުރުން، އަމިއްލަ ސިއްހީ ބޭނުންތަކަށް ރިއާޔަތްކޮށް މި ކާނާއަށް ބަދަލު ގެނެވިދާނެ އެވެ. އެގޮތުން ނިދި ފަސޭހަކުރުމަށް ޕަމްޕްކިން ސީޑް އެއްކޮށްލެވިދާނެ އެވެ. މަސްތަކުގެ ވަރުބަލިކަން ފިލުވަން ނަޓްސް ގިނަކުރެވިދާނެ އެވެ. އަދި ބަރުދަން ލުއިކުރަން ބޭނުންނަމަ ހަކުރު ނާޅާ ހިއްކި ޗެރީ މަދު މިންވަރަކަށް ބޭނުންކުރެވިދާނެ އެވެ. މީގެ ބަދަލުގައި އާފަލު ފޮއްޗާއި ޕީނަޓް ބަޓަރު، ނުވަތަ ޔޯގަޓާއި ޗިއާ ސީޑްސް ވެސް ބޭނުންކުރެވިދާނެ ކަމަށް މާހިރުން ބުނެ އެވެ.
ނަމަވެސް، ސިއްހަތަށް ފައިދާހުރި ބައެއް ތަކެއްޗަކީ ރޭގަނޑު ދަންވަރު ކެއުމަށް ރަނގަޅު ތަކެތި ނޫންކަން މާހިރުން ފާހަގަކުރެ އެވެ. އޭގެ ތެރޭގައި ކެފެއިން އެކުލެވޭ ޑާކް ޗޮކްލެޓާއި ގްރީން ޓީ ފަދަ ބުއިންތަކާއި، ހަކުރު ގިނަ އަދި ޕްރޮޓީން މަދު ކާނާ ހިމެނެ އެވެ. އަދި ފައިދާހުރި ކާނާއެއް ނަމަވެސް، ނިދުމުގެ ކުރިން މާ ގިނައިން ކެއުމަކީ ބަނޑަށް އުނދަގޫވެ ނިދުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ވެސް މާހިރުން ވަނީ ހަނދާންކޮށްދީފަ އެވެ.
ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރަންޑަމަކަށް ނުދާނަން: ރައީސް
"ރަސްމާލެއާ ގުޅޭ ބިލަކީ ރާއްޖެ ސެކިއުލާ ކުރުމަށް ހުށަހެޅި ބިލެއް"