ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި، މީހުންނަށް ނޭނގޭހެން ސިއްރުން ރެކޯޑުކޮށްފައިވާ ވީޑިއޯ މަންޒަރުތައް ބޭނުންކޮށްގެން އުތުރު ކޮރެއާގެ ސަރުކާރުގެ އެހީތެރިކަން ލިބޭ ހެކަރުން 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަމަށް އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބުރާސްފަތި ދުވަހު ބުނެފި އެވެ.

"ފޭސް ސްޓީލާ" ގެ ނަމުން އެފްބީއައި އިން ނަންދީފައިވާ މި އޮޅުވާލުމުގެ ރޭވުމުގެ ދަށުން، މީހުން ވީޑިއޯ ޗެޓްތަކަށް ގެންދަނީ ޒޫމް، މައިކްރޯސޮފްޓް ޓީމްސް އަދި ގޫގުލް މީޓް ފަދަ މަޝްހޫރު ސޮފްޓްވެއާތަކުގެ ސައްހަ ނޫން ނަކަލުތައް ބޭނުންކޮށްގެންނެވެ.

މި މީހުންނަށް ވީޑިއޯ ކޯލްތަކަށް ދައުވަތު ލިބެނީ ކުރިން މުއާމަލާތްކޮށްފައިވާ އިތުބާރު ހުރި މީހުންގެ ފަރާތުންނެވެ. ނަމަވެސް، އެމީހުންގެ ސޯޝަލް މީޑިއާ އާއި މުއާމަލާތްކުރާ އެކައުންޓްތައް ވަނީ ކުރިން ހެކްކޮށް، އެމީހުންގެ ވީޑިއޯ މަންޒަރުތައް ސިއްރުން ރެކޯޑުކޮށްފަ އެވެ.

ކޯލަށް އެރުމުން، އެމީހާގެ މަންޒަރުތައް ވެސް ރެކޯޑުކުރަމުންދާއިރު، ޓެކްނިކަލް މައްސަލައެއް ޖެހިފައިވާކަމަށް ދައްކައި އެކަން ހައްލުކުރުމަށް ލިންކަކަށް ފިތުމަށް ބުނެ އެވެ. އެ ލިންކަށް ފިތުމާއެކު، އެމީހެއްގެ ކޮމްޕިއުޓަރާއި ސޯޝަލް މީޑިއާ އެކައުންޓްތަކަށް ވައިރަސް ފޮނުވާލައި ހެކްކޮށްލަ އެވެ. އަދި އެއަށްފަހު، އެމީހާގެ އެކައުންޓް މެދުވެރިކޮށް އޭނާގެ ކޮންޓެކްޓް ލިސްޓުގައި ތިބި އިތުރު މީހުންނަށް އަމާޒުކުރެ އެވެ.

އެފްބީއައި އިން ބުނި ގޮތުގައި، މިގޮތަށް އޮޅުވާލައިގެން ހޯދާފައިވާ 900 އަށްވުރެ ގިނަ ވެބްކެމް ވީޑިއޯ މިހާރު ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މީގެ އިތުރުން، ކްރިޕްޓޯކަރަންސީ އަދި ބްލޮކްޗެއިން ދާއިރާގެ ނުފޫޒުގަދަ އަދި މަޝްހޫރު މީހުންގެ "ޑީޕްފޭކް" ވީޑިއޯ އުފެއްދުމަށް ހެކަރުން މިހާރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަން ފަށާފައިވާކަމަށް ވެސް އެފްބީއައި އިން ފާހަގަކޮށްފައިވެ އެވެ.

އެފްބީއައި އިން ހާމަކުރި ގޮތުގައި މި އަމަލުތައް ހިންގަނީ "ސެފަޔާ ސީލްޓް" ނުވަތަ ޔޫއެންސީ1069 ގެ ނަމުން މަޝްހޫރުވެފައިވާ އުތުރު ކޮރެއާގެ ހެކަރުންގެ ގްރޫޕަކުންނެވެ. މިއީ ދާދި ފަހުން ބައިނޭންސް އެކްސްޗޭންޖުން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގި މައްސަލައާ ގުޅުންހުރި ހެކަރުންނާ ތަފާތު، ވަކި ގްރޫޕެކެވެ.