އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހިމެނޭ ކުއްޖާގެ ކަރާމަތަށް ގެއްލުންވާނެ ގޮތަށް މައުލޫމާތު ދައުރު ނުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ (ޖެންޑާ މިނިސްޓްރީ) އިން އިލްތިމާސްކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުދިންނަކީ އާއިލާއާއި، ޖަމާއަތާއި، ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބައެއް ކަމަށެވެ. ނަމަވެސް އެ ހަމަތަކާ ހިލާފަށް ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެކުދިންގެ ޒާތީ މައުލޫމާތު މީޑިއާގެ އެކިއެކި މަންސަތަކުގައި ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކުށުގެ ތުހުމަތެއް ކުރެވިފައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ތަސްވީރެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ޝާއިއުކުރުމަކީ މަނާކަމެކެވެ. ނަމަވެސް، މީޑިއާ އަދި ސޯޝަލް މީޑިއާގައި މި މައްސަލައިގައި އަނިޔާލިބުނު ކުއްޖާއާ ގުޅޭ ޒާތީ މައުލޫމާތުތަކެއް ހާމަކޮށްފައިވާކަން މިނިސްޓްރީން ފާހަގަކުރި އެވެ.

ޖިންސީ ގޯނާގެ ތުހުމަތުވާ މައްސަލައިގައި ޝާހިދު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހާފަ އެވެ. މިއީ ކުޑަކުއްޖެއް ހިމެނޭ މައްސަލައަކަށްވާތީ ފުލުހުންނާއި ކޯޓުންވެސް މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އާންމުކޮށްފައެއް ނުވެ އެވެ.