ރަސްމާލޭގައި އެއްވެސް ވަރަކަށް ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް، ޙުއްދަ ނަގައިގެން އެތަނުގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ދީނީ އިލްމުވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެއްޖެ އެވެ.

މި ބައްދަލުވުމުގެ އޯޑިއޯ މީސްމީޑިއާގައި ލީކުވެފައިވާއިރު، ބަންޑާރަނައިބު އުޝާމް ވިދާޅުވީ ރަސްމާލެ ތަރައްޤީ ކުރާނީ ވަކި ރަށެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖޭގެ ރިސޯޓުތަކެކޭ އެއްފަދައިން އެތަނުގައި ހަދާ ހޮޓާތަކަށް ލައިސަންސް ނަގައިގެން ބަނގުރަލުގެ ވިޔަފާރި ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި ސަރުކާރުން ކަނޑައަޅާ ވަކި ހޮޓާތަކެއްގެ ރެސްޓޯރަންޓްތަކުގައި ބަނގުރާ ވިއްކުން މުޅިން މަނަލެއް ނޫނެވެ. ނަމަވެސް، ޤާނޫނުގައިވާ ގޮތުގެ މަތިން އެތަނުން ދިވެހިންނަށް ރާ ނުވިއްކޭނެ ކަމަށާއި ދިވެހިންނަށް އެ ފުރުސަތު ނޯންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އުޝާމް ވިދާޅުވީ ރަސްމާލޭގައި ކެސިނޯ ފަދަ ތަންތަން ނުހަދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެތަނުގައި ކުރެވޭނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މީގެ ކުރިން ރައީސް އޮފީހުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވަނީ ރަސްމާލޭގައި ރަލުގެ އެއްވެސް މުއާމަލާތެއް ނުހިނގާނެ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެތަނުގައި ރަލާއި އޫރުމަސް ނުވިއްކޭނެ ކަމަށާއި އެތަނުގެ އުސޫލުތައް ރިސޯޓުތަކަށް ވުރެ ވެސް ހަރުކަށިވާނެ ކަމަށެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަން ޤާނޫނުގައި ލިޔެގެން ކަށަވަރު ކުރައްވާނެ ކަމަށް ވެސް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެތަނަށް މުޅިންހެން އަންނާނީ މުސްލިމުން ކަމަށާއި، އެ ނޫން ގޮތަކަށް އުޅެން އެތަނަށް ބަޔަކު ނާންނާނެ އެވެ.

ފުށިދިއްގަރުފަޅު ބިންހިއްކައިގެން ތަރައްޤީކުރާ ރަސްމާލެ މަޝްރޫޢުން ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދޭން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.