ބަތަލާ ވާޝިޔާ މުހައްމަދަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އަދި އެންމެ ޑިމާންޑްބޮޑު އެއް ތަރި އެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ކޮޕީ އިސްމާއިލް ރަޝީދުގެ ތައާރަފެއް މި ފެށުމަކަށް އަމުދަކުން ބޭނުމެއް ވެސް ނުވެ އެވެ.
ޒުވާން ބަތަލް އަހުމަދު ޝާރިފް އަކީ އަރަމުން އަންނަ ތަރިންގެ ތެރޭގައިވީ އެންމެ ބޮޑު އެއް ރައުސްމާލެވެ. ސޫޒަން އިބްރާހިމްފުޅުގެ ހުނަރުވެރިކަން މުޅި ރާއްޖެ ވަނީ ބައިސްކޯފްގެ ޑްރާމާ ސިލްސިލާ 'ގަމިނި' އިން ބަލައި އަންތަރީސްވެފަ އެވެ.
ދެން މި އޮތީ މި ފިލްމުގެ ޑައިރެކްޓަރު މޫމިން ފުއާދުގެ ނަމެވެ. މިއީ ދިވެހި ސިނަމާގެ ތާރީޚުގައި މިހާތަނަށް އުފެއްދި އެންމެ މޮޅު ދެ ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ 'ހޭލާ' އާއި 'ލޫދިފާ' ލިޔެ ޑައިރެކްޓްކުރި ކުޅަދާނަ ހުނަރެވެ. އަނެއްކޮޅުން އޭނާގެ މި އާ ފިލްމުގެ ޕްރޮޑިއުސަރުގެ ގޮނޑީގައި 'ލޫދިފާ' ގެ ޕްރޮޑިއުސަރާއި ފަހަތުގައި އެ ފިލްމުގެ ޓީމު އޮތުމަކީ އަންނަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު އޮލިމްޕަހުގައި ދައްކަން ފަށާ 'އަބަދަށް' ބަލަން ގެއިން ނުކުމެގެން ދާން މަޖުބޫރުވާހާ ގިނަ ސަބަބުތަކެވެ.
ފިލްމުގެ ތަޖުރިބާކާރު ސިނަމަޓޯގްރަފާ ކަނޑި ވިސާން އާއި މިއުޒިކް ކޮމްޕޯޒަރު މުހައްމަދު އިކްރާމް އަކީ ވެސް ހައްތަހާ ވެސް މި ފިލްމާ މެދު ކުރެވޭ އުއްމީދުތައް އުޑަށް އަރައިގެން ގޮސްފައިވާހާ ސަބަބުތަކުގެ ތެރެއިން ސަބަބެވެ.
އެކަމަކު މި ވާހަކަތަކަށް އެކަނި އިތުބާރުކުރާނެ ކަމެއް ނެތެވެ. މި އޮތީ މޫމިންގެ އާ ފިލްމު "އަބަދަށް' ގެ ޓްރެއިލާ އެވެ. މި ޓްރެއިލާ އިން ދޭ ޔަގީންކަން ވަރަށް ވެސް ސާފެވެ. މިއީ އަހަރުގެ ބޮޑު ފިލްމެވެ. އެންމެންގެ ހިތް އެ ފިލްމަކަށް ބަންޑުންވާނެ ފިލްމެވެ.
ނޫރު އެން މޫވީޒް އިން ގެނެސްދޭ މި ފިލްމުގެ ޓްރެއިލާ ފަށަނީ ވެސް އިންޒާރުގެ ރަނގަބީލުތަކަކުންނެވެ.
"ދެ ސިފައިން ސިކުނޑިއަށް ވިހަލާ ހިސާބުން އިންސާނާގެ ސިކުނޑި އަކީ ނިއުކްލިއާ ބޮމެކެވެ"، މިއީ ފިލްމުގެ ޓްރެއިލާ ހުޅުވައިލުމާ އެކު ދޭ އިންޒާރެވެ.
އެއަށް ފަހު ދެން އިވެން ފަށަނީ ފިލްމުގައި ލީޑްރޯލު ކުޅެފައިވާ ބަތަލާ ވާޝިޔާގެ ހަށިގަނޑުގައި އަނދަމުންދާ އިހުސާސްތަކުގެ އަޑެވެ. އޭނާ ބުނެތެވެ.
"އަހަންނަށް މުޅި ދުނިޔެ ބަދަލުވެއްޖެ. ހަގީގަތް އޮޅިއްޖެ. އަހަންނަށް އަހަރެން ބޭކާރުވެއްޖެ. ސިކުނޑި ބަންދުވެއްޖެ. ގޮތްހުސްވެއްޖެ. ފޫހިވެއްޖެ. އަހަންނަށް އަހަރެން ގިނަވެއްޖެ."
އެއާއެކު ކަޓުކޮށްލަނީ ފިލްމުގައި ނުރައްކާތެރި ގޭންގުސްޓާރެއްގެ ރޯލު ކުޅެފައިވާ ޒުވާން އެކްޓަރު ޝާރިފްގެ ވަރުގަދަ ޝޮޓަކަށެވެ. އެ މަންޒަރުގައިވީ ފުންކަމުން ބޮލާއި ހިތަށް ތީރުތައް ފޮނުވަން ފަށަނީ ފަހަތުން އިވެން ފަށާ ފިލްމުގެ ވަރުގަދަ ތީމް ލަވަ އެވެ.
ފަތުހުﷲ އަބްދުލް ފައްތާހު ނުވަތަ ފަތޯގެ ނަމުން އެންމެން ދަންނަ އާޓިސްޓް ލިޔެފައިވާ ލަވައިގައި އިވެނީ މިހެންނެވެ. ޒުވާން ލަވަކިޔުންތެރިޔާ އަލީ އިއުފާފު އިސްމާއިލްގެ ވަރުގަދަ ގަދަފަދަ އަޑުންނެވެ.
"ރޭދުވާ ކޮންމެ ހޭދަވާ، ވީބާ އުޅެން ވޭނުގާ"
"ދިރިއުޅެން މަޖުބޫރުވީ، ހަނގުރާމަކުރަމުންތާ"
"ގޮތް ދޫކުރުމެއް ނެތްތާ، ފަސްބެލުމެއް ނެތްތާ"
"އަމާން ދީފި ނަމަ ޖާގަ ލިބޭނީ ކަށްވަޅުންތާ"
މި ވަރުގަދަ އިންޒާރާއި އިބްރަތްތަކުން ވިރުވައިއަޅަމުން ގޮސް ދެން ފެންނަނީ ބޮޑު ސްކްރީނުގައި ބަލައިލުމަށް އެންމެ ގިނަ ބަޔަކު ކެތްމަދުވެފައިވާ ކުޅަދާނަ އެކްޓަރު ކޮޕީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ. މި ފިލްމުގައި އޭނާ ފެނިގެން ދަނީ މީގެ ކުރިން ދުވަހަކުވެސް އޮން ސްކްރީނުން ފެނިފައިނުވާ ފަދަ ގޮތަކަށެވެ. އިއްސެގެ ދިގު ކެރިއަރުގައި ވެސް އޭނާ މިފަދަ ތަފާތު ލުކަކާ އެކު ރިހި ސްކްރީނުން ފެނިފައެއް ނެތެވެ.
ފިލްމުގައި އޭނާ ކުޅެނީ ސިފައިންގެ ކާނަލްއެއްގެ ރޯލެވެ. އިއްސެ އަކީ އަބަދުވެސް އޭނާ ކުޅޭ ކޮންމެ ކެރެކްޓާއަކަށް ވެސް ވަދެ، އިސްމާއިލް ރަޝީދު ގެއްލުވާލާ ތަޖުރިބާކާރެކެވެ. އޭނާގެ މި ތަފާތު ރޯލަކީ އަދި އޭނާ މި ރޯލަށް ތައްޔާރުވި ގޮތަކީ އަދި މުޅިން އެހެން އާޓިކަލެއްގައި ލިޔާވަރުގެ ސަޅި ވާހަކަ އެކެވެ.
މޫމިންގެ ފިލްމުތަކަކީ އަބަދުވެސް 'ބޮޑެތި ފިލްމު' ތަކެވެ. އޭނާގެ ފިލްމުތަކުން ރާއްޖޭގެ އެންމެ ބޮޑެތި ސްޓާރުން ފެނިގެންދަނީ ވެސް ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެގޮތުން މި ފިލްމަކީ ރާއްޖޭގެ އެންމެ މަގްބޫލު އަދި އެންމެ ކުޅަދާނަ ނުވަތަ އޮންސްކްރީންގައި އެންމެ ކާމިޔާބު އެކްޓަރު، ޔޫސުފް ޝަފީއު (ޔޫއްޕެ) އާ އެކުގައި އަނެއްކާވެސް މޫމިން ކޮށްފައިވާ ބޮޑު މަސައްކަތެކެވެ.
ކޮންމެއަކަސް މި ޓްރެއިލާ އަށް ފަހު މި ފިލްމު ބަލަން ކެތްމަދުވެއްޖެ އެވެ. ދިވެހި ފިލްމެއް ބަލަން ގެއިން ނުނިކުމެ އޮންނަން ހިތުން ނިޔަތް ލައިގެން އޮތް އޮތުން ނިންމާލާފައި އެންމެފަހުން އޮލިމްޕަހުގެ ޓިކެޓު ކައުންޓަރުގެ ކިޔޫގައި ޖެހެން ދާން މި ޖެހުނީ އެވެ.