ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިރާގުން މި އަހަރު ވެސް ސޮއިކޮށްފި އެވެ.

ދިރާގަކީ 2023 އިން 2024 ވަނަ އަހަރަށް ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕަރޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ.

މި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ތަފާތު މުބާރާތްތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގައި ސްކޭޓިން ކުރިއެރުވުމަށް ދިރާގާއި ސްކޭޓް މޯލްޑިވްސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްކޭޓް މޯލްޑިވްސްއަކީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސްކޭޓިން އާ ބެހޭ ގައުމީ އެސޯސިއޭޝަނެވެ. 2023 ވަނަ އަހަރު، މި އެސޯސިއޭޝަންއިން ވަނީ ވޯލްޑް ސްކޭޓްގެ ޕްރޮވިޝަނަލް އެފިލިއޭޓް މެމްބަރުކަން ހާސިލުކުރުމަށްފަހު، އެއް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ވޯލްޑް ސްކޭޓްގެ މެމްބަރުކަން 2024 ވަނަ އަހަރު ހާސިލުކޮށްފަ އެވެ. އަދި، ރާއްޖޭގައި ހިންގާ ސްކޭޓިންއާ ގުޅުންހުރި އެންމެހާ ހަރަކާތްތައް ހިންގަމުންދަނީ ސްކޭޓް މޯލްޑިވްސްގެ ބެލުމުގެ ދަށުންނެވެ.

"ދިރާގާއި ސްކޭޓް މޯލްޑިވްސްއާ ދެމެދު އޮތް ޕާޓްނަރޝިޕް ދަމަހައްޓައި، ކުރިއަށް އޮތް ޖީލުތަކުގެ ސްކޭޓަރުން އުފެއްދުމުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޒުވާނުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށްދިއުމުގެ މަގުތައް ހުޅުވައިދީ، ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ، ރާއްޖޭގެ އިތުރުން، ބައިނަލްއަގުވާމީ މައިދާންތަކުން ވެސް ދިވެހި ސްކޭޓަރުންގެ ހުނަރުތައް ފެނިގެންދިއުން" ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މަރކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.

ރާއްޖޭގައި ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް، ހާއްސަކޮށް ސްކޭޓިން ކުރިއެރުވުމަށް ދިރާގުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް ސްކޭޓް މޯލްޑިވްސްގެ ރައީސް، މުހައްމަދު ހާނިމް ވަނީ ޝުކުރުއަދާކޮށްފަ އެވެ.

"އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް މި ކުޅިވަރު ތަރައްގީކުރުމަށް ޑިވެލޮޕްމަންޓް ޕަރޓްނަރެއްގެ ގޮތުން ދިރާގުން ދީފައިވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރަން. އަޅުގަނޑުމެންގެ އުންމީދަކީ ދިރާގާއެކު މި އޮތް ޕާޓްނަރޝިޕް އިތުރަށް ވަރުގަދަކޮށް، އިތުރު ކާމިޔާބީތައް ހާސިލުކުރުން" ހާނިމް ވިދާޅުވި އެވެ.

ދިރާގަކީ، ރާއްޖޭގައި ސްކޭޓިން ފަދަ ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.