އައްޑުއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޓީ އެވެ. އާބާދީގެ ގޮތުންނާއި ތައުލީމާއި ތަހުޒީބުގެ ގޮތުން ވެސް އައްޑޫއަކީ ރާއްޖޭގެ ނިސްބަތުން ކުރީގައި އޮތް އަތޮޅެކެވެ. އެހެނަސް އަތޮޅުގެ ރައްޔިތުންގެ އުންމީދު ތަކުގައި ކުލަޖެއްސުމަށް މައި ސަރުކާރުން ފަސްޖެހޭކަމުގެ ޝަކުވާ އަބަދު ވެސް އޮވެ އެވެ. އިންތިޚާބުތަކާ ދިމާކޮށް ޕާޓީތަކުންކުރާ ވައުދުތަކާއި ރައްޔިތުންގެ ޝަކުވާގެ އަޑު ބާރުވެގެންދެ އެވެ.

"އަޅުގަނޑުމެންގެ ރަށްތަކުގައި ދިރިއުޅޭ މީސްކޮޅަށް ކޮންމެހެން ވެސް ބޭނުންވާ އަސާސީ ކަންތައްތައް ކޮށް ދިނުމުގައި މާލޭގެ ސަރުކާރުން ވަނީ ފުރަގަސް ދީފަ އެވެ." މިއީ ދެކުނުގެ ތިން އަތޮޅު ހިމެނޭހެން އައްޑޫގައި ގާއިމުކުރި ޔުނައިޓެޑް ސުވާދީވް ސަރުކާރު އުފައްދަން ދިމާވި މައިގަނޑު ސަބަބުކަމުގައި އެ ސަރުކާރުގެ ބާނީ ހިތަދޫ، އަބްދުﷲ އަފީފު ދީދީ ލިއުއްވާ ގޮތެވެ.

އިނގިރޭސި ޕާލަމެންޓަށް ފޮނުއްވި ސިޓީފުޅެއްގައި އަފީފު ލިއުއްވާފައިވާ ގޮތުގައި ކާބޯ ތަކެއްޗާއި އަންނައުނާއި ބޭސްފަރުވާ އާއި ތައުލީމު ފަދަ ޚިދުމަތުން އެމީހުން ވަނީ މަހުރޫމުކޮށްފަ އެވެ. ދެކުނުގެ ހާލަތު ތަފުސީލުކޮށް ދެއްވަމުން އެ ސިޓީގައި ލިއުއްވާފައި ވެ އެވެ.

"ދެކުނުގެ ތިން އަތޮޅުގައި ދިރިއުޅޭ އަޅުގަނޑުމެން 18،000 މީހުންނަކީ ހައިހޫނުކަމުގެ ވޭނެއް ތަހައްމަލު ކުރާ ބަލިކަށި މީހުންނަށް ވާއިރު އަޅުގަނޑުމެންގެ ތެރޭގައި އެންމެ ޑޮކުޓަރަކު ވެސް ނެތެވެ- ޑޮކްޓަރީ ބޭހެއްވެސް ނުމެ ނެތްމެ އެވެ. އަޅުގަނޑުމެންގެ ރަށްރަށުގައި މަދަރުސާ އެއް ނެތެވެ – މުވާސަލާތީ އެއްވެސް ވަސީލަތެއް ނެތެވެ – އިލެކްޓްރިކް ފަދަ ޒަމާނީ ޚިދުމަތެއް އަމުދުން ނެތެވެ."

ޔުނައިޓެޑް ސުވާދީވް ދައުލަތް ކާމިޔާބު ނުވި ކަމުގައި ވިޔަސް ދިވެހި ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމަށް އައި ހެޔޮ ބަދަލުތަކާ އެކު އައްޑު އަތޮޅަށް މިއަދު ވަނީ ސިޓީ އެއްގެ ދަރަޖަ ލިބިފަ އެވެ. މިއަދު އައްޑޫގައި ކަރަންޓު އެބަ އޮތެވެ. މަދަރުސާތަކާއި ހޮސްޕިޓަލް ވެސް އެބަހުއްޓެވެ. އެހެނަސް އައްޑޫގެ ރައްޔިތުން ބޭނުންވާ މިންވަރަށް އަތޮޅުގެ ތަރައްގީގެ ދުވެލި ކުރިޔަށް ދާ ކަމުގައި ނުދެންނެވޭނެ އެވެ. ނުކުރެވި ހުރި ކަންތަކާ ކުރަން ބޭނުންވެފައި ހުރި ކަންތަކުގެ ލިސްޓު ދިގެވެ.

ޓޫރިޒަމް މިނިސްޓަރު އައްޑޫ މީދޫ ކުޅި ސަރަހައްދު ބައްލަވާލައްވަނީ.

ރައްޔިތުންގެ އުންމީދުތަކަށް ދިރުން ގެނެސްދީ އިހުސާސްތަކާ ކުޅެލުމުގައި އެކިފަހަރު މަތިން ބޭއްވޭ އިންތިޚާބު ތައް ވަރަށް އިސް ރޯލެއް އަދާކުރެ އެވެ. ކޮންމެ އާ އިންތިޚާބަކާ އެކު އާ ވައުދު ތަކެއް ބޯމަތި ވެގެން އައުމަކީ ރާއްޖޭގެ އެހެން ހިސާބެކޭ ވެސް އެއްފަދައިން އައްޑޫގެ ރައްޔިތުން ވެސް ތަޖުރިބާ ކޮށް ބާ ވެފައިވާ ކަމެކެވެ.

މިފަދަ ވައުދު ތަކުގެ ތެރެއިން އަބަދުވެސް ހުއްޓުމެއް ނެތި އޮންނަ އެއް ވައުދަކީ އައްޑޫގައި ނަމެއްގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް އައްޑޫ ދުނިޔެއާ ގުޅާލުމުގެ ވާހަކަ އެވެ. އައްޑޫގެ ޓުއަރިޒަމް ފުޅާކޮށް ބޭރު ފައިސާއިން އައްޑޫ މީހުންގެ ޖީބުތައް ފުރާލާނެ ވާހަކަ އެވެ. ދާދި ފަހުން އައްޑުގައި އޮތް ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އެ މަނިކުފާނު ދައްކަވާނީ އައްޑޫ މީހުންގެ ޖީބަށް ޕައުންޑު ވަންނާނެ ވާހަކަ ކަމުގައެވެ. 1972 އާ ޖެހެންދެން ވެސް އައްޑޫގައި ފައިސާއެއްގެ ގޮތުގައި ޕައުންޑު ގެންގުޅެފައި ވާތީ އަދިވެސް ޕައުންޑޭ ބުނުމުން އައްޑޫ މީހުންގެ ހިތަށް ކޮންމެ ވެސް ފިނިކަމެއް ލިބިގެންދާނެ ކަމަށް ވިސްނަވާފައި އެ ވިދާޅުވި ވާހަކައަކީ ވެސް އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެގެންވާ ވާހަކަފުޅެއް ނޫންކަން އެނގިގެން ދަނީ ކައުންސިލް އިންތިޚާބުގައި އައްޑޫގެ ކެމްޕޭނަށް އެމްޑީޕީ ގެ ރައީސް ދައްކަވާ ވާހަކަފުޅުންނެވެ.

އެމްޑީޕީގެ ކެމްޕޭނު ވީޑިއޯ ކްލިޕެއްގައި ނަޝީދު ވިދާޅުވެ އެވެ. "އިރުމަތީ އެފްރިކާއަށް ދަތުރު ފަށްޓަވާށޭ - މުމްބާސާއަށް އަނެއްކާ ވެސް ވަޑައިގަންނަވާށޭ – އައްޑޫއާ، އީސްޓު އެފްރިކާއާ ގުޅާލައްވާށޭ – އެއީއޭ އައްޑޫގެ ތަރައްގީ އޮތް ތަނަކީ،"

އެމަނިކުފާނު ވިދާޅުވި ގޮތުގައި އީސްޓް އެފްރިކާޔާއި އައްޑުއާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލަން ޖެހެ އެވެ. ޓެންޒޭނިޔާ އާއި ސޯމާލިޔާއާއި ސޫދާން ފަދަ ފަގީރު ގައުމުތަކެއްގެ މައްޗަށް އެކުލެވިގެންވާ އީސްޓް އެފްރިކާއާއި އައްޑޫ ދަތުރުފަތުރުގެ ގޮތުން ގުޅާލުމުން ވާނެ ފައިދާއެއް ސީދާ ވިދާޅު ނުވެ، އެމަނިކުފާނު ވިދާޅުވީ އޭރުން އަންނާނެ ތަރައްގީ އައްޑުގެ މާލިމީންނަށާއި އިގުތިސާދީ މާހިރުންނަށް ކިތަންމެހާ ވެސް ރަނަގަޅަކަށް އެނގޭނެ ކަމަށެވެ.

މިއަދުގެ ހާލަތަށް ބަލާއިރު އައްޑުއާ އީސްޓް އެފްރިކާއާ ގުޅުމެއްގެ ގޮތުގައި ހަމައެކަނި ފެނަން އޮތް ގުޅުމަކީ އިރުމަތީ އެފްރިކާގެ ގައުމެއްކަމުގައި ވިޔަސް އެފްރިކާގެ މައި ބައްރުން ވަކިވެ އިންޑިއަން އޯޝަންގައި އޮންނަ ސީޝެލްސްގައި ދިރިއުޅެމުން އަންނަ ސުވާދީވް ސަރުކާރުގެ ރައީސް އަފީފް ދީދީގެ އާއިލާ އެވެ.

ސުވާދީވް ސަރުކާރު އުވި އިނގިރޭސީންގެ ހިމާޔަތުގައި އަފީފު ދީދީ ސީޝެލް އަށް ވަޑައި ގެންނެވި ގޮތަށް އަވަހާރަ ވަންދެން ދިރި އުޅުއްވީ އެ ގައުމުގަ އެވެ. އެގައުމުގެ ސަރުކާރުގެ ނައިބު ރައީސަކީ ވެސް އަފީފް ދީދީގެ ބޭފުޅެކެވެ. ކޮންމެއަކަސް ނަޝީދު ވިދާޅުވާ ގޮތުން އައްޑުގެ ތަރައްގީ އޮތީ އީސްޓް އެފްރިކާގަ އެވެ. އައްޑޫމީހުން ބުނަނީ ކީކޭ ބާވަ އެވެ؟ އެކަން އެނގޭނީ ކައުންސިލް އިންތިޚާބުގެ ނަތީޖާއިންނެވެ.