ހއ. އިހަވަންދޫ ޑަޔަލިސިސް ސެންޓަރުގައި ހުރި ޑޮކްޓަރު ކުއްލިއަކަށް ފުރައިގެން ދިއުމުން އެ ސެންޓަރުގައި ޑަޔަލިސިސްގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

މިދިޔަ ފެބްރުއަރީ 27ގައި އިހަވަންދޫގައި ހުންނަ 'އާމިނާ ދިޔޯ' ސިއްހީ މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

އޭގެފަހުން، އާދިއްތަ ދުވަހު ބައެއް މީހުން ސޯޝަލް މީޑިއާގައި ވަނީ އެ ސެންޓަރުގެ ޑަޔަލިސިސް ހިދުމަތް މެދުކެނޑިފައިވާ ކަމުގެ ޝަކުވާކޮށްފަ އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި އެ ސެންޓަރުގެ ހިދުމަތް ހުއްޓުނީ އެ ހިދުމަތް ދިނުމަށް ހުރި ޑޮކްޓަރަށް ޗުއްޓީ ހަމަޖައްސައި ނުދެނީސް އޭނާ ފުރާފައިގެން ދިއުމުންނެވެ.

ކިޑްނީ ރަނގަޅަށް މަސައްކަތް ނުކުރާ ހާލަތްތަކުގައި ލޭ ސާފުކުރުމަށް ދޭ ފަރުވާއެއް ކަމަށްވާ ޑަޔަލިސިސްގެ ހިދުމަތް ދެވެނީ ޑޮކްޓަރެއް ހުރެގެންނެވެ. އެހެންވެ، މިވަގުތު އެ ހިދުމަތުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުނު ނަމަވެސް ހޯމަ ދުވަހު އިތުރު ޑޮކްޓަރެއް އިހަވަންދުއަށް ގެނެސްގެ ޑަޔަލަސިސް ހިދުމަތް ފަށާނެ ކަމަށް އެ ސެންޓަރުން ބުނެ އެވެ.

އިހަވަންދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި މިވަގުތު އެ ސެންޓަރުގައި ހުރި ޑޮކްޓަރު ކުއްލިގޮތަކަށް ފުރާފައިވަނީ އެމަޖެންސީ ކަމެއް ދިމާވެގެން ކަމަށެވެ. އެހެންވެ، ޑަޔަލިސިސްގެ ހިދުމަތް މެދުކެނޑިފައިވާކަން އެ ރަށު ކައުންސިލުން ވެސް ފާހަގަކުރި އެވެ.

އެ ރަށު ކައުންސިލުން ބުނީ އިތުރު ޑޮކްޓަރެއް ގެނައުމަށް ސިއްހީ މަރުކަޒުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އިހަވަންދޫ ސެންޓަރުން ޑަޔަލިސިސްގެ ހިދުމަތް ހޯދަނީ ހަތް މީހުން ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

އާބާދީގައި 3،767 މީހުން ދިރިއުޅޭ އިހަވަންދޫ އަކީ ހއ. އަތޮޅުން ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. އެއީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށްތަކުގެ ތެރެއިން ރަށެއް ކަމަށްވާއިރު، އެ ސަރަހައްދުން ޑަޔަލިސިސްގެ ހިދުމަތް ލިބެނީ އިހަވަންދޫން އެކަންޏެވެ.

އިހަވަންދޫން އެ ހިދުމަތް ނުލިބޭނަމަ، އެންމެ ކައިރިން ވެސް ޑަޔަލިސިސް ހެއްދެން އޮތީ ދިއްދުއަށް ގޮސްގެންނެވެ. އިހަވަންދޫން ދިއްދުއަށް ދިއުމަށް 40 މިނިޓު ހޭދަވާނެ އެވެ.