ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އެކަމަށް ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަނީ ދެ ފިރިހެނަކު ކައިވެނީގެ ހަފުލާއެއް ބާއްވައި، ކައިވެނި ކުރާ މަންޒަރުތަކެކެވެ. މިއީ ރާއްޖޭގެ ރިސޯޓެއްގައި ހިނގާފައިވާ ކަމެއް ނަމަވެސް، މިކަން ހިނގާފައިވަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ.

މި މަންޒަރުތައް ފެންނަ ވީޑިއޯ އާންމުވުމާއެކު، ދިވެހިންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން، މާތްވެގެންވާ އިސްލާމްދީނުގެ ޝަރީއަތާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަނޑައެޅިގެން މަނާކޮށްފައިވާ މިފަދަ ފާހިޝް ކަންކަން ރާއްޖޭގެ ފަސްގަނޑުގައި ހިންގުމަށް ފުރުސަތު ލިބިގެންދާ ދިއުމާމެދު ސުވާލު އުފައްދައި، ކަމާބެހޭ އިދާރާތަކުން މިކަން ނުބަލާ ދޫކޮށްލާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.

"ކަނޑައެޅިގެން މާތް ރަސްކަލާނގެ ހަރާމްކުރެއްވި ސަދޫމް ބާގައިގެ ލިވާތުކުރާ މީހުންގެ ނަޖިސް މުޑުދާރު ކައިވެނި ރާއްޖެއަށް ޑޮލަރު ވައްދައިދޭ ރަންބިސްއަޅާ ސިނާއަތުގެ މިނިވަން މާހައުލުގައި ކުރަން ހުއްދަދިނީ ކާކު؟ މީގެން މި ފެންނަނީ ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޒު ނުވާކަން. ދެން ވިސްނާލާ 30000 އަލްޓްރާ ނެޓްވޯތު މިލިއަނަރުންނަށް އަމާޒުކޮށްގެން ރަސްމާލެ އަލައްބާރަށް ދިނީމަ ވާނެ ގޮތް" މިކަމާ ގުޅިގެން ނުރުހުން ފާޅުކޮށް މީހަކު ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.

މި މައްސަލަ ކަމާބެހޭ އިދާރާތަކުން އަވަހަށް ތަހުގީގުކޮށް، އެކަން ހިނގައިދިޔަ ގޮތް ހާމަކުރުމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.