އިޒްރޭލުން ހިންގަމުން ގެންދާ ނަސްލުނައްތާލުމުގެ ހަނގުރާމައާ ގުޅިގެން ގާޒާގައި ބަނޑަށް ޖެހިފައި ތިބި އެތައް ހާސް ރައްޔިތުންނަކަށް އިންސާނީ އެހީ ހިފައިގެން ކަނޑުމަގުން ދަތުރުކުރަމުންދާ ގްލޯބަލް ސުމުދް ފްލޮޓީލާއަށް އިޒްރޭލުން ހުރަސް އެޅުން ކުށްވެރި ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
ގްލޯބަލް ސުމުދް ފްލޮޓީލާއަށް އިޒްރޭލުން ހުރަސްއެޅުމާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރެވެ.
އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ގޮވާލާފައި ވަނީ އިންސާނީ އެހީ އާއި ބޭސް ހިފައިގެން ގާޒާއަށް ކަނޑުމަގުން ދަތުރުކުރަމުންދާ އެހީގެ ލަޝްކަރަށް އިޒްރޭލުން ހުރަސް އެޅުމުން އެކަން ދިވެހި ދައުލަތުން ކުށްވެރި ކުރުމަށެވެ.
އެ ފްލޮޓީލާގައި ދެ ދިވެއްސަކު ވެސް ތިބި ކަމަށާއި އެ މީހުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ކުރެވޭނީ ކޮން ކަމެއްތޯ ބެލުމަށް ވެސް މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ގޮވާލައިފައިވެ އެވެ.
އޭގެއިތުރުން ގާޒާގެ އިސްތިއުމާރު ނައްތައިލުމުގެ މަގުސަދުގައި ދުނިޔޭގެ އެތައް ގައުމަކާއި އިންސާނީ ހައްގުތަކަށް ވަކަލާތު ކުރާ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ހިންގަމުންދާ އެ ހަރަކާތުގައި ދިވެހި ދައުލަތުގެ ފަރާތުން ބައިވެރިވުމަށް ވެސް މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ގޮވާލައިފައިވެ އެވެ.
މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ވަނީ ބަލައިގަނެފަ އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.