އެމްޑީޕީން މިރޭ މާލޭގައި ބާއްވާ ބޮޑު މުޒާހަރާއަށް އަތޮޅުތަކުގެ ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު މާލެ އަރަން ފަށައިފި އެވެ.
ރާއްޖޭގެ އުތުރާއި ދެކުނުން ކަނޑުމަގުންނާއި ވައިގެ މަގުން އެތައް ސަތޭކަ ބަޔަކު ވަނީ މާލެ އަރައިފަ އެވެ.
ކަނޑު އުޅަނދުތަކުގައި މީހުން މާލެ އައީ އެމްޑީޕީގެ ދިދަތައް ވެސް ހިފައިގެންނެވެ. މި ދަތުރުތަކާ ދިމާކޮށް އެމްއެންޑީއެފް އިން އަންނަނީ ރަށްރަށުން ފުޅާ އުޅަނދުތައް ޗެކްކޮށް ޖޫރިމަނާކުރެވޭނެ ގޮތެއް އޮތްތޯ ބަލަމުންނެވެ.
މި މުޒާހަރާއާ ދިމާކޮށް މިރޭ އެޗްޑީސީން ވަނީ ހުޅުމާލޭގައި ސްޓޭޖް ޝޯއެއް ބާއްވަން ނިންމާފަ އެވެ. އެތަނަށް ދިޔުމަކީ މަޖުބޫރު ކަމެކެވެ. "އާޖެންޓް ކަމެއް" ކަމަށް ބުނެ އެމްޕީއެލްގެ ހުރިހާ މުވައްޒަފުން ވަނީ އޮފީހަށް ގެންގޮސް ބައިތިއްބާފަ އެވެ.
އެ ކުންފުނީގެ ބައެއް މުވައްޒަފުން ބުނީ މިރޭ މުވައްޒަފުން ލައްވައި ކުރުވާނެ ކަންކަން ޑިޕާޓްމަންޓްތަކުގެ ވެރިން ރާވަމުންދާ ކަމަށެވެ.
ކަސްޓަމްސްގެ މުވައްޒަފުންނަށް މިރޭ އޮތީ މަސް ރޭހެކެވެ. މި ހުރިހާ ކަމަކީ ވެސް މިރޭގެ މުޒާހަރާއަށް މުވައްޒަފުން ދިޔަނުދިނުމަށް ކުރަމުން އަންނަ ކަންކަމެވެ.