އޭނާ ނިސްބަތް ވަނީ ދިވެހި ބޭސް ވެރިކަންކުރާ އާއިލާއަކަށް. މާމެލާމެއްޔާއި ފަތްޕިލާވެލީން ސިއްހީގޮތުން ފައިދާ ލިބިދޭ ބުއިންތައް ތައްޔާރު ކުރުމަށް ޝައުގުވެރިވޭ. އެކަމަށްޓަކައި އޭނާ ވަނީ ޚާއްސަ ތަމްރީން ހޯދާފައި. އަމިއްލަ ބަގީޗާއެއް ގޭގައި ހައްދާ، މަސައްކަތަށް ބޭނުންވާނެ މާމެލާމެއްޔާއި އަދި ފަތްޕިލާވެލި އޭނާ ވަނީ އެ ބަގީޗާގައި ހައްދާފައި. އެ ގަސްތައް ހައްދާފައި ވަނީ އެއްވެސް ކެމިކަލް ގަސްކާނާއެއް ބޭނުން ނުކޮށް. އެ ތަނުން ލިބޭ ގުދުރަތީ މާ އަދި ފަތްޕިލާވެލި ތާޒާކޮށް އާއި ހިއްކައިގެން މީރު ސައި، ސައިބޯނި. ހޭންޑް ކްރީމް، ބާމް، ލިޕްބާމް ފަދަ ތަފާތު ބާވަތްތައް މިއަދު އޭނާ ތައްޔާރުކުރޭ. އޭގެ އިތުރުން ކުދި ބަލިތަކަށް ގުދުރަތީ ފަރުވާ ތައްޔާރުކުރޭ. އޭނާގެ އުފެއްދުންތަކަށް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުން .

ސައިފަތް، ސައިކުރާ، ސައިތަށި، ސައިމޭޒު މި ބަސްތައް ގުޅިފައި ވަނީ ދިވެހިން އާންމުކޮށް ބޯ ކަޅު ސަޔާ އެވެ. ވީއިރު ދިވެހިންގެ ގެތެރޭ މަޝްހޫރު ސައިމަލަށް އެ ނަން ދެވުނީ އެ މަލުން އެއްވެސް އިރެއްގައި ސައި އުފައްދާފައި ވާތީ ބާވަ އެވެ؟ ދުނިޔޭގެ ތާރީޚުން އެނގޭ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަކީމީ ބޭސްވެރިކަމުގައި މާމެލާމެލި ބޭނުން ކުރެވުނެވެ. ރާއްޖޭގެ ތާރީޚުން އެކަން އެނގެން ނެތް ނަމަވެސް ހަކީމީ އާއިލާއަކަށް ނިސްބަތްވާ މި ހުނަރުވެރިޔާ އެކަން ކުރަނީ ސައިންސްގެ އަލީގަ އެވެ. ގުދުރަތީ މަލުންނާއި ފަތްޕިލާވެލިން ތައްޔާރުކުރާ ތަކެތިން ހަށިގަނޑަށް ގިނަ ފައިދާތަކެއް ކުރާތީ އެވެ.

ޝިފާ މުހައްމަދު (ޝިފާ) ނިސްބަތް ވަނީ ގދ. ތިނަދޫގެ ދިވެހި ބޭސްވެރިކަމުގައި ފުންނާބު އުސް އާއިލާއަކަށެވެ. އޭނާގެ މަންމަގެ ފަރާތު މުނިމާފައަކީ ތިނަދޫއަށް މަޝްހޫރު ބޭސް ދޮންކަލޭފާނެވެ. ހަމަ އެފަދައިން ބޭސް ދޮންކަލޭފާނުގެ ބައްޕަ މުހައްމާ ތަކުރުފާނަކީ ވެސް މަޝްހޫރު ބޭސްވެރިއެކެވެ.

ނަންރީތިމާ، ސައިމާ އަދި ފިނިފެންމާ: މާމެލާމެލިން ސައިތައްޔާރު ކުރުމުގެ އިތުރުން އެ ސައިބޯން ބޭނުންވާ ފަރާތްތަކަށް އެ މާތައް ލިބޭނެމަގު ވެސް އޭނާ ފަހިކޮށްދޭ

ޝިފާގެ މުނިމާމައިންނާއި މުނި މާފައިން އެއީ އޭރުގެ ތިނަދޫގެ މަޝްހޫރު ބޭސްވެރިންނެވެ. އެ އާއިލާގައި ފަހުން މެޑިކަލް ޑޮކްޓަރުން އުފެދުނު ނަމަވެސް ހަކީމީ ބެސްވެރިއެއް އުފެދިފައެއް ނުވެ އެވެ. އެ ކަމަށް ޝައުގުވެރިވި މީހެއް ވެސް ނެތެވެ. ޝިފާ ފިޔަވަ އެވެ.

ތިނަދޫ ސްކޫލްގެ ލީޑިން ޓިޗަރެއްގެ މަގާމު މިވަގުތު އަދާކުރާ ޝިފާ އަބަދު ވެސް މާމެލާމެލި އަދި ފަތްޕިލާވެލިން ތަފާތު ބޭނުންތައް ކުރުމަށް ޝައުގުވެރިވެ އެވެ. އަދި ސައިންސް މާއްދާ ކިޔަވައިދިނުމުގެ ތެރެއިން ފަތްޕިލާވެލީގެ "ޣަރަގުން" ލިބޭ ފައިދާ ހޯދާ ދެނެގަތުމުގެ މަސައްކަތަށް ވަރަށް ބޮޑަށް ޝައުގުވެރިވެ އެވެ. އެކަމަށްޓަކައި އޭނާ ވަނީ ތައިލެންޑްގައި "އޯގޭނިކް ސޯޕް މޭކިންގ އެންޑް ހާބަލްބާމް"ގެ ރޮނގުން ކިޔަވައި ތަމްރީން ލިބިގަނެފަ އެވެ.

ޝިފާގެ ބަގީޗާތެރޭގައި ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާގެ އުންމީދަކީ ހަކިމީ ބޭސްވެރިކަމުގައި ދެވެންއޮތް އެންމެ މައްޗައް ދިއުން

އެ ކޯހުން އޭނާއަށް ހަކީމީ ބޭހުގެ ގިނަ ކަންކަން ދަސްވެގެން ދިޔަ އެވެ. ޚާއްސަކޮށް ތަފާތު މާ ބޭނުންކޮށްގެން ސައި ތައްޔާރު ކުރާނެ ގޮތާއި، ހަމުގެ ބައެއް ބަލިތަކަށް ފަރުވާ ކުރެވޭ ފަދަ ސައިބޯނި، ހޭންޑް ކްރީމް، ބާމް، ލިޕްބާމް ފަދަ ތަފާތު ބާވަތްތައް ތައްޔާރު ކުރާނެ ގޮތެވެ. ޝިފާ އެ ތަކެތި ތައްޔާރު ކުރާނީ ކެމިކަލާ ނުލައި އޭނާގެ ގޭގައި ހައްދާފައިވާ ބަގީޗާއިން ލިބޭ މާމެލާމެއްޔާއި ފަތްޕިލާވެލި ބޭނުންކޮށްގެނެވެ.

ފަތްޕިލާވެލި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސައިބޯނި އަދި ލިޕްބާމް ދައްކާލަނީ: ޝިފާ ބޭނުންކުރަނީ ގުދުރަތީ މާއްދާތައް

"ހަކީމީ ބޭސްވެރިކަމުގައި ބޭނުން ކުރެވެނީ މުޅިން ވެސް ގުދުރަތީ އެކި ކަހަލަ މާމެލާމެލި، ފަތްޕިލާވެއްޔާއި ތޮއްޓާއި މޫ ފަދަ ތަކެތި. އަޅުގަނޑު މާތައް ސްޓަޑީ ކުރި (ދަސްކުރި) އިރު ވަކި ކަހަލަ މަލަކަށް ބޮޑަށް ފޯކަސްކުރީ. އެއީ ސައިގެ ގޮތުގައި ސައިފަތުގެ އިތުރުން ބޭނުން ކުރެވިދާނެ، ރާއްޖޭގައި ހެއްދޭ މާމެލާމެލިން. އެ ސައި ބުއިމުން ލިބޭ ފައިދާގެ މައުލޫމާތު މީހުންނަށް ދިނުމަކީ ވަރަށް ރަނގަޅު ކަމެކޭ ހިތައި މިމަސައްކަތް ކުރަން ފެށުނީ،" ޝިފާ ކިޔައިދިނެވެ.

ޝިފާގެ ފައިދާހުރި ސައިތަށި

ރާއްޖޭގައި އާންމު ނޫނަސް، ތަފާތު ވައްތަރުގެ މަލުގެ ކުލަ ޖައްސައިގެން ސައި ބުއިމަކީ ހަށިގަނޑު ރިލޭކްސް (ލުއި) ކުރުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރެވޭ ކަމެވެ. މަލާއި މޭވާ އަދި ތަރުކާރީތަކުގައި ހުންނަ އޮރެންޖް ކުލަ، ރަތްކުލަ، ދަނބުކުލަ، ވައިލެޓް ކުލަ، އަދި ނޫލަ ގެނުވަނީ އޭގައި އެންތްރޯ ސަޔަނިން ކިޔާ ފެނާ އެކުވާ މާއްދާ ހިމެނިފައި ވާތީ އެވެ.

https://www.tiktok.com/@natureshifa/video/7407800980793740551?_r=1&_t=ZS-90ytez7yjSc

އާންމުކޮށް ކާތަކެތީގައި ކުލަޖެއްސުމުގެ ބޭނުމަކީ ކާ އެއްޗެއްސަށް މީހުންގެ ހިތްޖެއްސުމެވެ. ބައެއް ފުޑްކަލާ (ކާތަކެއްޗަށް އަޅާ ކުލަ)ތަކަކީ ކެމިކަލް އަޅައިގެން ތައްޔާރު ކޮށްފައިވާ ތަކެއްޗެވެ. ދެން ހުންނަނީ ގުދުރަތީ ތަކެތި ބޭނުންކޮށްގެން ޖައްސާ ކުލަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެންތޯސަޔަނިން، ކެރީޓިނޮއިޑްސް، އަދި ކްލޮރޮފިލް ފަދަ ކުލަތަކެވެ. މަލާއި މޭވާ އަދި ތަރުކާރީތަކުގައި ހުންނަ އޮރެންޖް ކުލަ، ރަތްކުލަ، ދަނބުކުލަ، ވައިލެޓް ކުލަ، އަދި ނޫލަ ގެނުވަނީ އޭގައި އެންތޯ ސަޔަނިންކިޔާ ފެނާއެކުވާ މާއްދާއެއް ހިމެނިފައި ވާތީ އެވެ. ކެމިކަލް ކުލަ ބޭނުންކުރުމުން އެލާޖިކްވުން ފަދަ ސިއްހީ މައްސަލަތައް މެދުވެރިވާތީ ގުދުރަތީ ކުލަތަކަށް ބޭނުންޖެހިފައިވާ މިންވަރު އިތުރުވެފައިވެ އެވެ.

ޝިފާ އާންމުކޮށް ތައްޔާރު ކުރަނީ ހަށިގަނޑުގެ ވަރުބަލިކަން ފިލުވައިދީ ހަށިގަނޑަށް އަރާމު ލިބިދޭ ސައި އެވެ. އެ ސައި ތައްޔަރުކުރަނީ ނޫކުލައިގެ ނަންރީތި މާ، ބޮނޑި ސައިމާ (ރޮސެއްލާ)، އަދި ސޯސަންމާ ތާޒާކޮށާއި ހިއްކައިގެންނެވެ. ސައިމަލުގެ ތެރެއިން އޭނާ އާންމުކޮށް ބޭނުންކުރަނީ ބޮނޑި ސައިމަލެވެ. ފަސްފިޔަ ހުންނަ ސައިމާ ވެސް ބޭނުންކުރެ އެވެ. ތާޒާ މަލުގެ އިތުރުން ބޮނޑި ސައިމާ މެދުމިނުގެ އަވީގައި ޖައްސައިގެން އެ ހިއްކައިގެން ވެސް ބޭނުންކުރެ އެވެ.

ޝިފާ ޓެސްޓު ކުރަނީ: އޭނާގެ އުފެއްދުންތައް ތައްޔާރުކުރަނީ އޭނާގެ އަމިއްލަ ލެބޯޓަރީގައި

"އާންމުކޮށް މިހަ ދަނީ މިންޓް އަދި ސައިމާ ސައި. އަޅުގަނޑުގެ ބަގީޗާއިން ބިނދެގެން ތާޒާކޮށާއި ހިއްކައިގެން ވެސް ސްކޫލަށް ގެންގޮސް ދެން. ޑައެބެޓިކް ޓީޗަރުންނަށް އެކަމަށް ޚާއްސަ ނަންރީތިމާ ހިއްކައިގެން ސައިތައްޔާރު ކޮށްދެން. ޖިންޖާ ޝޮޓް ވެސް ހަދައިދެން. ހުސް ގޮހޮރާ ހުރެ ބޯން މި ހުންނަނީ. އޭގެ ރަނގަޅު ބަދަލު އަންނަކަމަށް ބުނޭ. އޭގެ ތެރޭގައި ހަންގަނޑު ރީތިވުމާއި، އަރާމުވެ ހަށިގަނޑަށް ލުއިވުން ހިމެނޭ،" ޝިފާ ބުންޏެވެ.

ޝިފާގެ ބަގީޗާގައި ސްކޫލް ކުދިންނަށް މައުލޫމާތުދެނީ: ބަގީޗާ ހެއްދުމާއި އަދި ޚާއްސަކޮށް ފަތްޕިލާވެލި ހައްދާނެގޮތް ދަރިވަރުންނަށް ދަސްކޮށްދިނުމަށް އޭނާ ވަރަށް ޝައުގުވެރިވޭ

ސައިތައްޔާރު ކުރުމުގެ އިތުރުން އެ ސައިބޯން ބޭނުންވާ މީހުންނަށް އެ މާތައް ލިބޭނެމަގު ވެސް އޭނާ ފަހިކޮށްދެ އެވެ. މާލެއަށް ދަތުރުކުރާ ނަމަ، ނަންރީތި މަލުގެ އޮށާއި ކުރި ގެނެސްދީގެން ނަންރީތިމާ ލިބޭނެ ގޮތް ފަހިކޮށްދެ އެވެ. ސައިންސްގެ ހޯދުންތަކުން އެނގޭ ގޮތުގައި ނަންރީތިމަލަކީ ސިއްހީގޮތުން އެތައް ފައިދާއެއް ހިމެނޭ މަލެކެވެ. ކެންސަރާއި ސިކުނޑީގެ ބަލިތަކަށް އޭގާ ފަރުވާވެ އެވެ. އެ މަލަށް ނޫކުލަ ގެނުވައިދެނީ އެންތްރޯ ސަޔަނިންގް އެކުލެވިފައި ވާތީ އެވެ.

ސްރީލަންކާގައި ބޭއްވުނު ސައުތް އޭޝިއާ ޓްރޭޑް ފެއާގައި ޝިފާގެ އުފެއްދުންތަކާއި އެކު ފޮޓޯއަކަށް ހުއްޓިލައިގެން: މިއަހަރުގެ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ވެސް އޭނާވަނީ ބައިވެރިވެފައި

ޝިފާގެ އުފެއްދުންތަކަށް ބޮޑު ތަރުހީބެއް

ހުޅުމާލޭގައި މިއަހަރު ބޭއްވި ޓްރޭޑް ފެއާގައި އޭނާގެ އުފެއްދުންތައް ދައްކާލުމުން ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. ޚާއްސަކޮށް އަލޯވެރާ ބޭނުންކޮށްގެން ތައްޔާރުކުރި ސައިބޯނި އޭނާ ފާހަގަކުރެ އެވެ. އެލޯވެރާގެ އިތުރުން ޓާމަރިކް އާއި މާމުއި، ނަންރީތިމާ، ސައިމާ ބޭނުންކޮށްގެން ވެސް އޭނާ ސައިބޯނި ތައްޔާރު ކުރެ އެވެ. ހަމުގައި އުނގުޅާ ކްރީމާއި، ސައިބޯނި، ބާމް އަދި ލިޕްބާމް ތައްޔާރު ކުރަނީ އޭނާގެ އަމިއްލަ ކުޑަ ލެބޯޓަރީގަ އެވެ.

ޝިފާ ގުދުރަތީ އިންގްރިޑިއަންޓްސް (ތަކެތި)އަޅައިގެން ތައްޔާރުކޮށްފައިވާ ސައިބޯންޏެއް: މިސައިބޯނި ބޭނުންކުރުމުން ހަންގަނޑަށް އޮމާންކަން ލިބޭ

ޝިފާގެ ޓިކްޓޮކްޕޭޖް "ނޭޗާ ޝިފާ" މެދުވެރިކޮށް އޭނާގެ ތައްޔާރުކުރާ ތަފާތު ހޯމް މޭޑް އަދި ގުދުރަތީ އެއްޗެހި ބޭނުންކޮށްގެން ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ފަރުވާތަށް ދަނީ ތައާރަފް ކުރަމުންނެވެ. އޭގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހުމުން ބޭނުންކުރެވޭ "ޖިންޖާޝޮޓް" ހިމެނެ އެވެ. އެހެން ނަމަވެސް ދާއިމީކޮށް ފަރުވާކުރާ ގައިން ގަޔަށް ނާރާ ބަލިތަކުގެ މީހުން، މާބަނޑު މީހުން، ގާތުން ކިރުދޭ މައިން މެޑިކަލް ޑޮކްޓަރެއްގެ ލަފާގެ މަތިން ނޫން ގޮތަކަށް ބޭސްފަރުވާގެ އެއްވެސްކަމެއް ނުކުރުމަށް ޝިފާ ނަސޭހަތްތެރިވެ އެވެ.

ޝިފާ އުފައްދާފައިވާ ޖިންޖާ ޝޮޓް އަދި ބީޓްރޫޓް ޝޮޓްސް: ާނޭޗަރ ޝިފާ ާ ޓިކްޓޮކް ޕޭޖްގައި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ފަރުވާތައް ދަނީ ތައާރަފް ކުރަމުން

އޭނާ ބޭނުން ވަނީ އާއިލާގެ ފަރާތުން ވާރުތަވެފައިވާ ދިވެހި ބޭސްވެރިކަމުގައި ދެވެން އޮތް އެންމެ ބޮޑަށް ކުރިއަށް ދިއުމަށެވެ. އަދި މުސްތަގުބަލުގައި މަލާއި ފަތްޕިލާވެލި ބޭނުންކޮށްގެން ސައި ހަދާ ސިއްހީގޮތުން ފައިދާ ހުރި ގިނަ ބުއިންތައް ތައާރަފުކުރުމަކީ އޭނާ ދެކޭ ހުވަފެނެކެވެ.