އިދިކޮޅު އެމްޑީޕީން މާލޭގައި މި މަހުގެ 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމަށް ސަރުކާރުން ހުރަސްއަޅަމުން ދާތީ ކަމަށް ބުނެ އެ އެއްވުން އެހެން ތާރީހަކަށް ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހަށް އެއްވުން ލަސްކުރުމާމެދު ގޮތެއް ނިންމަން އެދި ފޮނުވީ އެ އެއްވުން ރޭވުމަށް އެކުލަވާލި ކޮމިޓީންނެވެ. ކޮމިޓީން އެދުނު ގޮތަށް އެއްވުން ލަސްކުރަން ފާސްވީ ބައްދަލުވުމުގައި ބައިވެރިވި ގައުމީ މަޖިލިސް މެންބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް، ދެން އެއްވުން އޮންނާނެ ދުވަހެއް ހާމައެއް ނުކުރެ އެވެ.

ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަނުގެ ނައިބު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވި ގޮތުގައި އެއްވުން ބާއްވަން ކުރި މަސައްކަތްތަކަށް ސަރުކާރުން އަންނަނީ އެކި ގޮތްގޮތުން ހުރަސް އަޅަމުންނެވެ.

އެގޮތުން، އެކި ސަބަބުތައް ދައްކާ މާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވުން ބޭއްވުމަށް ސަރުކާރުން ހުއްދަ ދީފައި ނުވުމާއި، އެއްވުމާއި ގުޅިގެން ދަމަމުން ދިޔަ ބެނާތައް ނެގުމާއި، އެއްވުން އޮންނަކަން އެންގުމަށް އަޑުގަދަކުރާ އާއެކު ދުއްވަން ނިކުތް ޕިކަޕުތަކަށް ފުލުހުން ހުރަސް އެޅުން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމާއި ސަރުކާރުން ކުރަމުންދާ އެކި ވައްކަންތަކާއި ގާނޫނާއި ހިލާފު ކަންކަމާ ދެކޮޅަށް ގާނޫނީ އަދި އެހެނިހެން މަސައްކަތް ކުރުމަށް މި ދުވަސްވަރު ވަގުތު ބޭނުންވާ ކަން ވެސް އިބްރޭ ފާހަގަކުރެއްވި އެވެ.

އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި މުޒާހަރާގައި ކުރި ޑިމާންޑުތަކަށް ސަރުކާރުން އިޖާބަ ނުދޭނަމަ މި މަހުގެ 17 ގައި ބޮޑު އެއްވުމަށް ބާއްވަން ނިންމީ އޮކްޓޯބަރު 4، ގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. ނޮވެމްބަރު 17، ވަނަ ދުވަހަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރަށް ދެ އަހަރު ފުރޭ ދުވަހެވެ.

އޮކްޓޯބަރު 3، ގެ މުޒާހަރާގައި މި ސަރުކާރުން ގާނޫނުއަސާސީ ބަދަލުކޮށް، މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވާލައި، ރައްޔިތުންގެ ފައިސާ އަށް ހަދާ ނުހަދާއެއް ނޭނގޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން އަންނައިރު، އެކަންކަމާ ދެކޮޅަށް އަޑު އުފުލަން ނުކުތް އެތައް ހާސް ބަޔަކު މުއިއްޒުގެ އިސްތިއުފާ އަށް ގޮވި އެވެ.

އާޓިފިޝަލް ބީޗުން ފެށި މުޒާހަރާ ހޫނުވީ މަޖީދީ މަގުން ކުރިއަށްދާން އުޅުމުން އެކަމަށް ފުލުހުން ހުރަސް އެޅުމުންނެވެ. އެގޮތުން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ގަޔަށް ޕެޕާ ސްޕްރޭ ޖަހައި ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" ބޭނުންކޮށްފަ އެވެ.

އެ މުޒާހަރާއިން އަށް މީހަކު ހައްޔަރުކޮށް އޭގެތެރެއިން ހަ މީހަކު 15 ދުވަސް ވަންދެން ބަންދުގައި ބޭތިއްބި އެވެ.