ސައިކޮލޮޖިސްޓުން ބުނާގޮތުގައި އަމިއްލަ ހަޔާތާ ބެހޭގޮތުން ސިއްރު ހިފަހައްޓާ މީހުންގެ ފަރާތުން ޚާއްސަ ބައެއްކަންކަން ފާހަގަ ވެފައިވެ އެވެ. އޭގެ ތެރޭގައި އެ މީހުންގެ އަމިއްލަ ނަފުސާ މެދުގައި އޮންނަ އިތުބާރުގެ ވަރުގަދަކަމާ، މީހުންނާ އޮންނަ ގުޅުން ރަނގަޅު ކަމާ، ހިތްހަމަނުޖެހޭ ކަންކަން ނެތުން ނުވަތަ މަދުވުން އަދި އަމިއްލަ ޖަޒުބާތުތަކުގެ މައްޗަށް އަމިއްލަ ބާރު ދެވިފައިވުމެވެ.
ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަނެކާއަށް ހުރަސްކުރަން ޖާގަ ނުދޭ އިންތަކެއް ވެ އެވެ. ނަމަވެސް މި ޒަމާނުގައި އަމިއްލަ ވާހަކަތައް ކިޔައިދިނުމަކީ ބާރުއެޅޭ ކަންކަމެވެ. "ވެންޓް" (އުދާސްތައް ބޭރު) ކުރުމުގެ ބޭނުމުގައި ކަމަށް ބުނެ އެވެ. އެހެން މީހުންނަށް ތިމާ ބުނެދިނުމަށް ކެތްމަދުވެ، ސިއްރު ހިފަހައްޓާ ނުލައި ސޯޝަލްމީޑިއާގައި ހިއްސާކޮށްލެވެނީ ވިސްނާލުމެއް ނެތި އެވެ.
އެހެންނަމަވެސް ނަފްސާނީ އިލްމުވެރިން ލަފާދޭ ގޮތުގައި އުފާވެރި ދިރިއުޅުމަށްޓަކައި ކޮންމެހެން ހިފަހައްޓަން ޖެހޭ ހަ ސިއްރު ވެ އެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމެއްގޮތުގައި ސިއްރުކުރަން ޖެހޭ ކަމަކީ އެ މީހަކު ކުރިއަށް ރާވާފައިވާ ކަންކަމެވެ. ދެކޭ ހުވަފެންތަކެވެ. އެކަމެއް ހާސިލްވުމުގެ ކުރިން އެ ވާހަކު ނުދެއްކުމަކީ މުހިންމު ކަމެކެވެ. މިސާލަކަށް ފަށަން ވިސްނާ ވިޔަފާރިއެކެވެ. ނުވަތަ އެހެން ގައުމަކަށް ހިޖުރަކުރުމަށް ރާވާ ރޭވުމެކެވެ. ނުވަތަ މަސައްކަތް ކުރާ ދާއިރާ ބަދަލުކުރުން ކަހަލަ ކަންކަމެވެ.
ސޯޝަލް ރިއަލިޓީއަކީ ކަސްތޮޅެއް
ރާވާފައިވާ ކަންކަން މާކުރިން ހިއްސާކުރާނަމަ ސައިކޮލޮޖިސްޓުން ބުނާގޮތުގައި ދެކަމެއް ހިނގަ އެވެ. އޭގެ ތެރޭގައި މާބޮޑު ވިސްނުމަކާ ނުލައި ވާހަކަ އަޑުއެހި މީހާ، ތިމާ އެ ކަމަކުން ދުރުކުރުމަށް ބާރު އެޅުމަކީ ހިނގާފާނެ ކަމެކެވެ. ދެވަނަކަމަކީ ހިއްސާކުރި ވާހަކަ އަނެކާއަށް ކަމުގޮސް މާބޮޑަށް ތައުރީފު ކުރެވުމެވެ. އޭގެ ސަބަބުން އަމިއްލަ ސިކުނޑިއަށް އެކަމެއް ހާސިލްވެވުނީ ކަމަށް ބުނެދެވެ އެވެ. މިއަށް ސައިކޮލޮޖިސްޓުން ކިޔަނީ ސޯޝަލް ރިއަލިޓީ އެވެ.
ސޯޝަލް ރިއަލިޓީ ސިކުޑިއަށް ވެރިވުމުން ކުރިއަށް ރޭވިކަންކަން ކުރުމަށް ހުރި ޝައުގުވެރިކަން ކުޑަވެ އެވެ. ވީމާ ކުރިއަށް ރާވާފައިވާ ކަންކަން ހާސިލްވެ ރަނގަޅަށް މުގުލުގައި ލުމުން ނޫނީ އެއްވެސް މީހެއް ކައިރީ އެ މީހެއް ރާވާފައިވާ ކަންކަން ނުބުނެ ސިއްރުކުރުމަށް ސައިކޮލޮޖިސްޓުން ނަސޭހަތްތެރިވެ އެވެ.
އަތުގައި ފައިސާހުރި މިންވަރު
ދެ މީހެއްގެ ދެމެދުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ ފައިސާގެ ވާހަކަ އެވެ. ފައިސާގެ ގޮތުން ތަނަވަސް ނަމަވެސް ނުވަތަ ނުތަނަވަސް ނަމަވެސް، އެ ވާހަކަ އެހެން މީހުންނާ ހިއްސާކުރުމަކީ ދޭދޭ ގުޅުމަށް އަސަރުކުރާ ކަމެކެވެ. ވާހަކައިގެ ތެރެއިން ފައިސާ ގިނަ ކަމަށް ބުނެވިއްޖެ ނަމަ އެހެން މީހުން ހަސަދަވެރިވުމަށް މަގުފަހިވެ އެވެ. ނުވަތަ އެ ފައިސާ ހޯދި ގޮތަކާ ދޭތެރޭ މީހުން ޝައްކު އުފެދެން މެދުވެރިވެ އެވެ.
ފައިސާގެ ދަތިކަން ހުރެ އެކަން އެހެން މީހުންނަށް އެނގިއްޖެ ނަމަ، ނުބައި ހީކުރުންތަކަށް ޖާގަ ދެވެ އެވެ. އަދި ފައިސާ ރައްކާކުރުމާ ބެހޭ ގޮތުން ބޭނުން ނޫން އިރުޝާދުތައް ދީ ވަކިގޮތަކަށް ކަންތައް ކުރުމަށް މަޖުބޫރުކުރެ އެވެ.
ޒާތީ ޒާތީ ވާހަކަ
އަމިއްލަ ޒާތީ ވާހަކަތަކަކީ އެއްވެސް ހާލެއްގައި މީހުންނާ ހިއްސާ ކުރަންވާ ވާހަކައެއް ނޫނެވެ. މިއަދު އެންމެ ގާތް މީހަކީ މާދަމާ ދުރު މީހަކަށް ވެދެ އެވެ. ކިތަންމެ ލޯބިވާ މީހައަށް ވެސް "ގެޓް" ނުވެދާނެ ކަންކަން ހުރެދާނެ އެވެ. ވީމާ ކޮންމެހެން ކަމެއް މީހަކާ ހިއްސާކުރާނަމަ ވަރަށް ބޮޑަށް ފަރުވާތެރި ވާންވާނެ އެވެ.
ގޭތެރޭގެ މައްސަލަ
ކޮންމެ ދޭދޭ ގުޅުމެއްގައި ވެސް މައްސަލަ ހުރުމަކީ އާންމު ކަމެކެވެ. ހަމަ އެހެންމެ ލޯބިން ގުޅޭ ދެމަފިރިންގެ މެދުގައި ވެސް އެކި ކަހަލަ މައްސަލަ ހުރެ އެވެ. ދިރިއުޅުމުގައި ޖެހޭ މައްސަލަތަކަކީ އެހެން މީހުންނަށް ކޮންމެހެން އަންގަން ޖެހޭނެ ކަންކަމެއް ނޫނެވެ. ހިތްހަމަޖައްސާލުމުގެ ގޮތުން މީހަކާ ހިއްސާކޮށްލި ނަމަ ވެސް ހަގީގަތަކީ އަސްލު މައްސަލައަށް ހައްލެއް ނާންނަ ކަމެވެ.
އޭގެ ބަދަލުގައި ތިމާގެ ބައިވެރިޔާ އާ ދޭތެރޭ އެހެން މީހުންގެ ހިތް ނުބައިވެ އެވެ. ނުބައި ނަޒަރުން ދެކެވެ އެވެ. އަދި ދިރިއުޅުމުގައި ލިބެންވާ ރައްކާތެރިކަން ގެއްލި ދެ އެވެ. މައްސަލައެއް ހައްލުކުރުމަށް ވާހަކަ ދައްކަން ވާނީ މައްސަލަ ޖެހިގެން އުޅޭ ދެމީހުން އެކަކު އަނެކަކާ އެވެ. އެއީ މައްސަލަ ހައްލުވުމުން އެ ދެ މީހުންނަށް ފައިދާ ކުރާނެތީ އެވެ. އިތުރު މީހަކު އެ ދެމެދަށް ވަނުމަށް އެދޭނަމަ، ރަނގަޅު ލަފާދެވޭފަދަ އިލްމީ ގާބިލް މީހަކު ޚިޔާރު ކުރުން ބުއްދިވެރި އެވެ.
ކޮންދިން ކަމެއްގެ ވާހަކަ
މީހުންނަށް ކޮށްދޭ އެއްވެސް ހެޔޮކަމެއް ނުވަތަ އެހީއެއް ވެދެވިފައިވާނަމަ ވެސް، އެވާހަކައަކީ އެއްވެސް ގޮތަކަށް އެހެން މީހެއް ކައިރީ ދައްކައިގެން ވާނެ ވާހަކައެއް ނޫނެވެ. ދީނީގޮތުން ވެސް އެކަމަކީ ހުއްދަ ކަމަކަށް ނުވާއިރު، އެއީ މުޅިން ދުރުހެލިވާންވާނެ ކަމެކެވެ.
ކުރީގެ ކުށެއް
މާޒީގައި ހެދިފައިވާ ގޯހެއްގެ ވާހަކަ އަލުންބަލުން ނަގައި މީހުންނަށް ކިޔައި ދިނުމަކީ މޮޅުކަމެއް ނޫނެވެ. އެފަދަ ސިއްރު ހާމަކޮށް މީހުންނަށް ކިޔައި ދިނުމަކީ އެހެން މީހުންނަށް ތިމާގެ ފަރާތުން ނާޖައިޒު ފައިދާ ނެގުމަށް މަގުކޮށައިދިނުމެވެ. އަދި އެކުށް ހިއްސާކުރުމުގެ ސަބަބުން ތިމާ އިތުރަށް ބޭޒާރުވާން މެދުވެރި ވެދާނެ ކަމެކެވެ.
މީހާ ތަސައްރަފު ފުރިފައިވުމަކީ ތިމާއާ ބެހޭ ހުރިހާ ވާހަކައެއް އެންމެނާ ހިއްސާކުރުމެއް ނޫނެވެ. ހަގީގަތުގައި ތަސައްރަފް ފުރިފައިވުމަކީ ހާމަކުރަން ނުޖެހޭ މައުލޫމާތު ވާ ކަން ދެނެގަންނަން އެނގުމެވެ. މިކަމަށް ސައިކޮލޮޖީގައި ކިޔެނީ ދުޅަހެޔޮކޮށް ހުރުމަށް ދަމަހައްޓާ އިންތަކެވެ. އެއީ ނުފެންނަ އިންތަކެކެވެ. އޭގެ ސަބަބުން އެ މީހެއްގެ ބާރުވެރިކަން، އަބުރު، އަދި ހިތްހަމަޖެހުން ހިމާޔަތް ކޮށްދެ އެވެ. ކައިވެނީގެ ގޮތުން ނަމަވެސް، އާއިލީ ގޮތުން ނަމަވެސް ނުވަތަ އެންމެ ގާތް މީހާ ނަމަވެސް، އެ މީހެއްގެ ކުރިމަތީގައި ފާޅުކުރަން ނުޖެހޭ ސިއްރުތަކެއް ވާނެ އެވެ.