ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަޔަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެއްކި ސީދާ ރަތްކާޑާއެކު، ތިން މެޗަށް ސަސްޕެންޑްވެފައި އޮތް އޮތުން، އެއް މެޗަށް ކުޑަކޮށްފި އެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯއަށް ސީދާ ރަތް ކާޑެއް ދެއްކީ، އެ މެޗުގެ ތެރެއިން އަޔަލޭންޑް ޑިފެންޑަރު ޑަރާ އޯޝެއާގައި އުޅަނބޮށިން ޖެހުމުންނެވެ. އެ މެޗުން ޕޯޗުގަލް 2-0 އިން ބަލިވި އިރު، އޭގެފަހުން އަރްމީނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ނުކުޅެ އެވެ.
ރޮނާލްޑޯ ދެއްކި ރަތްކާޑުގެ ވާހަކަ އެންމެ ގިނައިން ދައްކާ ސޯޝަލް މީޑިއާގައި ފާޑުކިޔާފައި ވަނީ ރޮނާލްޑޯ އާއި އެންމެ ވާދަވެރި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ސަޕޯޓަރުންނެވެ.
މެސީގެ ސަޕޯޓަރުން ބޭނުންވީ ރޮނާލްޑޯ ވޯލްޑް ކަޕްގައި ވެސް ނުކުޅެވޭ ގޮތަށް ފީފާއިން އަދަބު ދޭށެވެ. އެގޮތުން ރޮނާލްޑޯއަށް ދެއްކި ސީދާ ރަތްކާޑުގެ ސަބަބުން ތިން މެޗަށް ސަސްޕެންޑް ކުރުމަށް މެސީގެ ސަޕޯޓަރުން ދިޔައީ ގޮވާލަމުންނެވެ. އެހެން ނަމަވެސް ފީފާގެ ޑިސިޕްލިނަރީ ކޮމީޓީން މައްސަލަ ބެލުމަށް ފަހު ނިންމީ ރޮނާލްޑޯއަށް ތިން މެޗުގެ ސަސްޕެންޝަން އަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެގޮތުން ރޮނާލްޑޯ އަށް އޭނާގެ އަދަބު އެއް މެޗަށް ފީފާއިން ވަނީ ކުޑަކޮށްދީފަ އެވެ.
ރޮނާލްޑޯއަށް އަދަބު ނުދޭން ފީފާއިން ނިންމިއިރު، އަރްމީނިއާ މެޗުން މޮޅުވެ، ޕޯޗުގަލްއިން ވޯލްޑް ކަޕްގެ ކޮލިފިކޭޝަން ޔަގީންކުރި އިރު، ރޮނާލްޑޯ ތައްޔާރު ވަނީ ގައުމީ ޓީމާއެކު ރެކޯޑު ހަވަނަ ވޯލްޑް ކަޕަށެވެ.
އާއްމުކޮށް ކުޅުންތެރިއަކަށް ހަމަލާ ދީގެން ދައްކާ ރަތް ކާޑުތަކުގައި ތިން މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވާ ނަމަވެސް، ރޮނާލްޑޯއަށް ލުއި ދޭން ފީފާއިން ނިންމީ ބައެއް ކަން ކަމަށް ބަލައިފަ އެވެ.
ހަބަރުތައް ބުނީ ރޮނާލްޑޯއަށް ލުއި ގޮތެއް ހޯދަން ޕޯޗުގަލްގެ ފުޓްބޯޅަ އިދާރާއިން އިސްތިއުނާފެއް ހުށަހެޅި ކަމަށެވެ. އެ އިސްތިއުނާފުގައި ވާ ބައެއް ކަންތައްތަކަށް ބަލައި، ފީފާއިން ގޮތް ނިންމާފައިވާ އިރު، ސަސްޕެންޝަން އެއްކޮށް މައާފު ކޮށްފައެއް ނުވެ އެވެ.
ފީފާއިން ނިންމާފައި ވަނީ އަހަރެއް ތެރޭގައި އެފަދަ ކަމެއް ތަކުރާރުވެއްޖެ ހާލަތެއްގައި ވަގުތުން އިތުރު ދެމެޗުގެ ސަސްޕެންޝަނެއް ރޮނާލްޑޯ ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، އެއީ އެ ހާލަތު ތަކުރާރުވެއްޖެ ނަމަ އެކަންޏެވެ.
ފީފާއިން ރޮނާލްޑޯއަށް އަދަބު ލުއިކޮށްދޭން ނިންމި ސަބަބަކަށް ގިނަ ނޫސްތަކުން ފާހަގަކުރީ، މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 226 މެޗުން އެންމެ ރަތް ކާޑެއް ހޯދައިފައިވުމެވެ.
ސްކޫލް ހުޅުވޭއިރަށް ފްލެޓްތަކަށް އެންމެންނަށް ވަދެވޭނެ: ރައީސް
ޕޮލިޓިކަލް ޑިރެކްޓަރު އަތީފް ލޯނު ދައްކަން ހުކުމެއް