އަވަހަށް އޮފީހަށް ހާޒިރު ވާތީ މުވައްޒަފަކު އޭނާ މަސައްކަތް ކުރާ އޮފީހުން ވަކިކޮށްފި. ސްޕެއިންގެ ޑެލިވަރީ ކުންފުންޏެއްގައި ހިނގި މި ހާދަސާގައި އެ އޮފީހުން ވަކި ކުރީ ޒުވާން އަންހެނެއް. އޭނާ އޮފީހަށް ހާޒިރު ވަނީ ގަޑިޖެހުމުގެ 30 ނުވަތަ 45 މިނެޓް ކުރިން. އޭނާ އަންނައިރު އޮފީސް ނުހުޅުވާނެ ކަމަށް އެ ކުންފުނިން ބުނޭ. އަދި އަވަހަށް މަސައްކަތް ނުފެށޭނެ ކަމަށް ވެސް އެ މީހުން ބުނޭ. ނަމަވެސް އޭނާއަށް ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ވަކި ބަދަލެއް ނައި. އަންހެން މީހާ އެ މައްސަލަ ކޯޓަށް ހުށައެޅުމުން ކޯޓުން ނިންމީ އެކުންފުނިން އެޅި ފިޔަވަޅު ރަނގަޅު ކަމަށް. އަދި ގެއްލުމުގެ ބަދަލެއް ވެސް ދޭން ނުޖެހޭނެ ކަމަށް.

ހާޒިރީ ބަރާބަރުވުމާއި ދުވަހަކު ވެސް ގަޑިނުޖެހި އޮފީހަށް ދިއުމަކީ ވަޒީފާގެ މައިދާނުގައި އުޅޭ މުވައްޒަފުންގެ އެންމެ ރަނގަޅު ކޮލިޓީ ކަމަށް ބެލެވިފައިވާ ދެ ކަމެވެ. ނަމަވެސް ގަޑި ނުޖެހި އޮފީހަށް ދިއުމުން މައްސަލައަކަށްވެ، މި އޮތީ އޮފީހުން ކަނޑާލިކަމުގެ ވާހަކައެކެވެ.

ގަޑި ނުޖެހި އޮފީހަށް ދާތީ ކަންބޮޑުވެގެން ސްޕެއިން ގައި މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި އެވެ. މި ހާދިސާ ހިނގީ ސްޕެއިންގެ ސިޓީއެއް ކަމަށްވާ އަލިކާންޓެގައި ޕާރުސަލް ޑެލިވަރީކުރާ ކުންފުންޏެއްގަ އެވެ. އުމުރުން 22 އަހަރުގެ ހަމައެކަނި "މިސް އޭ"ގެ ނަމުން މީޑިއާތަކަށް ނަން ދީފައިވާ މި އަންހެން މީހާއަކީ އެ ކުންފުނީގައި ލޮޖިސްޓިކްސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އޮފީހަށް ހާޒިރުވާން ޖެހޭ ގަޑިއަށް ވުރެ 30 މިނެޓް އަދި ބައެއް ފަހަރު 45 މިނިޓް ކުރިން ހާޒިރުވުމުގެ ސަބަބުންނެވެ. މިކަމާ ހިތްހަމަނުޖެހިގެން އޭނާގެ ވެރިމީހާ އެކަން މަނާކުރި ނަމަވެސް އެ އަންހެން މީހާ އެ ކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ވެ އެވެ.

އާންމު އުސޫލަކުން ބުނާނަމަ، އިތުރު ގަޑީގައި މަސައްކަތް ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެ މުވައްޒަފު އޮފީހަށް ހާޒިރުވާއިރު އޮފީސް ހުންނަނީ ބަންދުކޮށްފަ އެވެ. އެއްވެސް އެހެން މުވައްޒަފެއް ވެސް އެ ތަނުގައި އެ ގަޑީގައި ނޫޅޭނެ ކަމަށް މައްސަލަ ބެލި މީހުން ބުނެ އެވެ. ވީމާ އަވަހަށް އޭނާގެ މަސައްކަތް ފެށުމުގެ ފުރުސަތެއް ވެސް ނޯންނާނެ އެވެ. އެހެން ކަމަށް ވުމުން އޮފީހަށް ހާޒިރުވާން ޖެހޭ ގަޑިއަށް ވުރެ މާ ކުރިން ހާޒިރުވުން އެ އޮފީހުން ބެލީ ބޮޑު ކުށެއްގެ ގޮތުގަ އެވެ.

މައްސަލަ ރަނގަޅަށް ބެލިބެލުމުން އެ މީހާގެ އިތުރު ކަމެއް ފާހަގަ ކުރެވުނެވެ. އެއީ މަސައްކަތް ނިންމާފައި ގެއަށްދާ ގަޑި ނޯޓްކުރުމުގައި ވެސް މައްސަލަތަކެއް އުޅޭ ކަމެވެ. އެގޮތުން ގަޑި ނިމޭކަމަށް އޭނާ ރިކޯޑްކޮށްފައިވާ ކަމަށް ބުނާ ގަޑީގައި އޭނާ ހުންނަނީ އޮފީހާ އެތައް މޭލެއް ދުރުގަ އެވެ.

މިސް އޭ ކޯޓަށް މިމައްސަލަ ހުށަހެޅި ނަމަވެސް ކޯޓުން ހުކުމް ކޮށްފައި ވަނީ ކުންފުނިން ކަންތައް ކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލުގައި އެއްވެސް ފައިސާއެއް އޭނާ އަށް ލިބެން ނުޖެހޭނެ ކަމަށެވެ.

ކޯޓުން އިތުރަށް ބުނެފައި ވަނީ މިސް އޭގެ ވެރިމީހާގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ކުންފުންޏާ އޭނާއާ ދޭތެރޭ އޮންނަ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށެވެ.