ލޭގެ ހަކުރު އެއްވަރެއްގައި ހިފެހެއްޓުމަކީ ދިގު މުއްދަތުގައި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ޖާނަލް އޮފް ޑައިބެޓިކްސް އެންޑް އެންޑޯކްރޮނޮލޮޖީގައި ޝާއިއު ކޮށްފައިވާ އެ ދިރާސާގައި ވަނީ ލޭގެ ހަކުރުގެ މިންވަރާއި ހިތުގެ ސިއްހަތާ ހުރި ގުޅުމަށް އަލި އަޅުވާލާފަ އެވެ.

އެގޮތުން ޕްރީޑައިބެޓިކްސް ތަހައްމަލުކުރާ ފަރާތްތަކުން އެ މީހުންގެ ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކޮށްގެން ގެންގުޅޭނަމަ ހިތުގެ ބަލި ޖެހުން ދެގުނަ ކުޑަކޮށްދޭ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

އެކަމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެ ދިރާސާގައި ފާހަގަ ކޮށްފައިވަނީ ލޭގައި ހުންނަ ހަކުރަކީ ލޭނާރުތައް ބެދެން މަގުފަހިވާ ކަމަކަށް ވާއިރު ހަކުރު ހިފަހައްޓާނަމަ ލޭނާރުތައް ބަންދުވުން ކުޑަވާތީ އެވެ.

އެހެން ކަމުން ޕްރީޑައިބެޓިކްސް ތަހައްމަލުކުރާ ފަރާތްތަކުން ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް ސަމާލުކަން ދޭން އެ ދިރާސާގައި ބުނެފައިވެ އެވެ.

ހަކުރު ބައްޔާއި ހިތުގެ ބަލިތަކަކީ ރާއްޖޭގެ އިތުރުން ދުނިޔޭގައި ވެސް ގިނަ ބަޔަކު ތަހައްމަލުކުރާ ބަލިތަކަށްވާއިރު އެ ކަންކަމަށް ސަމާލުވުމަކީ ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު ކަމެކެވެ.