ދުނިޔޭގައިވާ މަޚްލޫގުންގެ ތެރެއިން އެންމެ ބޮޑަށް ހަށިގަނޑު ސާފުތާހިރުކޮށް ބަހައްޓާ ކަމަށް ބެލެވިފައި ވަނީ އިންސާނުންނެވެ. ކެހެރި ފެޅި ބައެއް ޖަނަވާރުންގެ ހަށިގަނޑު ސާފު ކުރާ ތަން ފެނުމަކީ އާންމު ކަމެކެވެ. އެހެން ނަމަވެސް ކުދި ސޫފިތައް އެ ތަކެތީގެ ހަށިގަނޑު ސާފުކޮށް ބަލަހައްޓާކަން އިންސާނަކަށް ގަބޫލު ކުރަން ދަތިވެދާނެ އެވެ.
ފަހުގެ ސައިންސުގެ ހޯދުންތަކުން ހާމަވާގޮތުގައި އިންސާނުންނާއި ކެހެރިފެޅި ޖަނަވާރުންނެކޭ އެއްފަދައިން ކުދިބޮޑު ޖަނަވާރުން ވެސް ހަށިގަނޑުގެ ސާފުތާހިރުކަން ދަމަހައްޓަ އެވެ. އޭގެ ތެރޭގައި ކުރަފި ވެސް ހިމެނެ އެވެ.
ސައިންސްްވެރިން ބުނާގޮތުގައި ތަފާތު މާހައުލުތަކުގައި އެތައް މިލިއަން އަހަރަކަށް ކުރަފީގެ ނަސްލު ދެމިގެން ދިއުމުގެ އަސްލަކީ އޭތީގެ ހަށިގަނޑު ސާފުތާހިރުކޮށް ބެހެއްޓުމަށް އޭތިކުރާ މަސައްކަތުގެ ނަތީޖާ އެވެ.
ކުރަފިއަކީ ބަލިފަތުރާ އެއްޗެއްކަން ޔަގީނެވެ. އިންސާނުން އޭގެ ކިބައިން ސަލާމަތްވެ ތިބެން ޖެހެނީ އެހެންވެ އެވެ. ހަމަ އެފަދައިން ކުރަފި ވެސް އިންސާނެއްގެ ގައިގަ ޖެހިއްޖިއްޔާ ގައިން ތާހިރު ވެލާކަން ސައިންސްވެރިން ދެނެގަނެފި އެވެ.
ސައިންސުވެރިން ބުނާ ގޮތުގައި ކުރަފި އެކަން ކުރަނީ އޭތީގެ ހަށި ރައްކަލަކަށެވެ.
ކުރަފީގެ އެންޓަނާއަކީ އެކި ހިއްސުތައް ދެނެގަންނަ ގުނަވަނެކެވެ. އޭތީގެ އެންޓަނާގައި ޖަރާސީމެއް އަށަގަނެފި ނަމަ، އިންފެކްޝަނެއް އުފެދި އެންޓަނާގެ މަސައްކަތް ދަށަށް ދެ އެވެ. އެކަމަށްޓަކައި އޭގެ ފަޔާއި ތުން ބޭނުންކޮށްގެން ހަށިގަނޑުގައި ހުންނަ ޖަރާސީމާއި ގައިގައި ހޭކިފައި ހުންނަ ކުނިބުނިތައް ފޮހެ، ސާފުކުރެ އެވެ. އެހެން އެއްޗެއްގައި، މިސާލަކަށް އިންސާނެއްގެ ގައިގައި އޭތީގެ ހަށިގަނޑު ޖެހުނުނަމަ، ކުރިއަށް ވުރެ އިތުރަށް ސާފުވެލަ އެވެ. މިއީ އޭތީގެ ހަށިގަނޑު އިންސާނެއްގެ ފުށުން އަރާފާނެ އިންފެކްޝަނަކުން ސަލާމަތް ކުރުމަށް ކުރާ ކަމެކެވެ.
ކުރަފިއަކީ އޭގެ ޒާތުގައި އެއްތަނުން އަނެއް ތަނަށް ޖަރާސީމު އުފުލާ ސުއިއްޕެކެވެ. އެހެން ނަމަވެސް ގަވައިދުން ގައިން ތާހިރުވުމުގެ ސަބަބުން ޖަރާސީމު އާދަޔާ ޚިލާފަށް ގިނަ މާހައުލުތަކުގައި ވެސް އޭއްޗަށް ބަލިމަޑުކަމެއް ނުޖެހި ސަލާމަތުން ދިރިއުޅެ ވެ އެވެ.
ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ކުދި ބޮޑު ޖަނަވާރުން ގައިން ތާހިރުވެ، އުޅޭ މިފަދަ އާދަތަކަކީ "ޕެސްޓް ކޮންޓްރޯލް" ކުރުމަށް މުހިންމު މައުލޫމާތު ތަކެކެވެ.