ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އަލީ ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ކަނޑައެޅުމާ ގުޅިގެން، އެ މަގާމުގެ ބައި-އިލެކްޝަން އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މި އިންތިހާބުގައި ވޯޓު ނެގުން ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށެވެ. އަދި މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވުމަށް ފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެއްޖެ ނަމަ އެ މީހަކު ކައުންސިލަރުކަމުން ވަކިވާނެ އެވެ. ވ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް މީގެ ކުރިން ކުރެއްވި ޝުޖާއު މިއަހަރު ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގަ އެވެ.

ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަނުވުމުގެ ސަބަބުން ދަ ޑިމޮކްރެޓްސް ޕާޓީ އުވުމާ ގުޅިގެން ޝުޖާއު ފަހުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތުމާ އެކު، ޕާޓީ ބަދަލުކުރުމުގެ ސަބަބުން ކައުންސިލަރުގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން މިދިޔަ ޖުލައި މަހު ވަނީ ނިންމާފަ އެވެ.