އޭނާއަކީ ހީވާގި އަންހެން ކަނބަލެއް. ދިމާވާ ގޮންޖެހުންތަކުގައި ދައްކައިފައި ވަނީ ހިތްވަރު ގަދަކަމާއި ކެތްތެރިކަން. ދަރިން ބަލަމުން ގޭތެރޭގައި އިނދެގެން ކުރެވޭ މަސައްކަތަށް އޭނާ އަބަދުވެސް ޝައުގުވެރިވޭ. ގޭގައި ފިނިކުރި ބުއިން ވިއްކަމުން ދަނިކޮށް ސުނާމީގައި އޭނާ ދިރިއުޅޭ ގެ ވަރަށް ބޮޑަށް ހަލާކުވި. އެއާ ވިދިގެން ދިރިއުޅުނީ ވަގުތީ ހިޔާގައި. އެ ދުވަސްވަރު އެތައް ބައެއްގެ ދީލަތި އެހީ އާ އެއްބާރުލުމާ އެކީ ބޭކަރީއެއްގެ މަސައްކަތް ފެށި. އެ ބޭކަރީގައި ފުރަތަމަ ހެދީ ޕާން. ފަހުން ވައްތަރުތައް އިތުރުކުރި. އޭނާގެ މަސައްކަތުގައި ފިރިމީހާގެ އިތުރުން ދަރިން ވެސް އެހީތެރިވޭ. އޭނާއަކީ އަމިއްލަ އެދުމެއް ނެތި އެހެން މީހުންގެ މަސައްކަތް ދިރުވާ އާލާކުރުމަށް އެހީތެރިވެދޭ ކުޅަދާނަ އަންހެނެއް.

އޭނާގެ މަސައްކަތާ ބެހޭ މައުލޫމާތު ދިނީ ކުދި ގުޅަ ހަދަން ޖޯލިފަތީގައި އިށީންދެ އިނދެގެނެވެ. އޭރު ކައިރީގައި މާމަ ދަރިން ކުޅެން އުޅެ އެވެ. އޭނާގެ ފިރިމީހާ އެ ވަގުތު އުޅެނީ އެގެއާ އިންވެގެން ހުންނަ ބޭކަރީގައި މަސައްކަތް ކުރާށެވެ. ގޭތެރޭގައި ވާނުވާ އެނގުމަކީ އޭނާއަށް ވަރަށް މުހިންމު ކަމެކެވެ. އަންބަކަށް ވީތީ އެވެ. މަންމައަކަށް ވީތީ އެވެ. އަދި މާމައަކަށް ވެސް ވީތި އެވެ.

ތ. މަޑިފުއްޓަށް އުފަން އެރަށު އެތުމާވިލާ ނާހިޔާ އާދަމް (ނާހިޔާ) އަށް ގޭގައި އިނދެ އާމްދަނީ ހޯދުމަށް މަސައްކަތެއް ކުރުމަކީ އުފަލެވެ. ހިތްހަމަ ޖެހުމެވެ. މަޑިފުށީގައި މިވަގުތު ހުރި ހަމައެކަނި ބޭކަރީ ކަމަށްވާ "ދަރަޖަ ބޭކަރީ" ހުޅުވުމުގެ ކުރިން، އޭނާ ގޭގައި އިނދެ ގަނޑުފެނާއި ޖޫސްޕެޓީ އަދި ޖޫގޯގެ ވިޔަފާރި ކުރި އެވެ. އެ މަސައްކަތް ކުއްލިއަކަށް ހުއްޓުނީ ސުނާމީ ކާރިސާގައި އޭނާގެ ގެއާއެކު މަސައްކަތް ކުރަން ގެންގުޅުނު ހުރިހާ އާލާތްތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމާ ގުޅިގެންނެވެ.

"ސުނާމީ އެރުމާ ގުޅިގެން އަޅުގަނޑުގެ އާއިލާ ދިރިއުޅުނުގެ އެއްކޮށް ހަލާކުވުމުން ދެން ބަދަލުވީ ބަނދަރުމަތީ އެޅި ވަގުތީ ހިޔާއަކަށް. އެތާ ދިރިއުޅެނިކޮށް ޝާލިނީ ކިއާ 'ރެޑްކްރޮސް' ޖަމާއަތުގެ އަންހެނެއް ދިމާވި. އޭނާ އަޅުގަނޑު ކައިރީ ބުނީ ދައްތަ މި ވަގުތު ކޮންކަމެއް ހޭ ކުރަން ބޭނުން ވަނީ. އޭރު ރަށުގައި ނުކުރާ މަސައްކަތަކާ ދޭތެރޭ ވިސްނާލާފައި އަޅުގަނޑު ބުނިން އަޅުގަނޑު ކުރަން ބޭނުންވަނީ ބޭކަރީ މަސައްކަތް ކަމަށް،" ނާހިޔާ ބޭކަރީ މަސައްކަތް ފެށުނު ގޮތް ކިޔައިދިނެވެ.

ބޭކަރީގައި ހުރި އަވަނެއް ފިހަން ޖައްސަނީ: ބޭކަރީ މަސައްކަތް ފެށުމަށް ގިނަބައެއްގެ ދީލަތި އެހީ ލިބިފައިވޭ.

ރެޑްކްރޮސްއިން ދިމާވި ޝާލިނީ އޭނާއަށް ބޭކަރީ މަސައްކަތް ކުރާ ހދ. ކުޅުދުފުށީ ހުޅަނގުގެ އަބްދުﷲ އާ ގުޅޭނެ ގޮތެއް ހަމަޖައްސަދިނެވެ. އެ ފުރުސަތުގެ ބޭނުންކޮށް އޭނާއަށް ގުޅާ ނާހިޔާއަށް ކުރިމަތިވެގެން އުޅޭ ހާލަތު ކިޔައިދިނެވެ. އަދި ދިރިއުޅުމަށް ދަތިވެފައިވާ އެ ނިކަމެތި އެ ދަނޑިވަޅުގައި، ކުރަން ބޭނުންވާ މަސައްކަތް ދަސްކޮށްދިނުމަށް އެދުނެވެ. އަބްދުﷲ އެ ކަމުގައި ވަރަށް ބޮޑު އެހިތެރިކަމަކާއި އެއްބާރުލުން ދިންކަން ނާހިޔާ މިއަދު ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަ ކުރެ އެވެ.

ނާހިޔާ ބޭކަރީ މަސައްކަތް ފެށީ އެ ކަމަށް މުޅިން ތައްޔާރުވެ ހުރެއެއް ނޫނެވެ. ކުޅުދުއްފުށީގެ އެކުވެރިޔާ ދިން ނަސޭހަތް ގަބޫލުކޮށް މަސައްކަތް ހަމަ ފެށީ އެވެ. އެއްޗެހި ހޯދަން ފެށީ މަޑުމަޑުންނެވެ. ފުރަތަމަ ބޭނުންކުރީ އެންމެ ޓްރޭއެއް ލެވޭވަރުގެ އެއްފޫޓުގެ އަވަނެކެވެ.

ފުރަތަމަ ޕާން ހަދަން ދަސްކޮށްގެން ހެދީ ޕާނެވެ. އެއަށް ބޭނުންވާ ބޮޑެތި ފުއްގަނޑު މޮޑެ އުޅުނީ އޭނާގެ ދެ އަތުންނެވެ. ބައެއް ދުވަސް ދުވަހު މޮޑޭ ފުށްގަނޑު ރަނގަޅު ނުވެގެން އުކާލަން ޖެހޭ ފަހަރު ވެސް އަންނަ ކަމަށް އޭނާ ބުންޏެވެ. މަސައްކަތް ރަނގަޅަށް ކުރިއަށް ދާން ފެށުމާއެކު ބޮޑު އަވަނެއްގެ ބޭނުން ޖެހުނެވެ. ގާތް ރައްޓެއްސެންގެ ދީލަތި އެހީ އެ ވަގުތު ލިބުނުކަން އުފަލާއެކު ފަހަގަ ކުރި އެވެ.

ނާހިޔާ ފިހެފައިވާ ޕާންތަކެއް ރެކެއްގައި އަތުރާފައި: ޑެލިވަރީ ކުރުމުގެ ޚިދުމަތް ވެސް އޭނާ ފޯރުކޮށްދޭ.

އެ އަވަނަށް އެއްފަހަރާ 12 ޓްރޭ ލެވެ އެވެ. ކުރިން އަތުން މޮޑެމުން ދިޔަ ފުށްގަނޑު ގިނަ ކުރަން ޖެހުމުން މެޝިނަކުން މޮޑެން މަޖުބޫރު ވި އެވެ. އެއަށް ބޭނުންވާ ފައިސާ އެ ވަގުތު ނެތުމުން ރެޑްކްރޮސްއިން 20،000 ރުފިޔާ ހަމަޖައްސައިދިން ކަމަށް އޭނާ އުފަލާއެކު ބުންޏެވެ.

"އެ ފައިސާއަށް ގަތީ ކުޑަ ފުށް މޮޑޭ މެޝިނަކާއި ކުޑަ ކަފާ މެޝިނެއް. ފުށް މޮޑޭ މެޝިނުން މޮޑެވެނީ ތިން ކިލޯ ފުށް. ދެން ހިތަށް އެރި ހަމަ ކުރިއަށޭ ދާނީ. ދަތިތަކާއި ގޮންޖެހުންތަކާ ކުރިމަތިލައިގެންނޭ ކަމެއް ހާސިލް ކުރެވޭނީ. އިރާދަ ކުރެއްވިޔާ ކާމިޔާބު ވަންދެން ހިފަހައްޓާ ނަމޭ. އެ ނިޔަތުގައި ހަމަ ކުރިއަށް ދާން ފެށީ،" ނާހިޔާ ބުންޏެވެ.

ނާހިޔާ ސަބްމެރިން ބަނަސް ތައްޔާރު ކުރަނީ: ބޭކަރީ މަސައްކަތަށް ޒުވާން ކުދިން ނުކުތުމަށް އޭނާ އެދޭ.

މަސައްކަތް "ފުލް ސްޕީޑް"ގައި ކުރިއަށް ދާން ފެށުމާ އެކީ ޕާނުގެ އިތުރަށް ބަނަހާ، ހޮޓްޑޯގް ބަނަސް، ސަބްމެރިން ބަނަސް އަދި އެންމެފަހުން ރަށު މީހުންގެ އެދުމުގެ މަތިން ފާރޮށި ވެސް ތައްޔާރުކުރަން ފެށި އެވެ. އޭރު ވެސް އުޅެމުން ދިޔައީ ވަގުތީ ހިޔާގަ އެވެ. ފަހުން "ރެޑްކްރޮސްގެ" ލިބުމުން އެ ތަނަށް ބަދަލުވެ، ގޭގެ ބައެއްގައި ރަޖިސްޓަރީ ކޮށްގެން ރަސްމީކޮށް ބޭކަރީއެއް ހުޅުވި އެވެ.

"ބޭކަރީ މަސައްކަތް ކުރާތާ 20 އަހަރު މިވަނީ. އެކަމަކު މިއަދު ވެސް އެއްޗަކަށް ދަތިވިއަސް ބުނެލުމުނެ ކުޅުދުއްފުށީ އަބްދުﷲ އެހީތެރިވެދޭ، އަޅުގަނޑުގެ އަތުގައި ނެތް އެއްޗެއް އޭނާގެ އަތުގައި އޮތިއްޔާ ބޯޓަށް ލާފައި ކުޅުދުއްފުށިން މާލެއަށް ފޮނުވާނެ. ދެން މާލެއިން އެއެއްޗެއް ނަގާފައި ރަށަށް ގެންނަނީ. އެހާ ވެސް ގުޅުން ރަނގަޅު،" ނާހިޔާ ބުންޏެވެ.

އަޅުކަމަށް ޚާއްސަ ކުރާ ފަސް ވަގުތު ފިޔަވާ، އޭނާގެ ހުރިހާ ވަގުތެއް މިއަދު ހޭދަ ކުރަނީ ބޭކަރީ ހިންގުމުގަ އެވެ. އެ ކަމުގައި ފިރިމީހާ އަދި ދަރީންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަން އުފަލާއެކު ފާހަގަ ކުރި އެވެ.

ނާހިޔާ ފިހެފައިވާ ބަނަސްތައް ރެކެއްގައި އަތުރާފައި: މަސައްކަތުގައި ފިރިމީހާ އާއި ދަރިންގެ އެހީތެރިކަން ވެސް ލިބޭ.

"ފިރިމީހާ އާ ދެ މީހުން މި މަސައްކަތުގައި މި އުޅެނީ. ކައިރީގައި ތިބޭ ދެ ދަރިންގެ ފަރާތުން ވެސް ވަރަށް ބޮޑަށް އެހީތެރިކަން ލިބޭ. މިސާލަކަށް ފުށް މޮޑެ، ގުޅަޖަހާފައި ބެހެއްޓުމުން ގޭގަ އުޅޭ ދޮށީ އަންހެން މަންޖެއަށް ވަގުތެއް ވެއްޖިއްޔާ އިށީންނާނެ ގުޅަ ބައްދަން. އޭނާ އަކީ މަޑިފުށީ ސްކޫލް ޓީޗަރެއް. ސްކޫލުގައި ވަރަށް ބުރަކޮށް އުޅޭއިރު އެހެންތާ ވާނީ. ދެން މިގެއަށް ކޮންމެ މަހަކު އެތެރެ ކުރަންޖެހޭ ގާތްގަނޑަކަށް 8 ބަސްތާ ފުށް އެތެރެ ކުރާނީ މިގޭގަ އުޅޭ ފިރިހެން ދަރިފުޅު. ރޯދަމަސް ވިއްޔާ 15 ނުވަތަ 16 ބަސްތާ ފުށް ވެސް ގެންނަން ޖެހިދާނެ،" އޭނާ ކިޔައިދިނެވެ.

ނާހިޔާގެ ބޭކަރީ އިން ލިބެން ހުންނަ ތަކެތީގެ ލިސްޓަށް ފަހުން ޕިއްޒާ، ކޭކު، ބަޖިޔާ އަދި ކުދި ގުޅަ ވަނީ އިތުރު ކޮށްފަ އެވެ. ޑެލިވަރީ ކުރުމުގެ އަވަސް ޚިދުމަތް މަޑިފުއްޓަށާއި ކައިރި ރަށްރަށަށް ވެސް އޭނާ ފޯރުކޮށްދެ އެވެ.

އޭނާ ބުނިގޮތުގައި އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ހުރިހާ ބޭނުންތަކެއް ފުއްދައިގެން އުޅެވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މި މަސައްކަތުގައި އޭނާ ދައްކާ ހިތްވަރަކީ އޭނާގެ ކުރިއެރުމެވެ.

ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މަޑިފުށީ ކައުންސިލުން އެރުވި ހަނދަނީ ފިލަޔާ ހަވާލުވަނީ: ނާހިޔާއަކީ ހީވާގި އަންހެން ކަނބަލެއް

"ބޭކަރީ މަސައްކަތުގައި މިހާރު އުނދަގޫ އެއްވެސް ކަމެއް ނެތް. ކުރިއާ ޚިލާފަށް މިހާރު ހަމަ އޭސީ ކޮޓަރީގައި އޮވެ ފޯނަށް ފިތާލީމަ ބޭނުން އެއްޗެއް ޑެލިވަރީ ކޮށްދޭ. އަޅުގަނޑުގެ 3 މާމަ ދަރިން ބަލަމުން ގޭގައި ކައްކަމުން މިކުރާ މަސައްކަތުން ލިބޭ އަގު ވަރަށް ރަނގަޅު. އެއީ މިސާލަކަށް ވަޒީފާއަކަށް ގޮއްސިއްޔާ ދަރިން އުޅޭ ގޮތެއް ނޭނގޭނެ، ފިރިމީހާ އުޅޭގޮތެއް ނޭނގޭނެ، ގޭދޮށު ކުންޏެއް ނުކެހޭނެ. ގަޑިން ގަޑިއަށް ކައްކާފައި މޭޒު މައްޗަށް ކާއެއްޗެއް ނޭރުވޭނެ، ދެމަފިރިން އެއްގޮތް ނުވެއްޖިއްޔާ ދެން އޮންނާނީ ވަކިވާ ހިސާބަށް ގޮއްސަ. އަޅުގަނޑު ބުނާނީ ޒުވާން އަންހެން ކުދިން ކުރަން ވެސް މިއީ ވަރަށް ރަނގަޅު މަސައްކަތެކޭ ދަސްކުރާށޭ،" އޭނާ ބުންޏެވެ.

ނާހިޔާ ނުބުނާ ވާހަކައެއް ދަރިފުޅުގެ ދުލުން

ބޭކަރީ މަސައްކަތުގެ އިތުރުން ނާހިޔާ ރަށުގެ ރައްޔިތުންނަށް ކޮށްދޭ ވަރަށް މުހިންމު ޚިދުމަތެއް ވާކަން އޭނާގެ ދޮށީ އަންހެން ދަރިފުޅު ބުންޏެވެ. އެއީ މަޑިފުށީ މީހުން ވިޔާ ފަން އެހެން ރަށް ރަށަށް ވިއްކައިދިނުމެވެ. އެ ފަންތައް ބޯޓުތަކަށް އަރުވައި، އެ ގުނައި، އޭގެ ހައްގުވެރިންނަށް އުޖޫރަ ލިބުނުކަން އޭނާ ކަށަވަރު ކުރެ އެވެ. އެ މަސައްކަތް ކުރަމުން ގެންދަތާ މިހާރު ވިއްސަކަށް އަހަރު ވެދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މަޑިފުށީ މީހުން ވިޔެފައިވާ ފަންގި ވިއްކަން އެ ރަށު ބަނދަރުގައި އޮތްބޯޓެއްގެ މީހަކާ ވާހަކަދައްކަނީ: މަސައްކަތް ކުރި މީހުންގެ ފައިސާ ލިބުނުކަން އޭނާ ކަށަވަރު ކުރޭ.

ނާހިޔާގެ އިހުލާސްތެރިކަމާއި މަސައްކަތެރިކަން ފެނި އޭނާގެ 4 ކުދިންގެ ހިތުގެ ޝުއޫރު ވަނީ އެފްބީގައި ހިއްސާ ވެސް ކޮށްފަ އެވެ.

އެފްބީ ޕޯސްޓްގައި ވާ ގޮތުން ނާހިޔާގެ މަސައްކަތަށް އޭނާގެ ދަރިން ފަޚުރުވެރި ވެ އެވެ. އެ ޕޯސްޓް ނިންމާލާފައި ވަނީ އެ ފަދަ ހިތްވަރުގަދަ، ހިތްހެޔޮ އަންހެނަކު އެ ކުދިންގެ މަންމައެއް ކަމުގައި ދެއްވީތީ ﷲގެ ހަޒްރަތަށް ޙަމްދު ކުރަމުންނެވެ.