"ލޫޓުވައިފި ލޫޓުވައިފި" ނަމުގައި މާލޭގައި އެމްޑީޕީން މިދިޔަ އަހަރު ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރާއި އެ ޕާޓީގެ އިތުރު ހަތް އެކްޓިވިސްޓަކަށް ދައުވާކޮށްފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު މާލޭގައި ބޭއްވި އެއްވުމާ ގުޅިގެން، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ ކަމަށެވެ.

އެ ދައުވާ ކޮށްފައިވަނީ، މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރުކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާ ގޮތަށް ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ދައުވާކުރި މީހުން:

1. އަބްދުއް ސަލާމް

2. މުހައްމަދު ހަމާއިދު އަބްދުލް ޣަނީ

3. އަލީ ނައުފަލް

4. މައުރޫފް ޒާކިރު

5. އާއިޝަތު ނަޖުދާ އަލީ

6. އަލީ މުއައްވަޒް

7. ފާތިމަތު ޒަހިއްޔާ

8. ހުސައިން ރަޝީދު

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި އިތުރު ހަތް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން އެދުނު ކަމަށެވެ. ނަމަވެސް ދައުވާ ކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ އަދި ދައުވާކުރުމުގެ އާންމު މަސްލަހަތު ނެތުމުން އެ މީހުންގެ ބައި އަނބުރާ ފޮނުވާލާފައިވާނެ ކަމަށެވެ.