އީރާނުގެ އާ ސުޕްރީމް ލީޑަރަކަށް ކުރީގެ ސުޕްރީމް ލީޑަރުގެ ދަރިކަލުން މޮޖްތަބާ ޚާމަނާއީ އައްޔަންކޮށްފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން އިއުލާންކޮށްފި އެވެ.

މޮޖްތަބާ އަކީ އެއްވެސް އިރެއްގައި ވެރިކަމަށް ކުރިމަތިލައްވާފައި ނުވާ ބޭފުޅެއް ނަމަވެސް، އޭނާ އަކީ ކުރީގެ ސުޕްރީމް ލީޑަރާ ވަރަށް ގާތުން މަސައްކަތް ކުރައްވައި އަދި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

އުމުރުން 56 އަހަރުގެ މޮޖްތަބާ ސުޕްރީމް ލީޑަރަކަށް ގެނައުމަށް އާއްމުކޮށް ވާހަކަ ދެކެވިފައެއް ނުވެ އެވެ. އަދި 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބުގެ ކުރިން ޕަހްލަވީ ރަސްކަން ފަދަ ދަރިފަސްކޮޅެއް އުފެދިގެން ދާނެ ކަމަށް ބެލެވޭތީ، މޮޖްތަބާ ވެރިކަމަށް ގެނައުމަކީ އެއްވެސް އިރެއްގައި ފާޅުގައި ދެކެވުނު ވާހަކައެއް ނޫނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އީރާނުގެ އާ ސުޕްރީމް ލީޑަރެއްގެ ގޮތުގައި އައްޔަން ކުރަންވާނީ އޭނާގެ ރުހުން އޮތް ބޭފުޅެކެވެ. އަދި އޭނާގެ ރުހުން ނެތް ބޭފުޅަކު އައްޔަންކޮށްފި ނަމަ އެ މީހަކު ވެސް ބަލައި ނުގަންނާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައިވެ އެވެ.

އޭގެ އިތުރުން އިޒްރޭލުން ވެސް ވަނީ އީރާނުގެ އާ ސުޕްރީމް ލީޑަރަކު އައްޔަން ކުރުމަށް ހާއްސަ ކައުންސިލްގެ ބައްދަލުވުން ބޭއްވުމަށް ކުރި މަސައްކަތަށް ހުރަސް އަޅައި، އެތަން ބޮން އަޅައިފަ އެވެ. އަދި އާ ސުޕްރީމް ލީޑަރަކު އައްޔަން ކުރި ނަމަވެސް އެ ބޭފުޅަކު ވެސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިޒްރޭލުން އިންޒާރު ދީފައިވެ އެވެ.

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ މި ހަނގުރާމައިގެ ކުރީކޮޅު އަވަހާރަކޮށްލުމާ ގުޅިގެން، އިސް ލީޑަރަކު ކަނޑައެޅުން ވަނީ ފަސްކޮށްފަ އެވެ. އަދި އެކަން ނިންމައި އީރާނުން ރަސްމީކޮށް އިއުލާން ކުރީ މިރެ އެވެ.