ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ރިޝްވަތުގެ ގޮތުގައި އެތައް ވަޒީފާއެއް ބަހަމުންދާ ކަމަށާއި، މި އިންތިހާބުގައި ދޭ ވޯޓަކީ އެކަމަށް "ނޫނެކޭ" ބުނުމަށް ދޭ ވޯޓަކަށް ހަދަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގައި ބޭއްވި "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިނިވަން މުއައްސަސާތަކާއި އިދާރާތަކަށް ނުފޫޒު ފޯރުވަމުންދާ މިންވަރާ މެދު ކަންބޮޑުވުން އުފެދޭ ކަމަށެވެ. އަދި މިއަދުގެ ހާލަތު އޮތް ގޮތުން ކޮންމެ ދުވަހެއްގެ އިރު އޮއްސެނީ ގާނޫނީ ވެރިކަމަށް އެތައް ސުވާލެއް ކުރިމަތި ކުރުވާފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު އިރު އެރުމާ އެކު ފެންނަނީ ކޮންމެވެސް މުއައްސަސާއެއްގެ ބާރު ކަނޑުވާލާތަން. ކޮންމެ ދުވަހެއްގެ އިރު އޮއްސެނީ ޤާނޫނީ ވެރިކަމަށް އެތައް ސުވާލެއް ކުރިމަތި ކުރުވާފައި. މިއަށް އެޕްރިލް 4ގައި ޖަވާބުދޭން މި ޖެހެނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އައްޑޫގެ ތަރައްގީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރަށެއް ނުވަތަ ސިޓީއަކަށް ތަރައްގީ ގެނެވޭނީ އެތަނެއްގެ ރައްޔިތުންގެ ވިސްނުމާ އެކު ކަމަށެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އައްޑޫގެ ތަރައްގީއަށް 8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރާއްޖެ ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބާރުތައް ދޫކޮށްލައިގެން ކަމަށްވީ ނަމަވެސް، މިހާރުގެ ސަރުކާރުގެ ވިސްނުން ހުރީ އެއާ އިދިކޮޅަށް ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
ކުރިއަށް އޮތް އިންތިހާބަކީ އެންމެން އެއްކޮށް ގެނައި ހެޔޮ ވެރިކަން އަނބުރާ ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ސޯލިހު ސިފަކުރެއްވި އެވެ. ލާމަރުކަޒީ ނިޒާމު ދަމަހައްޓާނީ އެމްޑީޕީން ކަމަށް ވިދާޅުވެ، ބަދަހި އައްޑޫއެއް ބޭނުންވާ ނަމަ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
މީގެ އިތުރުން، އައްޑޫގެ މެނިފެސްޓޯއަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ އެއީ ހާސިލް ކުރެވޭނެ ފުރިހަމަ މެނިފެސްޓޯއެއް ކަމަށެވެ.
މޫނުގައި އޮށާޅަ ނަގަން މެދުވެރިވާ އާއްމު ބައެއް ސަބަބުތައް!