އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކެއް ގާއިމްކުރުމަށް ޓެންޓް ޖެހުމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއުގެ އޮފިޝަލް އިވެންޓްސް ކުންފުންޏަށް ގާތްގަނޑަކަށ 4.9 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި އެވެ.

މި މަސައްކަތް ޝުޖާއުގެ ކުންފުންޏާ ހަވާލުކުރިއިރު، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

އޮފިޝަލް އިވެންޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އިބްރާހީމް ޝުޖާއު އެވެ. ބޯޑު މެންބަރެެއްގެ ގޮތުގައި އަހުމަދު އަދުހަމް ހިމެނެ އެވެ.

މީގެ އިތުރުން ވޯޓުލާ ދުވަހުގެ ފޮޓޯ އާއި ވީޑިއޯ ނެގުމުގެ އިތުރުން ބައެއް ތަކެތި ހޯދުމަށް ކޯޓް މޯލްޑިވްސް ކިޔާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ. އެ މަސައްކަތުގެ ޖުމްލަ އަގަކީ 142،000 ރުފިޔާ އެވެ.

އެ ކުންފުންޏަކީ ޕީއެންސީގެ ބޭފުޅެއް ކަމަށްވާ އަހްމަދު ޒިޔާން މުހައްމަދުގެ ނަމުގައިވާ ކުންފުންޏެކެވެ.

ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ކާމިޔާބު ހޯދުމަށް މަގުފަހިވާގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ބުނަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ނުބެހެއްޓުމަށް ނިންމުމާއި ގިނަ ރިސޯޓްތަކުގައި ވޯޓު ފޮށި ނުބެހެއްޓޭގޮތަށް އުސޫލު ބަދަލުކުރުމަކީ ޕީއެންސީއަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް އެމްޑީޕީން ބުނެ އެވެ.