މާލެ- ހުޅުލޭ ގުޅުވައިދޭ ސިނަމާލެ ބްރިޖުގައި ރެނދެއްލައިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ފޮޓޯގައި ފެންނަނީ ރެނދެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ، އެ ފޮޓޯގައި ފެންނަ ރޮނގަކީ ބްރިޖްގެ އެކްސްޕެންޝަން ޖޮއިންޓަކުން ފެން ފޭބުމުން ކުރެހިފައިވާ ރޮނގެއް ކަމަށެވެ. މިއި ބްރިޖް މައްޗަށް އެޅޭ ފެން ފައިބާ ގޮތަށް އިންނަ ޖޮއިންޓެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ރެނދު ލާފައިވާ ކަމަށް ބުނާ ތަނުގެ ފޮޓޯ މިއަދު ނެގި އިރު ނުފެނެ އެވެ. ރެނދު ލާފައިވާ ކަމަށް ބުނާ ފޮޓޯ ދައުރުކޮށް ވަރަށް ގިނަ މީހުން ދަނީ އެހާ އަވަހަށް ބްރިޖުގައި ރެނދުލީ ކަމަށް ބުނެ އެ މަސައްކަތަށް ފާޑުކިޔަމުންނެވެ.

ސިނަމާލެ ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެ އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ. މި ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ.

ބްރިޖުގެ މެއިންޓަނަންސް މަސައްކަތް ކުރަނީ ބްރިޖުގެ އެޅުމުގެ މަސައްކަތް ވެސް ކުރި ޗައިނާގެ ސީސީސީސީ ކުންފުންޏެވެ. ސީސީސީސީ އިން ގެންދަނީ މިހާރު ވެސް ބްރިޖުގެ މެއިންޓެނެސް މަސައްކަތް ކުރަމުންނެވެ.