މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ ޓެކްސީ ޚިދުމަތުގައި ބޭނުންކުރާ ކާރުތަކަށް ޓެބްލެޓް ހޯދުމުގެ ނަމުގައި ބޮޑު ކޮރަޕްޝަނެއް ހިންގަމުންދާކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.
އެމްޓީސީސީގެ ޓެކްސީތަކަކީ މިހާރުވެސް މަލްޓިމީޑިއާ ސްކްރީންތައް ހަރުކުރެވިފައިވާ އުޅަނދުތަކަކަށް ވީނަމަވެސް، އިތުރު ފަންކްޝަންތައް ބޭނުންވާކަމަށް ބުނެ އެ ކުންފުނިން ވަނީ 300 ޓެބްލެޓް ގަތުމަށް ނިންމާފަ އެވެ. މި މުއާމަލާތް ހިންގާފައިވަނީ "ޓެކްނޭ" ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، 300 ޓެބްލެޓްގެ ތެރެއިން 150 ޓެބްލެޓް މިހާރު ވަނީ ޑެލިވަރީ ކޮށްފަ އެވެ. ބާކީ ހުރި 150 ޓެބްލެޓަށް ވާނެ ގޮތެއް އަދި ސާފެއް ނުވެއެވެ. މިފަދަ މުއާމަލާތް ތަކުގައި ދެފުއްފެންނަ ސިޔާސަތުތައް ސަރުކާރުން ތަންފީޒު ނުކުރުމަކީ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެއް ސަބަބެވެ. އެގޮތުން މި މަޝްރޫއުވެސް ސަރުކާރުގެ ބައެއް ސިޔާސީ މީހުންގެ އާއިލީ މަސްލަހަތު އޮންނަ ބަޔަކަށް ދިންކަމުގެ ތުހުމަތުވެސް ކުރެވެއެވެ.
މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ ޕްރޮކިއުމަންޓްތަކުން ވައްކަން ކުރުން އިތުރުކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އަދި މިފަދަ ވައްކަންތަކަށް މަގުފަހިކުރުމަށްޓަކައި، ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ފަރާތްތައް ބާރުގަދަ މަގާމުތަކަށް އައްޔަންކުރަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން އިއްޔެ އެސްޓީއޯގެ ޕްރޮކިއުމަންޓްގައި މަސައްކަތްކުރި މުހައްމަދު ޝުޖާއު ފެނަކަގެ ރިސޯސް ޕްރޮކިއުމަންޓްގެ ވެރިޔަކަށް ވަނީ އައްޔަންކޮށްފަ އެވެ.
އެމްޓީސީސީގެ ޓެކްސީ ހިދުމަތަކީ ފެށުނީއްސުރެ ކޮރަޕްޝަނުގެ ތުހުމަތުތަކުން ކުރަމުން އަންނަ ހިދުމަތެކެވެ. މީގެ ކުރިން މަސައްކަތް ނުކުރާ ޓެކްސީ އެޕެއް ހެދުމަށް "ފިކްސްޑް މޯލްޑިވްސް" އަށް 13 މިލިއަން ރުފިޔާ ދީފައިވާ މައްސަލަވެސް ވަނީ ފެންމަތިވެފަ އެވެ. މިފަދަ ހިޔާނާތްތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އާންމުން ދަނީ ފާޅުކުރަމުންނެވެ.
އެމްއެމްއޭ އިން ވޯކާޒް ރެމިޓެންސް ސާވޭ މާދަމާ ފަށަނީ
އީރާނަށް ނިއުކުލިއާ ހަމަލަދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން