އޭނާ ދެކޭ ގޮތުގައި ޒުވާން އުމުރަކީ ގިނަ ކަންކަން ތަޖުރިބާކޮށް ރިސްކު ވެސް ނަގަން ޖެހޭނެ އުމުރެއް. އޭނާ ކަންތައް ކުރީ ވެސް އެގޮތަށް. އެކި މަސައްކަތުން ލިބުނު ތަޖުރިބާގެ އަލީގައި އޭނާ ވިސްނީ، ގިނަ މީހުން އެންމެ ބޭނުން ވާފަދަ، އަވަހަށް ދެވިދާނެ ފަސޭހަ ހަދިޔާއެއް ވުޖޫދު ކުރަން. އެކަން އޭނާ ކާމިޔާބު ކުރި. އަމިއްލަ ގޭގަ އިނދެ އެ ހަދައި، ޕެކްކޮށް އަދި ޑެލިވަރީ ވެސް ކޮށްދެނީ އަމިއްލައަށް. އޭނާ ބުނާ ގޮތުގައި މަސައްކަތުގައި އުޅޭއިރު އެކި ދުވަހު ކަންކަން ދިމާވާނީ އެކި ގޮތަށް. ވީމާ އެކަން ދެނެގަނެ، ސާބިތުކަމާ އެކީ ހިފަހައްޓާ ލެވިއްޖެ ނަމަ ކާމިޔާބަށް ވާސިލް ވުމަކީ ދުރުކަމެއް ނޫން.

އާކަންކަން ކުރުމަށް ޝައުގުވެރި ވުމަކީ ތަބީއީ ކަމެކެވެ. ސައިންސްގެ ހޯދުންތައް ކުރި އަރައިގެން ގޮސްފައި ވަނީ އާ ކަންކަން ބަލާ ހޯދުމުގެ ތެރެއިންނެވެ. މިއީ އެކި ކަންކަމަށް ޝައުގުވެރިވުމުގެ ސަބަބުން މަސައްކަތެއް ދަސްވެ، އެކަން ކުރިއަރުވައި ވިޔަފާރިއަކަށް ބަދަލުކޮށްލި އެންމެ 19 އަހަރުގެ ޒުވާނެކެވެ. މަޝްހޫރު "އެޓޯލް ލެބް" ޕޭޖް އުފައްދާ އޭގެ ދަށުން އަވަހަށް ހަދިޔާއެއް ދޭން ބޭނުންވާ ފަރާތްތަކަށް ދެވިދާނެ ހަދިޔާއެއް ވުޖޫދު ކޮށްދިން މޮޅު ހުނަރުވެރިއެކެވެ.

ހއ. ހޯރަފުއްޓަށް އުފަން ހަރީޒް ހުސެއިން އަކީ ވަރަށް ތަފާތު ޒުވާނެކެވެ. އޭނާ އެންމެ ކުޑައިރު މައިންބަފައިން ގެނެސްދޭ ކުޅޭ އެއްޗެހި، ކުޅެން ބޭނުންކުރުމުގެ އިތުރުން އެ ތަކެތި ރޫޅާލާ ކުރިއެކޭ އެއްގޮތަށް ހަދަ އެވެ. އޭގެ އިތުރުން ކުޅޭ ތަކެތީގެ ވަކިވަކި ބައި މަސައްކަތް ކުރާ ގޮތް ބަލައި، އެ ބައިތައް ބޭނުން ކޮށްގެން އާ އެއްޗެއް ހެދުމަށް މަސއްކަތް ކުރެ އެވެ.

.ހަރީޒްގެ ވާކްޝޮޕްގައި މަސައްކަތް ކުރާގޮތް ދައްކާލަނީ: ކޮލިޓީ އަވަސް ޚިދުމަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ

އޭނާގެ އުމުރުން ދިހަ އަހަރު ނުވަތަ ބާރަ ވަރަކަށް އަހަރުގައި އެކި ހުނަރުވެރި މަސައްކަތް ދައްކުވައިދޭ ވީޑިއޯ ބެލުމުގެ ތެރެއިން އުފެއްދުންތެރި ވިސްނުން އަންނަން ފެށި އެވެ. އޭގެ ސަބަބުން އާ ކަންކަން ބަލާ، ހޯދައި އަދި ހުނަރުވެރި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އިތުރުވެގެން ދިޔަ އެވެ. ފަހުން ގޭމް ހެދުމާއި އަދި 3ޑީ މޮޑެލިންގެ މަސައްކަތް ދަސްކުރި އެވެ.

"އަޅުގަނޑު އެހާ ގަޔާވާކަމެއް ނޫން ކްލާސްރޫމެއްގެ ތެރޭ އިނދެގެން ފޮތަކުން ކިޔެވުމަކީ. 'ހޭންޑްސް އޮން' (އަތުން ކުރާ) މަސައްކަތް ކުރާހިތް ވަނީ. ސްކޫލު ނިމުނު ގޮތަށް އެހާ އަވަހަށް ވަކި ފީލްޑަކުން ކުރިއަށް ދިއުމަށް ނުވިސްނީ އެކި މަސައްކަތް ތަޖުރިބާ ކޮށްލަން ބޭނުންވެގެން،" ހަރީޒް ބުންޏެވެ.

ހަރީޒް 2023 ގައި އޯލެވެލް ނިމުމަށް ފަހު އާ ކަންކަން ތަޖުރިބާ ކުރުމުގެ ގޮތުން އެކި ދާއިރާތަކުގައި މަސައްކަތް ކުރި އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ނޮލެޖް ލާނިން އިންސްޓިޓިއުޓްގައި ބިޒްނަސް އަދި ހިސާބު މައްދާ ކިޔަވައި ދިނުމުގައި ޓީޗަރެއްގެ ގޮތުން މަސައްކަތް ކުރި ކުރުމެވެ. އަދި އެއްބަނޑު އެއްބަފާ ބޭބެއާ އެކު ކުދި ވިޔަފާރި ކުރުމެވެ.

މަސައްކަތުގެ ތަޖުރިބާ ހޯދަމުން ދިޔަ ނަމަވެސް، އޭނާ އެންމެ ޝައުގުވެރިވާ ޑިޖިޓަލް މަސައްކަތް ހުއްޓައެއް ނުލަ އެވެ. ވަކި ހިސާބަކުން އަމިއްލައަށް ތަކެތި އުފެއްދުމުގެ ވިސްނުން އުފެދެން ފެށި އެވެ. ދެން އޭނާ ނިންމީ އުފެއްދުންތެރި މަސައްކަތަކައިގެން ކުރިއަށް ދާށެވެ.

ދެ ވިސްނުމުގައި ހުއްޓައި ރާއްޖޭން ބޭރަށް ޗުއްޓީއަކަށް ދިޔަ ފަހަރަކު އޭނާ އެއްކޮށްފައި ހުރި ފައިސާ އިން ޑިޖިޓަލް މަސައްކަތަށް ބޭނުންވާ ގިނަ ސާމާނު ހޯދި އެވެ .

"އަޅުގަނޑު ދެކޭ ގޮތުގައި ޒުވާން އުމުރަކީ ގިނަ ތަޖުރިބާތަކެއް ކުރަން ޖެހޭ އުމުރެއް. މި އުމުރުގައި ހެދޭ މިސްޓޭކް (ގޯސް)ތަކުގެ ސަބަބުން ގިނަ އިބުރަތް ލިބިދޭ. އެއާ ޚިލާފަށް އުމުރުން ދުވަސްވެ އާއިލީ ޒިންމާތައް ގިނަވުމުގެ ސަބަބުން ކަންކަން ބަލާ ހޯދާ 'ރިސްކު' ނެގުމަށް ފަސްޖެހިދޭ،" އޭނާ ވަރަށް އިބުރަތްތެރި ވާހަކައެއް ބުނެލި އެވެ.

މީހުންގެ ފޮޓޯ ލާފައިވާ ކީޗެއިން އަވަހަށް ދިއްކޮށްލެވޭ ހަދިޔާ!

ހަރީޒްގެ އުފައްދަނީ މީހުންގެ ފޮޓޯ ލައިގެން ވަރަށް ހިތްގައިމު "ކީޗެއިން" (ތަޅުދަނޑިލާ އެއްޗެހި) އެވެ.

"މީހުން އަބަދު ވެސް ހިފައިގެން އުޅެން ބޭނުންވާ ފަދަ އެއްޗަކީ ކޮބައިތޯ ބަލަމުން ދަނިކޮށް ކީޗެއިން ސިކުނޑިއަށް އައީ. ދެން ހިތަށް އެރީ އެކަކު އެކަނި ކުރާ ވިޔަފާރިއެއް ވީމަ މާކެޓްގައި ފައި ހަރުކޮށްލުމަށް އަމިއްލަ އަށޭ ކީޗެއިން ހަދައި ޑެލިވަރީ ވެސް ކުރާނީ. އެ ވިސްނުން އައީ ސްކޫލްގައި ބިޒްނަސް ކިޔަވާފައިވުމާއި އަދި ކުރިން ކޮންމެ ވެސް ވަރަކަށް ކުދި ވިޔަފާރިތައް ވެސް އަމިއްލައަށް ކޮށްފައި ވާތީ،" އޭނާ ބުންޏެވެ.

.ހަރީޒް ހަދާ ނިންމާފައި ހުރި "ކީޗެއިންސް" : މިއީ މީހުންނަށް ވަރަށް ބޭނުން ތެރި އަވަހަށް ދެވިދާނެ ހަދިޔާއެއް

އޭނާ މަސައްކަތް ކުރަނީ އަމިއްލަ ގޭގައި، އޭނާގެ އަމިއްލަ ވޯކްޝޮޕްގަ އެވެ. މިކަމަކީ އަދި ވަރަށް ޅަފަތުގައި އޮތް ކުޑަ ވިޔަފާރިއަކަށް ވާތީ އަތް ގާތްކޮށްދޭނެ އެހީތެރިއަކު ވެސް ނުގެންގުޅެ އެވެ.

"އަޅުގަނޑު މަސައްކަތް ފަށަނީ އޯޑާ ލިބުނީމަ. ކަސްޓަމާ ބޭނުންވާ ބައްޓަމަށް، އެ މީހުން ބޭނުންވާ ސައިޒަށް އަދި ބޭނުންވާ ގޮތަށް އެ މީހުންގެ ފޮޓޯ ލާފައި ކީޗެއިން މި ހަދަނީ. ފުރަތަމަ ފެށި ދުވަސްވަރު ވަރަށް ގިނަ ވަގުތު ނެގި މަސައްކަތް ކުރުމަށް. ނަމަވެސް މިހާރު ވަރަށް އަވަހަށް ހެދޭ،" ހަރީޒް ބުންޏެވެ.

އޭނާ އެންމެ އިސްކަމެއް ދެނީ އޭނާގެ އުފެއްދުން ކަސްޓަމަރުން އެންމެ ހިތްހަމަޖެހޭ ގޮތަށް އުފެއްދުމަށެވެ. ވަރަށް އަވަސް އަދި ވަރަށް ފުރިހަމަ މަސައްކަތަކަށް ހެދުމަށެވެ. އޭނާގެ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު އަމިއްލައަށް ބަލައި ވަޒަން ކުރުމަކީ ކޮންމެ ދުވަހަކު ވެސް އޭނާ ކުރާ ކަމެކެވެ. ތަކެތި އުފެއްދުމުން ފެށިގެން ޑެލިވަރީގެ ޚިދުމަތް ވެސް އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރުމަކީ އޭނާ އެންމެ މުހިންމުކަން ދޭ ކަމެވެ. އެ ދުވަހު ނަގާ އޯޑާއެއް ހަމަ އެ ދުވަހު ނުވަތަ އެންމެ ލަސްވެގެން ޖެހިގެން އޮންނަ ދުވަހު ޑެލީވަރީ ކޮށްލަނީ މި ސަބަބަށްޓަކަ އެވެ.

"ވަގުތަށް ޑެލިވާ ކުރުމަކީ މި މަސައްކަތުގައި ވަރަށް ބޮޑު ޗެލެންޖެއް. އެހެން ނަމަވެސް މަޑުމަޑުން އެބައި ވެސް ރަނގަޅުވަމުން ދަނީ،" ހަރީޒް ބުންޏެވެ.

އޭނާގެ މަސައްކަތަށް ޑިމާންޑް ބޮޑެވެ. ކަސްޓަމާސްގެ ތައުރީފުގެ އެ މަސައްކަތަށް ލިބެ އެވެ. ވީމާ މި ވަގުތު އޭނާގެ ވިސްނުން ހުރީ އެ މަސައްކަތުގައި ދެމި ހުރުމެވެ.

"ވަރަށް ރަނގަޅު ފީޑްބެކް ލިބޭ، ބައެއް މީހުން އެ މީހުންގެ ރައްޓެހިންނަށް ވެސް އަޅުގަނޑު އުފައްދާ ކީޗެއިން ގަތުމަށް ބުނޭ،" ހަރީޒް ވަރަށް އުފަލާއެކު ބުންޏެވެ.

މި މަސައްކަތުން ލިބޭ ހުރިހާ ފައިސާއެއް އަދި މި ވަގުތު އޭނާ ޚަރަދު ކުރަނީ މަސައްކަތަށް އިތުރު ފުރިހަމަ ކަމެއް ގެނައުމަށެވެ. ވިޔަފާރި އިތުރަށް ކުރިއެރުވުމަށެވެ. ކޮލިޓީ ތަކެތި ހޯދުމަށާއި، އާ ޕެކޭޖިންގައި ބަންދު ކުރުމަށާއި ޑެލިވާރީ އަވަސްކޮށް، ކަސްޓަމަރުންގެ އިތުބާރު ކަށަވަރު ކުރުމަށެވެ.

.ހަރީޒްގެ ގޭގައި ހުންނަ ވާކްޝޮޕްގައި މަސައްކަތް ކުރަނީ: އޭނާގެ މަސައްކަތް އަވަސް ވެފައި ޑެލިވަރީ ވެސް އަވަސް

ހަރީޒްގެމި ވިޔަފާރިއަކީ ހަރީޒް ކުރިން ކުރި ވިޔަފާރިތަކާ އަޅާބަލާއިރު ވަރަށް ތަފާތު އަދި ރަނގަޅު އާމްދަނީއެއް ވެސް ލިބޭ ވިޔަފާރި އެކެވެ. އެހެން ނަމަވެސް ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ވެސް ދާ ދުވަސްތަކާއި އޭގެ ދިމާ އިދިކޮޅަށް ކަންކަން ހިނގާ ދުވަސް ވެސް އަންނަ ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް އެފަދަ ދުވަސްތަކުގައި ވެސް ހިތްވަރު އެލުވާނުލައި ކުރިއަށް ދާކަން އޭނާ ފާހަގަކުރި އެވެ. އަދި އެގޮތަށް ކަންކަން ކުރުމުން މި ވިޔަފާރީގައި ހިފަހައްޓާލަން ފެސޭހަ ކަމަށާއި މި މަސައްކަތަށް ނުކުންނަން ބޭނުންވާ ކުއްޖަކަށް އޭނާ ދެނީ އެ ނަސޭހަތެވެ.

ޝައުގުވެރިވާނަމަ، މަސައްކަތެއް ދަސްކުރުމަކީ އުނދަގޫ ކަމެއް ނޫންކަން އެފްބީގެ "އެޓޯލް ލެބް" ޕޭޖުން އެހެރީ ފެންނާށެވެ. އަވަހަށް ހަދިޔާއެއް ދޭން ބޭނުން ފަރާތްތަކަށް ހަރީޒް އެވަނީ އެކަން މިއަދު ފަހިކޮށްދީފަ އެވެ.