ހޮރުމޫޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ބުނެ އދ ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފި އެވެ.
މި ގަރާރަކީ ބަހުރައިން، ކުވައިތު، ޤަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އަދި ޖޯޑަން ގުޅިގެން ހުށަހަޅާފައިވާ ގަރާރެކެވެ. މި ގަރާރުގެ މައިގަނޑު މަގުސަދަކީ ހޮރްމޫޒު ކަނޑުއޮޅީގެ ސަލާމަތާއި، ކަނޑުގެ ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތައް ހިމާޔަތްކުރުން ކަމަށް އެ ގައުމުތަކުން ބުނެ އެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ގަރާރު ކޯ-ސްޕޮންސާ ކުރަން ނިންމި ނިންމުމުގެ ސަބަބުން "ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ" ހިމެނޭހެން، ކަނޑުގެ ޤާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ގަބޫލުކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ ހައްގު ދެމެހެއްޓުމާއި، ކަނޑުގެ ޤާނޫނުގެ ދަށުން ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ލިބިގެންވާ ހާއްސަ ހައްގުތަކާއި އިހްތިސާސްތަކަށް މިކަމުގެ ސަބަބުން އެއްވެސް އުނިކަމެއް ނާންނާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފަ އެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، ރާއްޖެއިން މި ނިންމުން ނިންމާފައިވަނީ އެ ގަރާރުގެ ސަބަބުން ރާއްޖޭގެ ގައުމީ މަސްލަހަތަށް ނުވަތަ ކަނޑުގެ ސަރަހައްދީ އިހްތިސާސަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކުން އިސްތިސްނާވާ ގޮތުގެ މަތިންނެވެ. ރާއްޖެއިން އަބަދުވެސް ބާރުއަޅަމުންދަނީ ގަލްފުގެ މަސްރަހު އިތުރަށް ގޯސްވިޔަނުދީ، ބައިނަލްއަޤުވާމީ ވިޔަފާރިއަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް ކަމަށް ވަނީ ބުނެފަ އެވެ.
ނަމަވެސް، މި ގަރާރާ ގުޅޭގޮތުން އީރާނުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އީރާނުން ސިފަކުރި ގޮތުގައި މިއީ އެމެރިކާގެ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް އެކުލަވާލާފައިވާ، ވަކިކޮޅަކަށް ބުރަވެފައިވާ ގަރާރެކެވެ. އަދި މި ގަރާރަށް ތާއީދުކުރާ ގައުމުތަކުގެ ނަން ބޭނުންކޮށްގެން، އިތުރު އަސްކަރީ ހަމަލާތަކަކަށް މަގުފަހިކުރަން އުޅޭކަމަށް އީރާނުން ތުހުމަތުކުރެ އެވެ.
މީގެ އިތުރުން، އެމެރިކާއިން އެ ސަރަޙައްދުގައި އިތުރު ހަމަނުޖެހުމެއް އުފައްދައިފިނަމަ، އެ ގަރާރަށް ތާއީދުކުރި ހުރިހާ ގައުމުތަކަކުން ވެސް އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ބުނެ އީރާނުން ވަނީ އިންޒާރު ދީފަ އެވެ.
ކުރީގެ ތިން ރަައީސުންގެ ބައްދަލުވުން ހުކުރު ދުވަހު ބާއްވަނީ
"ސްޓްރެސް އީޓިން"އަކީ ކޮބާ؟ ކޮންޓްރޯލް ކުރާނީ ކިހިނެއް؟