މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، ދެޤައުމުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން، އީރާނުގެ އިސްލާހުކުރެވުނު ހުށަހެޅުންތަކެއް އެމެރިކާއާ ހިއްސާކޮށްފައިވާ ކަމަށް ޕާކިސްތާނުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފި އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވަނީ، ތެހެރާންގެ ވިސްނުންތައް ޕާކިސްތާނު މެދުވެރިކޮށް އެމެރިކާއަށް ފޮނުވާފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް އެ ހުށަހެޅުންތަކުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ވައިގެ ހަމަލާތަކަށްފަހު ފެށުނު ހަ ހަފުތާގެ ހަނގުރާމައަށްފަހު، މިހާރު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެކެވެ. ނަމަވެސް ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރާ މަޝްވަރާތައް މަޑުޖެހިފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އޮތީ ނޭވާހިފަހައްޓާލަން ޖެހޭ ފަދަ ނާޒުކު ފައްތަރެއްގައި ކަމަށް ވިދާޅުވެފަ އެވެ.
ޕާކިސްތާނުން އިސްލާހުކުރެވުނު ހުށަހެޅުމުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
އީރާނާއި އެމެރިކާގެ ސުލްހައިގެ މަސައްކަތްތައް ހުއްޓުމަކަށް
ވޮޝިންޓަނުން ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށާއި، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ބާރުއަޅާފަ އެވެ.
އީރާނުން އެދެނީ ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށެވެ. އަދި ލުބުނާނުގައި އިޒްރޭލުން އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމަ ހިމެނޭހެން، ހުރިހާ މައިދާނެއްގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށްވެސް އީރާނުން އެދެއެވެ.
ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތު ސޯޝަލް" ގައި ބުނެފައިވަނީ އީރާނަށް އޮތް ވަގުތު ކުޑަތަންވަމުންދާ ކަމަށެވެ.
އެކްސިއޯސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލުން އަސްކަރީ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި، އަންގާރަ ދުވަހު ޓްރަމްޕް ގައުމީ ސަލާމަތާ ބެހޭ އިސް މުޝީރުންނާ ބައްދަލުކުރައްވާނެއެވެ. މަޝްވަރާތަކަށް ހުރަސްއަޅާ ކަންކަމުގެ ތެރޭގައި އީރާނުގެ ނިއުކްލިއާ އަމާޒުތައް ހިމެނެއެވެ. އެމެރިކާއާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ބޭނުންވަނީ އީރާނަށް ނިއުކްލިއާ ހަތިޔާރު ނުއުފެއްދޭނެކަން ކަށަވަރުކުރުމަށެވެ.
ތެހެރާނުން އެފަދަ މަސައްކަތެއް ކުރާކަމަށް އިންކާރުކުރާއިރު، އެ ގައުމުން ބޭނުންވަނީ ހަނގުރާމައިގެ ބަދަލާއި، ދެން އިތުރު ހަމަލާއެއް ނުދޭނެ ކަމުގެ ޔަގީންކަމާއި، އަދި އަލުން އީރާނުގެ ތެޔޮ ވިއްކުމުގެ ފުރުސަތު ހޯދުމަށެވެ. ބަޣާއީ ވިދާޅުވީ ކޮންމެ ހާލަތަކަށްވެސް ތެހެރާން އޮތީ ތައްޔާރަށް ކަމަށެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، އިދިކޮޅު ފަރާތުން ހަދާ ކުޑަ ކުށަކަށްވެސް އެކަށީގެންވާ ރައްދު ދޭނެ ގޮތް އީރާނަށް ރަނގަޅަށް އެނގޭ ކަމަށެވެ.
މިޑްޓާމް އިންތިޚާބުގެ ނުފޫޒު
އޭޕްރީލް މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އައި ފަހުން ހަމަލާތައް މަދުވެފައިވީ ނަމަވެސް، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ގައުމުތަކަށް އީރާނުން ވަނީ ޑްރޯން ހަމަލާތަކެއް ފޮނުވާފަ އެވެ.
ޔޫއޭއީގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ޑްރޯން ހަމަލާއެއްގެ ސަބަބުން އެ ގައުމުގެ ނިއުކްލިއާ ޕަވާ ޕްލާންޓެއްގައި އަލިފާން ރޯވި އެވެ. އަދި ސައުދީ އަރަބިއްޔާއިން ތިން ޑްރޯން ހުއްޓުވާފައި ކަމަށް ވަނީ ބުނެފަ އެވެ.
ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށްޓަކައި ކަނޑުގެ އަސްކަރީ މިޝަނެއް ފަށާނެކަން ޓްރަމްޕް އިއުލާނުކުރެއްވުމާ ގުޅިގެން، އީރާނުން ޔޫއޭއީއަށް ދޭ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ. ނަމަވެސް 48 ގަޑިއިރު ފަހުން ޓްރަމްޕް ވަނީ އެ ނިންމުން މަޑުޖައްސާލާފަ އެވެ.
ފަހުގެ ޑްރޯން ހަމަލާތަކާ ގުޅިގެން ތެލުގެ އަގު އުފުލި، އިންފްލޭޝަނާ މެދު އޮތް ކަންބޮޑުވުންތަކާ ހުރެ، ހޯމަ ދުވަހު ދުނިޔޭގެ ހިއްސާގެ ބާޒާރުތައް ވަނީ ދަށަށް ގޮސްފަ އެވެ.
ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިޚާބާ ކުރިމަތިލައްވާ ޓްރަމްޕް، މިދިޔަ ހަފުތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވި ނަމަވެސް، މި މައްސަލަ ހައްލުކުރުމުގައި ޗައިނާގެ އެހީތެރިކަން ލިބޭނެ ފަދަ އިޝާރާތެއް ލިބިފައެއް ނުވެއެވެ.
ހޮރްމޫޒް ކަނޑުއޮޅިން މުދާ އުފުލުމަށް ހުރަސް އެޅުމުގެ ސަބަބުން، ތާރީހުގައިވެސް ތެޔޮ ސަޕްލައި ކުރުމުގައި ކުރިމަތިވި އެންމެ ބޮޑު ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. މީގެ ސަބަބުން ސާފުނުކުރާ ތެލުގެ އަގު ވަނީ 50 އިންސައްތައަށްވުރެ މައްޗަށް ގޮސްފަ އެވެ.
ވައިޓް ހައުސްގެ ބައެއް އޮފިޝަލުން ކަންބޮޑުވަނީ، ޓްރަމްޕްގެ ހާރިޖީ ސިޔާސަތާއި އޭގެ ސަބަބުން އެމެރިކާގެ ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ރިޕަބްލިކަން ޕާޓީއަށް އޮތް ފުރުސަތު ގެއްލިދާނެތީ އެވެ. ސަބަބަކީ ހަނގުރާމައަށްވުރެ ބޮޑަށް އެމެރިކާގެ ވޯޓުލާ މީހުން މިވަގުތު ކަންބޮޑުވަނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުންދާތީ އެވެ.
ދައުރު ދަންމާލުމަށް ފަހު ތާވަލުކުރި ފުރަތަމަ ޖަލްސާ ކެންސަލް!
"މައިކަލް" އަނެއްކާވެސް ޗާޓުގެ އެއްވަނައަށް!
ޔޫސުފް ވަހީދު، އެޗްޑީސީގެ ބޯޑުން ވަކިކޮށްފި