ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދެމުން ދިޔަ ދެ ކުންފުނި ކަމަށްވާ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޓެކުހަށް މަކަރު ހަދާފައިވާ މައްސަލައިގައި އެ ދެ ކުންފުންޏާއި، އެ މައްސަލައިގައި ހިމެނޭ ދެ ޑޮކްޓަރުން މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ތަހުގީގުކުރުމަށް ފަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅި މި މައްސަލައިގެ އަޑުއެހުންތައް އަންނަ ހަފުތާގައި ފެށުމަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ތާވަލުކޮށްފަ އެވެ.
ޕީޖީ އޮފީހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް މި ދެ ކުންފުނިން މީރާއަށް ހުށަހެޅި އިންކަމް ޓެކްސް ބަޔާންތަކުގައި ހަގީގީ އާމްދަނީ ބޮޑުތަނުން ފޮރުވައި، ޖުމުލަ 20،200،401 ރުފިޔާގެ ޓެކްސް ދެއްކުމުން ގަސްދުގައި ވަނީ އެއްކިބާވެފަ އެވެ. މި ކުށް ސާބިތުވާ ހާލަތުގައި، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އެއްކިބާވި އަދަދުގެ ދެގުނަ ކަމަށްވާ 40،400،802 ރުފިޔާއިން މި ކުންފުނިތައް ޖޫރިމަނާކުރެވޭނެ އެވެ. އަދި ދައުލަތުން ވަނީ އެގޮތަށް ނިންމާފަ އެވެ.
މި މައްސަލައިގައި ވަކިވަކި ފަރުދުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ކުންފުނިތަކުގައި އެ ބޭފުޅުން އަދާކުރެއްވި އިސް ދައުރުތަކަށް ބަލައިގެންނެވެ. އެގޮތުން، ދެ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރު ޑރ. އިކްލީލް ޝަރީފާއި، ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާ ހަވާލުކޮށްފައިވާ އަލީ ފަޔާޒްގެ މައްޗަށް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ފަސް ދައުވާއެއް ވަނީ އުފުލާފަ އެވެ. އަދި ކޮވިޑްގެ ދުވަސްވަރު މި ކުންފުނިތައް ހިންގުމުގައި އަމަލީ ގޮތުން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް އަދި އައިލެންޑް ހެލްތުގެ 50 އިންސައްތަ ހިއްސާދާރު ޑރ. އަލީ އަބްދުﷲ ލަތީފްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު، ކުށް ސާބިތުވެއްޖެނަމަ ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ޕީޖީން ކޯޓުގައި އެދޭނެ އެވެ.
މީގެ އިތުރުން އައިލެންޑް ހެލްތް ކުންފުނީގެ މައްޗަށް ގާނޫނު ހިންގުމަށާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.
މީރާގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، ރާއްޖޭގައި ޕީސީއާރު ޓެސްޓިންގެ ޑިމާންޑް އެންމެ މަތީގައި އޮތް ދުވަސްވަރު މި ދެ ކުންފުންޏަކީ އެންމެ ފުޅާކޮށް މި ހިދުމަތް ދީގެން ބޮޑު އާމްދަނީއެއް ހޯދި ދެ ކުންފުންޏެވެ. ނަމަވެސް ޓެކްސް ބަޔާންތައް ހުށަހެޅިއިރު އާމްދަނީ ދަށްކޮށް ދައްކާފައި ވުމުގެ އިތުރުން، އައިލެންޑް ހެލްތްގެ ދަށުން ހިންގަމުންދިޔަ "ޕާލް މެޑިކަލް ސެންޓަރު" ކްލިނިކުން ލިބުނު ފުރިހަމަ އާމްދަނީ ވެސް މީރާއަށް ސިއްރުކޮށްފައިވާކަން ތަހުގީގަށް ވަނީ ސާބިތުވެފަ އެވެ.
ހެއްކާއެކު ދައުލަތުން ކޯޓަށް ހުށަހެޅި މި މައްސަލައަކީ ކޮވިޑްގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ބޮޑު ހިޔާނާތެއްގެ މައްސަލައެކެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ ބަލައިގެންފި
ސަރުކާރުގެ ފަސް ކުންފުންޏެއްގެ ބޯޑަށް ބަދަލު ގެނެސްފި
އަލްކާގެ ސިއްހަތާމެދު ގިނަ ބަޔަކު ކަންބޮޑު ވެއްޖެ