ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކޮށްފި އެވެ.

އެމްޑީޕީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެޕާޓީގެ ގައުމީ މަޖިލީހަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބު ފަސްކޮށްފައިވާ ކަމަށެވެ. އެ އިންތިހާބު ފަސްކުރީ އެ ޕާޓީގެ ރައީސް ނަޝީދަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއްދީ، އެ މަނިކުފާނަށް ފަރުވާ ދެމުންދަނިކޮށް، އިންތިހާބުގެ މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީ ކަމަށް އެ ޕާޓީން ބުނެ އެވެ.

މީގެ އިތުރުން އެމްޑީޕީއިން ބުނީ މިއިންތިހާބު ބާއްވާނެ ތާރީގެއް ކުރިއަށް އޮތް ދިހަ ދުވަހު ތެރޭގައި އިއުލާނު ކުރެވިގެންދާނެ ކަމަށާއި އިންތިހާބާ ގުޅޭގޮތުން ޕާޓީން މިވަގުތަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

މި އިންތިހާބު ފަސްކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ މީގެ ކުރިން އެދިވަޑައިގެންފަ އެވެ.

ރައީސް ނަޝީދަށް ހަމަލާއެއް އަމާޒުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ވަރަށް ބާރަށް ކުރިއަށް ދަނިކޮށެވެ.

އެ ޕާޓީގެ ގައުމީ މަޖިލީހަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބު ބޭއްވުމަށް މީގެ ކުރިން ހަމަޖެހިފައި އޮތީ މޭއި 29 ގަ އެވެ.