ރާއްޖޭގެ ދެކުނުގެ ރަށެއްގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަދި ޖިސްމާނީ ގޯނާކުރި ކަމުގެ ތުހުމަތުގައި އިއްޔެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، އަޕަ ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

މި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު އަވަހަށް އަޅަމުން ނުދާ ކަމަށް ބުނެ، އެ ރަށުގެ ރައްޔިތުން ނިކުމެ ވަނީ އިހުތިޖާޖު ކޮށްފަ އެވެ. އެ އިހުތިޖާޖުތަކާ ގުޅިގެން ފުލުހުން ވަނީ މި މައްސަލައިގެ ތުހުމަތުގައި އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުރާވަރުގެ އެ އަންހެން ކުއްޖާއަށް އިހާނެތިކޮށް ހިތައި ގޯނާކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ކުއްޖާގެ ބައްޕަ އެވެ.

ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ، ފުލުހުން ދަނީ މި މައްސަލަ ވަރަށް ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުންނެވެ.