ދުނިޔޭގެ ކަނޑުފަޅުގެ ރީތިކަމާއި، ލަގްޒަރީ ރިސޯޓުތަކުގެ ވާހަކަ ދައްކާއިރު ދިވެހިރާއްޖެއަކީ އަބަދުވެސް އެންމެ ކުރީގައި އަންނަ ނަމެެވެ.
ނަމަވެސް، ރާއްޖޭގެ ގޮނޑުދޮށްތަކާއި ފަތުރުވެރިކަމުގެ ވައްޓަފާޅިއާމެދު ފޫހިވެ، މުޅިން ތަފާތު ތަޖުރިބާއެއް ހޯދަން ބޭނުންވާ ފަރާތްތަކަށް އިންޑޮނޭޝިއާގެ ރިއައު ޖަޒީރާގައި އޮންނަ "ބަވާ ރިޒާވް"އަކީ މިހާރު ލިބެން އޮތް އެންމެ ފުރިހަމަ އެއް ބަދަލު ކަމަށް ބުނެވެ އެވެ.
އާންމުކޮށް މީހުން ޗުއްޓީއަށް ގޮސް ހަމަޖެހިލައިގެން ތިބުމުގެ ބަދަލުގައި، މި ރިސޯޓު ހާއްސަ ކޮށްފައިވަނީ ހަރަކާތްތެރިވެ އުޅުމަށާއި، ތަފާތު ތަޖުރިބާތައް ހޯދަން ލޯބިކުރާ މީހުންނަށެވެ.
ހަ ރަށެއްގެ މައްޗަށް އެކުލެވިގެންވާ މި ސަރަހައްދަކީ ގުދުރަތީ ރީތިކަން އެންމެ ފުރިހަމަ ގޮތުގައި ހުރި، މީހުން މަދު، އެކަހެރި ސަރަހައްދެކެވެ.
މި ރަށަށް ދަތުރު ކުރުމަކީ ވެސް ލިބޭ ތަފާތު ތަޖުރިބާ އެކެވެ. ސިންގަޕޫރުން ފުރައިގެން ބަޓަމްއަށް ފެރީގައި ގޮސް، އެއަށްފަހު ޕްރައިވެޓް ސީޕްލޭނެއްގައި ގާތްގަނޑަކަށް 75 މިނެޓު ހޭދަ ކޮށްގެން ނޫނީ މި ރަށްތަކާ ހަމައަކަށް ނުފޯރާނެ އެވެ.
މި ރިސޯޓުގެ އޮޕަރޭޝަންސް ވެރިޔާ ވިދާޅުވެފައިވާ ފަދައިން، މިއީ ރާއްޖެ ދެކެ ފޫހިވެފައިވާ، އަދި ހަމައެކަނި ކޮޓަރިއެއްގައި އޮތުމުގެ ބަދަލުގައި އެކްޓިވްކޮށް ޗުއްޓީ ހޭދަކުރަން ބޭނުންވާ މީހުންނަށް އޮތް ރަނގަޅު ބަދަލެކެވެ.
އިރުއޮއްސޭ މަންޒަރު ބަލައިލުމާއި، ޔޯގާ ކުލާސްތަކުގެ އިތުރުން، އެ ސަރަހައްދުގެ މޫދުގެ ދިރުންތައް ހިމާޔަތް ކުރުމުގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ފުރުސަތު މިތަނުން ލިބެ އެވެ.
ހާއްސަކޮށް ވެލާ އާލާކުރުމާއި ބިސް އެޅުމާއި، އެ ތަކެތި ފަނާވެގެން ދިޔަ ނުދީ ރައްކާތެރި ކުރުމުގެ މަސައްކަތްތައް ބަލައިލުމަކީ ފަތުރުވެރިންނަށް ލިބޭނެ ވަރަށް ތަފާތު ތަޖުރިބާ އެކެވެ.
ދިވެހިރާއްޖެއިން ފެންނަ ލަގްޒަރީ މާހައުލަށްވުރެ ބޮޑަށް، ގުދުރަތާ ގާތްވެ، އާ ހަރަކާތްތަކަކާއެކު ޗުއްޓީއެއް ހޭދަ ކޮށްލަން ބޭނުންނަމަ އޮތް އިހުތިޔާރަކީ ބަވާ ރިޒާވަށް ޒިޔާރަތް ކޮށްލުން ކަމަށް ބުނެ އެވެ.