މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލި، ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ގުޅޭ އާ ގަވާއިދަށް މިއަދުން ފެށިގެން ރަސްމީކޮށް އަމަލުކުރަން ފަށައިފި އެވެ.
ރާއްޖޭގައި ހިންގާ ވިޔަފާރި ބޭންކުތައް އިސްތިސްނާވާ ގޮތަށް އެކުލަވައިލި މި އާ އުސޫލަކީ، ހަމައެކަނި ބޭރު ފައިސާ މާރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްފައިވާ ގަވާއިދެކެވެ. މިއީ ފުޅާވަމުންދާ ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް އެމްއެމްއޭއިން އަޅަން ފެށި މުހިންމު ފިޔަވަޅެކެވެ. މިގޮތުން، ގަވާއިދާ ހިލާފުވި ބައެއް މަނީ އެކްސްޗޭންޖަރުންގެ ލައިސަންސް މީގެ ކުރިން ވެސް ވަނީ ބާތިލްކޮށްފަ އެވެ.
އާ ގަވާއިދު ބަޔާންކުރާ ގޮތުގައި، ކަސްޓަމަރަކާއެކު ނަގުދު ފައިސާއިން އެއް މުއާމަލާތަކުން ނުވަތަ އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަވެގެން ވެސް ބަދަލުކުރެވޭނީ 50,000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ ބޭރު ފައިސާ އެވެ. މިއަށްވުރެ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ހިންގަންވާނީ އެ ވިޔަފާރިއެއްގެ މައި ބޭންކު އެކައުންޓު މެދުވެރިކޮށެވެ. މީގެއިތުރުން، ކޮންމެ ދުވަހެއްގެ ވިޔަފާރި ނިމޭއިރު ހުންނަ އިތުރު ބޭރު ފައިސާ، ޖެހިގެން އަންނަ ރަސްމީ ދުވަހު ބޭންކަށް ޖަމާކުރުން ވަނީ މަޖުބޫރުކޮށްފަ އެވެ.
އާންމުންނަށް ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް (ކެޓަގަރީ-އޭ) ދޫކުރުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި އެ ވިޔަފާރިއަށް ޚާއްސަ އަދި ދިވެހި ރައްޔިތުންގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އަދި އެއް ކޯޕަރޭޓް ގްރޫޕަކަށް ލިބޭނީ އެންމެ ލައިސަންސެކެވެ. ނަމަވެސް، ރިސޯޓުތަކަށް އެ ތަންތަނުގައި ތިބޭ ފަތުރުވެރިންނަށް ބޭރު ފައިސާ މާރުކޮށްދިނުމުގެ އިމްތިޔާޒު ހަމަޖެއްސޭނެ އެވެ.
ފަސް އަހަރުގެ މުއްދަތަށް ދޫކުރާ މި ލައިސަންސް ހޯދުމަށް އެމްއެމްއޭގައި ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ވަނީ 200,000 ޑޮލަރަށް ބޮޑު ކޮށްފަ އެވެ. އަދި އިތުރު ގޮތްޕެއް ހިންގާނަމަ، ކޮންމެ ގޮތްޕަކަށް 100,000 ޑޮލަރު ޑިޕޮސިޓް ކުރަންޖެހެ އެވެ. ލައިސަންސް ފީއެއްގެ ގޮތުގައި 40,000 ރުފިޔާ، އާކުރުމަށް 20,000 ރުފިޔާ އަދި އަހަރީ ފީއެއްގެ ގޮތުގައި 48,000 ރުފިޔާ ކަނޑައަޅާފައިވެ އެވެ.
މި ގަވާއިދުގެ ދަށުން، ހިދުމަތްދޭ ތަނަކީ ރައްކާތެރި އޮފީސް މާހައުލަކަށް ވާންޖެހޭނެ އެވެ. އަދި ފައިސާ މާރުކުރާ ރޭޓުތައް ސާފުކޮށް ފެންނާނެ ޑިޖިޓަލް ބޯޑެއް ބެހެއްޓުމާއި، ކޮންމެ މުއާމަލާތަކަށް ރަސްމީ ރަސީދެއް ދިނުމުގެ އިތުރުން ވިޔަފާރީގެ ލިޔެކިޔުންތައް ފަސް އަހަރު ވަންދެން ރައްކާކުރަން ޖެހެ އެވެ. މީގެއިތުރުން، އެމްއެމްއޭގެ ޒަމާނީ ނިޒާމު މެދުވެރިކޮށް މުއާމަލާތްތައް ވަގުތުން ވަގުތަށް މޮނިޓާކޮށް، އަހަރީ އޮޑިޓް ރިޕޯޓު ގަވާއިދުން ހުށަހަޅަންޖެހޭނެ އެވެ.
ގަވާއިދާ ހިލާފުވާ ފަރާތްތަކާއި ހުއްދަނެތި މި ވިޔަފާރި ހިންގާ ފަރާތްތައް 10,000 ރުފިޔާއިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، ލައިސަންސް ބާތިލުކުރުމުގެ ބާރު އެމްއެމްއޭއަށް އޮވެ އެވެ. އަދި 90 ދުވަސް ތެރޭގައި ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތުގެ ހިދުމަތްތައް ހުއްޓުވައި ޖިނާއީ ތަހުގީގަށް މައްސަލަ ފޮނުވޭނެ އެވެ.
ކުރިން މި ވިޔަފާރި ކުރަމުން އައި ފަރާތްތަކަށް އާ ގަވާއިދަށް ފެއްތުމަށް ވަކި މުއްދަތެއް ލިބޭނެ އެވެ. ކުރީގެ "ޓިއާ 2" އުވާލައި އެ ފަރާތްތަކުގެ ފީ އަނބުރާ ދޭން ނިންމާފައިވާއިރު، "ޓިއާ 1" އަށް އެދިފައިވާ ފަރާތްތަކަށް އިތުރު ފީއަކާ ނުލައި އާ އުސޫލުން ކުރިއަށްދިއުމުގެ ފުރުސަތު އެމްއެމްއޭއިން ވަނީ ހުޅުވާލައިފަ އެވެ.
ވާދޫ އޭޓީއެމަށް ގެއްލުންދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަނީ
25 އަހަރަށްފަހު ރީކޯ އެނބުރި އަންނަ "ކީއްވެ" މިރޭ ޕްރިމިއާ ކުރަނީ