މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަން ޓާސްކް ފޯހުން އިއްޔެ ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބިދޭސީން ބަލައި ފާސްކޮށް 13 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ވެރިރަށް މާލޭގެ އެކި ސަރަހައްދުތައް ކަވަރުވާނޭހެން އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖުމްލަ 426 ބިދޭސީއެއްގެ ލިޔެކިޔުންތައް ބަލައި ޗެކްކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަކަން ފާހަގަކުރެވުނު 13 ބިދޭސީއަކު މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން މާލޭގެ އިތުރުން އަތޮޅުތަކުގެ އެކި ރަށްރަށުގައި ވެސް ސިލްސިލާކޮށް މިފަދަ ރެއިޑް އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.

ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި މި އޮޕަރޭޝަންތަކުގެ މައިގަނޑު މަގުސަދަކީ އާންމު ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ބިދޭސީން ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުމެވެ. އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ކުރިއަށް އޮތް ތަނުގައި ވެސް މާލެއާއި އަތޮޅުތެރޭގައި އެއްވެސް މެދުކެނޑުމެއް ނެތި މި ބާވަތުގެ ފާސްކުރުންތައް ކުރިއަށްދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލައަށް ދާއިމީ އަދި ވަށައިޖެހޭ ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް ގަވާއިދާ ހިލާފަށް އުޅުނު 12،000 (ބާރަ ހާސް) އަށް ވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލެވިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފަ އެވެ.