ދެކުނުގެ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ އުމުރުން 42 އަހަރުގެ ބިދޭސީ ފިރިހެން މީހާ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން، މި ހަފުތާގެ ހޯމަ ދުވަހު ވެސް ދެކުނުގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކުރި މައްސަލައެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި އެ ކުއްޖާގެ ބައްޕަ ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެ އިތުރުން، ސައުތު ސެންޓްރަލް ޕޮލިސްގެ ދާއިރާގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ވީޑިއޯ ރެކޯޑުކުރި މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި ވެސް ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އުފަން ބައްޕަ އެވެ. އަދި މި އަމަލުގައި އެ ކުއްޖާގެ މަންމަގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ފުލުހުން ބަލަމުން އަންނަ ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޖިންސީ ކުށުގެ 174 މައްސަލައެއް ފުލުހުންގެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފަ އެވެ.