މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 22 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު ރާއްޖެއަށް ޖުމްލަ 1،461،682 (އެއް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް އެއް ހާސް ހަސަތޭކަ އައްޑިހަ ދޭއް) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މީގެ ތެރެއިން 317،178 (ތިން ލައްކަ ސަތާރަ ހާސް އެއްސަތޭކަ ހަތްދިހަ އަށެއް) ފަތުރުވެރިން ހިޔާރުކޮށްފައިވަނީ ރަށްރަށުގެ ގެސްޓްހައުސްތަކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރަމުން އައި ނަމަވެސް، ރާއްޖެ އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު އިންސައްތައެއް އަދިވެސް ހިއްސާކުރަނީ ރިސޯޓުތަކެވެ. އެގޮތުން ޖުމްލަ ފަތުރުވެރިންގެ 73.5 އިންސައްތަ، ނުވަތަ 1،053،055 ފަތުރުވެރިން ވަނީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފަ އެވެ. މީގެ އިތުރުން ހޮޓާތަކުގައި 33،513 ފަތުރުވެރިން އަދި ސަފާރީ އާއި ކްރޫޒްލައިނާތަކުގައި 26،550 ފަތުރުވެރިން ވަނީ ވަގުތު ހޭދަކޮށްފަ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާ އެވެ. އެ ގައުމުން 268،117 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 209،815 މީހުން ވަނީ އައިސްފަ އެވެ. ތިންވަނައިގައި 110،983 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތް އޮތްއިރު، ހަތަރުވަނަ އަދި ފަސްވަނައިގައި ހިމެނެނީ އިޓަލީ އާއި ޖަރުމަނެވެ. މި ލިސްޓުގެ ހަވަނައިގައި އޮތީ އިންޑިއާ އެވެ.

މި އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއިން އީރާނަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އެރި އެވެ. ރާއްޖެއަށް އަންނަ ބައިނަލްއަގުވާމީ ގިނަ ފްލައިޓުތައް މި ސަރަހައްދު ބޭނުންކުރާތީ، އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ކުރި އެވެ. އެގޮތުން މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރުވެ، ދަތުރުފަތުރުގެ އަގުތައް އުފުލިގެން ދިޔުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުތައް ކެންސަލްކޮށް، ފަސްކުރަން ޖެހުނު ކަން ފާހަގަކޮށްލެވެ އެވެ.