ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް 2018 ވަނަ އަހަރު ދައްކަވާފައި ހުރި ވާހަކަ ފުޅުތައް ދޭތެރެ ދޭތެރެއިން މީޑިއާގައި ދައުރުވެ އެވެ. އެމަނިކުފާނާ ސިޔާސީ ގޮތުން ދެކޮޅުވާ ފަރާތްތަކުން އެ ވާހަކަފުޅުތައް ނަގަނީ ފުރިހަމަ ހަތިޔާރެއްގެ ގޮތުގަ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ޒައާމަތު ބަލިކަށިވެ، ގައުމުގެ ހިންގުން ބޮއްސުން ލައިގެން ގޮސްފައިވާ މިދަނޑިވަޅުގައި މައި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ޓީމާ ދިމާ ކޮށްލުމަށް ވެސް އެ ވާހަކަފުޅުތައް ހަތިޔާރަކަށް ހަދާ މަންޒަރު އެބަ ފެނެ އެވެ. މިއަދު ޑރ. ޖަމީލާ އިދިކޮޅަށް ސަރުކާރަށް ތާއީދު ކުރާ މީޑިއާތަކުން ނަގަމުން ގެންދާ ވާހަކަތަކަކީ އެމަނިކުފާނު ރައީސް ޔާމީނާ ދެކޮޅަށް ދައްކަވާފައި ހުރި ވާހަކަފުޅުތަކެކެވެ. މައިގަނޑުގޮތެއްގައި އެ ވާހަކަފުޅުތައް ބިނާވެފައި އޮތީ ކަރަޕްޝަނާ ވައްކަމާ ދެކޮޅަށެވެ. ހަމަ އެފަދައިން ގާނޫނާ ޚިލާފަށް އެމަނިކުފާނު ނައިބު ރައީސް ކަމުން ދުރުކުރި ދުރުކުރުމަށެވެ. މީޑިއާތަކުން ނަގާ ޕޮއިންޓަކީ ރައީސް ޔާމީނާ އެއްއިރެއްގައި އެހާ އިދިކޮޅަށް ވާހަކަ ދެއްކެވި ބޭފުޅަކު މިހާރު މާ ގާތްވެގެން އުޅުއްވުމުގެ މައްސަލަ އެވެ. އެ މީހުން ސުވާލު އުފައްދަނީ އިޚުލާސްތެރިކަން ހުރި މިންވަރަކަށެވެ.
ގާނޫނީ ދާއިރާއިންނާއި ދީނީ އިލްމުން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި، ޑރ. ޖަމީލް ވަނީ ދުނިޔޭގެ އެންމެ މަތީ ދަރަޖައިގެ ޔިނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ އޮފް ލަންޑަންގެ ސްކޯލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒް (ސޮއާސް) ގައި ޕީއެޗްޑީ ހާސިލް ކުރައްވާފަ އެވެ.
ޑރ. ޖަމީލަކީ އަބަދުވެސް އިންސާފަށް ލޯބި ކުރައްވާ ކަމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. ކޮންމެ ފަދަ ދަނޑިވަޅެއްގައި ވެސް ހައްގު މަގުގައި ދައްކަވަން ޖެހިވަޑައިގެންނެވި ވާހަކަފުޅަކަށް ފަސްޖެހި ވަޑައިނުގަންނަވާނެ ބޭފުޅެއް ކަމަށް އަޑު އުފުއްލަވާ ބޭފުޅެކެވެ. ހަމަ އެފަދައިން އެމަނިކުފާނަކީ އަމިއްލަ މަސައްކަތްޕުޅުން ކާމިޔާބު ކެރިއަރެއް ބިނާ ކުރައްވައިފައިވާ ފުދުންތެރި ބޭފުޅެކެވެ.
މި ވަގުތު އެމަނިކުފާނު ހުންނެވީ ރައީސް ޔާމީނުގެ އަރިހުގަ އެވެ. ރައީސް ޔާމީން ސިފަ ކުރައްވާ ގޮތުގައި ޑރ. ޖަމީލަކީ އެމަނިކުފާނަށް އެންމެ ވަފާތެރި ބޭފުޅާ އެވެ. އެހެންކަމުން ކުރިން ދެކެވިފައި ހުރި ވާހަތައް އެއީ ކޮން ހައިސިއްޔަތަކުން ކިހިނެއް ދެކެވިފައި ހުރި ވާހަކަތަކެއްތޯ ބަލާލަން ޖެހެ އެވެ.
ޖަމީލު ދެއްކެވި ވާހަކަފުޅު
ނައިބު ރައީސްކަމުން ދުރުކުރުމާ ގުޅިގެން އިނގރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި އިރު ޑރ. ޖަމީލް، ވާހަކަފުޅު ދެއްކެވީ އޭރުގެ ސަރުކާރުގެ އަމަލުތައް ހުރިގޮތަށް ފާޑު ވިދާޅުވުމަށެވެ. މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވީ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުރެ ހިންގި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ބެހޭ ގޮތުންނެވެ. އޭރުގެ ހާލަތަށް ބަލާއިރު އެމަނިކުފާނުގެ ވާހަކަފުޅަކީ ހަގީގަތެވެ. ހަގީގަތަކީ އޭރަކު ލިބިފައި އޮންނަ މައުލޫމާތެއްގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗެކެވެ. އެހެންކަމުން އޭރު ޑރ. ޖަމީލްގެ ވާހަކަފުޅު ރައީސް ޔާމީނަށް ނިސްބަތްވީ އޭރުގެ ހަގީގަތަށް ބުރަވެ އެވެ. ޑރ. ޖަމީލަށް ވެސް ރާއްޖޭގެ ގިނަ ބަޔަކަށް ވެސް އޭރު އެނގިފައި ނެތް ހަގީގަތަކީ ޕީޕީއެމްގެ އެތެރެއިން ސަރުކާރާ ދެކޮޅު ބަޣާވަތެއް ރޭވެމުން ދިޔަ ކަމެވެ.
ޕީޕީއެމްގެ އެތެރޭގެ ބަޣާވަތް
ޑރ. މުހައްމަދު ވަހީދުގެ ސަރުކާރު ބާރުގަދަކޮށް އޮއްވާ ޑރ. ޖަމީލް ވަނީ އެ ސަރުކާރު ދޫކުރައްވައި ޕީޕީއެމާ ގުޅިވަޑައިގެން އެ ޕާޓީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދެއްވުމަށް މަސައްކަތް ފަށްޓަވާފަ އެވެ. ރައީސް ޔާމީންގެ އަރިހުގައި 2013 ވަނަ އަހަރުގެ ކެމްޕޭނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ ޑރ. ޖަމީލެވެ. އެކަން އެ ދުވަސްވަރުގެ ނޫސްތަކުގައި ވެސް ފާހަގަކޮށްފައި ހުއްޓެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީންގެ ނައިބު ރައީސެއްގެ ހައިސިއްޔަތުން ސަރުކާރުގައި ހިމެނި ވަޑައިގެންނެވި ހިސާބުން އެކަމަށް ހިތްހަމަނުޖެހުނު ބަޔަކު ޕީޕީއެމްގެ ތެރޭގައި ތިއްބެވެ. އެ މީހުން ބޭނުންވީ ކޮންމެ ގޮތަކަށް ވެސް ޑރ. ޖަމީލު ސަރުކާރުން ބޭރުކުރުމެވެ. ސަބަބަކީ ޑރ. ޖަމީލް ނައިބު ރައީސް ކަމުގައި ހުންނެވިހާ ހިނދަކު ސަރުކާރުގެ ތެރެއިން ކޮރަޕްޝަން ހިންގަން ފުރުސަތު ހަނިވާނެތީ އެވެ. އެހެންކަމުން ނުބައި ރޭވުމެއްގެ ދަށުން އަދީބު އިސްވެ ހުރެ ރައްޔިތުންގެ މަޖިލިހަށް "ރިޝްވަތު" ދީގެން ޑރ. ޖަމީލް މަގާމުން ވަކި ކުރި އެވެ. އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ މުގުލުގައި ހުރި އަދީބަށް ނައިބު ރައީސްކަން ލިބުނީ އެ ހިސާބުންނެވެ.
އޭރު އަދީބު ގެންދިޔައީ ދައުލަތުން ވަގަށް ނެގި ފައިސާ މަޖިލިސް މެންބަރުންނަށް އޮއްސައި މެންބަރުން ގަންނަމުންނެވެ. މަޖިލީހުގެ އިތުރުން އަދުލު އިންސާފުގެ ދާއިރާއަށާއި އެ ނޫން ވެސް ދައުލަތުގެ ނުފޫޒު ހުރި ހުރިހާ އިދާރާތަކެއްގެ މައްޗަށް ނުފޫޒު ހިންގުމަށް އަދީބު ގެންދިޔައީ ދައުލަތް ލޫޓުވައިގެން ހޯދި ފައިސާއިން ޚަރަދު ކުރަމުންނެވެ. އެހެން ކަމުން އަދީބުގެ ހިންގަމުން ދިޔަ ވައްކަމުގެ ބޮޑު ޖަރީމާގެ ތަހުގީގެއް ހިނގާނެ ގޮތް އޭރު އޮތީ ނުވެފަ އެވެ.
އަދީބު އިސްވެ ހުރެ ޕީޕީއެމްގެ އެހެން ބައެއް މެންބަރުނަނާ އެކު ފެށި ބަޣާވާތުގައި ޑރ. ޖަމީލަކީ ފެށުމެވެ. އެ މީހުންގެ ހަގީގީ އަމާޒު އޮތީ ރައީސް ޔާމީން އަވަހާރަކޮށްލުމަށް ފަހު ވެރިކަން ހޯދުމެވެ. އެ މަގުސަދުގައި ރައީސް ދަތުރު ކުރެއްވި ފިނިފެންމާ ލޯންޗް ގޮއްވާލުމަކީ ކަންތައްތައް ފަޅާއަރަން މެދުވެރިވި ސަބަބެވެ. މައްސަލައިގެ ތަހުގީގު ނިމުނުއިރު އަދީބު ވަނީ ދައުލަތުން އެތައް ބިލިއަން ރުފިޔާއެއް ވަގަށް ނެގި ކަމަށާއި އެ ފައިސާ މަޖިލިސް މެންބަރުންނަށާއި ނުފޫޒު ހުރި ފަރާތްތަކަށް ބެހިކަމަށް އެއްބަސްވެފަ އެވެ. ސަރުކާރާ ދެކޮޅަށް ގެންނަން އުޅުނު އިންގިލާބު ފެއިލްވެ، ކަންތަކުގެ ހަގީގަތް ތިލަވި ހިސާބުން ޑރ. ޖަމީލް އަލުން ރައީސް ޔާމީނާ ގުޅިވަޑައިގެންނެވި އެވެ.
ޑރ. ޖަމީލް ރައީސް ޔާމީނާ ގުޅިވަޑައިގެންނެވުމާއި ޕީޕީއެމް
ޑރ. ޖަމީލް ޕީޕީއެމްއާ އަލުން ގުޅިވަޑައިގެންނެވީ، 2013 ގެ ރިޔާސީ އިންތިޚާބުން އެޕާޓީ ބަލިވެ، ރައީސް ޔާމީނަށް އެތައް ބައިވަރު ކޯޓު ކޭސްތަކަކާ ކުރިމަތިވެފައި އޮތް ދުވަސްވަރު އެވެ. އެ ދަނޑިވަޅުގައި ޕީޕީއެމް އާ ގުޅިވަޑައިގެން ހީނަރުވަމުން ދިޔަ ޕާޓީގެ ހަރަކާތްތައް އަލުން ދިރުވައި ކޮޅަށް ޖެއްސެވުމަށް ޑރ. ޖަމީލު ގެންދެވީ ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ. އޭގެ އިތުރުން ރައީސް ޔާމީންގެ އިސް ވަކީލެއްގެ ގޮތުން ވެސް ޑރ. ޖަމީލް ގެންދެވީ ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.
އެއްކޮޅުން ރައީސް ޔާމީންގެ ދިފާއުގައި ޑރ. ޖަމީލް މަސައްކަތް ކުރައްވަމުން ގެންދެވިއިރު ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ތެރޭގައި ފެށި ބަޣާވަތުގެ ސިއްރު ހަރަކާތްތައް ޕާޓީގެ ތެރޭގައި ދިޔައީ ފެތުރެމުންނެވެ. އެ ހަރަކާތުގެ މަގުސަދަކަށް ވެފައި އޮތީ ކުރިން ވެސް ރާވާފައި އޮތް ގޮތަށް ރައީސް ޔާމީންގެ ބާރުކަނޑުވާލައި އެ މީހުން ބޭނުންވާ މީހަކު ވެރިކަމަށް ގެނައުމެވެ.
ޖަމީލަށް ކުރިމަތިވި މައްސަލަ
ޑރ. ޖަމީލަކީ ބަޣާވާތެއްގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީނަށް ޚިޔާނާތްތެރި ވެވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަން ޕާޓީގެ ތެރޭގައި ބަޣާވާތް ރޭވި މީހުންނަށް ރަނގަޅަށް އެނގެ އެވެ. އެހެންކަމުން ރައީސް ޔާމީން ބާކީކޮށް ހުސް ގޮނޑި ދައްކައި ދޮގާއި މަކަރުން ހޯދި ވެރިކަމުގައި ޖަމީލުގެ ދައުރެއް އޮންނަން އެމީހުން ބޭނުން ނުވީ އެވެ. އޭގެ އިތުރުން ރައީސް ޔާމީންގެ އަރިހުގައި ޑރ. ޖަމީލް ސާބިތުކަމާއެކު ހުންނެވުމަކީ ވެސް މިހާރުގެ ސަރުކާރަށް ކެތްކުރަން ފަސޭހަ ކަމަކަށް ނުވަނީ އެވެ. އެހެން ކަމުން ދިމާކުރެވެން އޮތް ހުރިހާ ގޮތަކަށް ދިމާ ކުރަނީ އެވެ. އެހެން ނަމަވެސް މިހާތަނަށް ކަންތައް ދިޔަ ގޮތަށް ބަލާއިރު ޑރ. ޖަމީލަކީ ޚިޔާނާތާ ފަސާދަޔަށް އާނއެކޭ ވިދާޅުވާނެ ބޭފުޅެއް ނޫނެވެ.
އެ މަނިކުފާނާ ދެކޮޅަށް ސަރުކާރުގެ ނުފޫޒު ހިނގާ ބައެއް މީޑިއާތަކުން ފަތުރާ ވާހަކަތަކުގެ ފަހަތުގައި ވަނީ ސަރުކާރަށް އޮތް ޕްރެޝަރެވެ. ވެރިކަމުގެ ބާރުތައް ބަލިކަށިވެ، ސަރުކާރުގެ ހިންގުން ދޯހަޅިވުމުން ފަތުރާ ޕްރޮޕަގެންޑާއަކުން ހަގީގަތް ފޮރުވައެއް ނުލެވޭނެ އެވެ.
ދެހިވަލާގައި ބޮން އަމާޒުވީ ނުބައި ގެޔަކަށް، ދެ ކުދިން މަރުވި
ބްރިޖުގެ ތަނބުގައި ޖެހުނު ދެ ތެޔޮ ބޯޓު ދިޔަވެ އަޑިއަށް ހިނގައްޖެ
"ޖީން އެޑިޓިން"އިން ކޮލެސްޓްރޯލް މަތިވުމަށް ދާއިމީ ފަރުވާއެއް!
ބޭފުޅާ މީ ލިޔުމެއްތަ ނޫނީ އާޓިކަލް އެއްތަ؟.......
ރިޕްލައި