ޑިސެމްބަރު 2024 ގައި މާފަންނު ގްރީން ބިލްޑިންގުގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅުވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ތުހުމަތުތަކާ ގުޅިގެން، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ މުހިންމު ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތް އަނދައި އަޅިއަށްވި ހާދިސާ، ދިވެހި ފުލުހުންނާއި ބޭރުގެ މާހިރުން ގުޅިގެން ފުރިހަމައަށް ތަހުގީގުކޮށްފައިވާ ކަމަށެވެ. އަދި އެ ތަހުގީގުން ދައްކާފައިވަނީ އެއީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށާއި، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ނުވަތަ ތުހުމަތެއް ކުރެވޭ ފަދަ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ނަމަވެސް، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެ އިމާރާތުގައި ގަސްދުގައި ރޯކޮށްލީ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެކަން ކުރި ފަރާތަކީ ރައީސް މުހައްމަދު މުއިއްޒާ ގާތް ގުޅުމެއް އޮންނަ މީހެއްކަން ފުލުހުންނަށް ސާފުކޮށް އެނގޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި ތުހުމަތުތަކާ ގުޅިގެން ވަޒީރު އިހުސާން ވިދާޅުވީ، ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ މައުލޫމާތުތައް ފުލުހުންގެ ތަހުގީގަށް ސާފުކުރުމަށާއި، މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަމެއް އޮތްނަމަ އެކަން ބެލުމަށް ފުލުހުންގެ ހިދުމަތަށް އަންގަވާފައިވާނެ ކަމަށެވެ. މީގެއިތުރުން، ފުލުހުންގެ މުއައްސަސާއަށް އަމާޒުކޮށް ރައީސް ޔާމީން ކުރެއްވި ތުހުމަތުތައް ބަލައި ތަހުގީގު ކޮށްދިނުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ހުށަހަޅުއްވާފައިވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ޑިސެމްބަރު 2024 ގައި ހިނގައިދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީ ހިންގި މުޅި އިމާރާތް އަނދައި، ދައުލަތުގެ ގިނަ އަދަދެއްގެ މުހިންމު ލިޔެކިޔުންތަކާއި ޑޭޓާ ސާވާތައް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
އަކްޝޭއާއި ޝިލްޕާގެ ގުޅުން ކައިވެންޏަކާ ހަމައަށް ވެސް ދިޔަ؟
ކެބިނެޓުގައި ވެސް ބޮޑު އިންގިލާބެއް އެބަހިނގާ: ޔާމީން
ކަނޑުއޮޅި ސަރަހައްދުގައި "މަނާ ސަރަހައްދެއް" ކަނޑައަޅަނީ