އަމީނީމަގުގައި ހުރި ސަރުކާރުގެ ވުޒާރާއެއް ހިންގި އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފުލުހުންނަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، އަމީނީމަގުގައި ހުރި އިމާރާތްތަކުގައި ޑިސެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގުން މިހާތަނަށް އެނގިފައިވަނީ، އެ ހާދިސާ ހިނގަން މެދުވެރިވީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ކަމަށެވެ. އަދި މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ފަދަ އެއްވެސް ހެއްކެއް ތަހުގީގަށް ހޯދިފައެއް ނުވެ އެވެ.

ނަމަވެސް، ރައީސް ޔާމީން ސެޕްޓެމްބަރު މަހު ދެއްކެވި ވާހަކަފުޅެއްގައި އެ އިމާރާތުގައި ރޯކޮށްލީ ގަސްތުގައި ކަމަށާއި، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭއިރު އެކަމުގެ ހެކި ވެސް ފުލުހުންގެ އަތުގައި އެބަހުރި ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު މި މައްސަލައާ ގުޅުވައިގެން ދެއްކެވި ވާހަކަފުޅުތަކަކީ ތަހުގީގަށް މުހިންމު ކަންތައްތަކަކަށް ވާތީ، އެ މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުގެ ޗިޓު ހަވާލުކުރުމަށް ފުލުހުން ވަނީ އެމަނިކުފާނުގެ ގެކޮޅު، ހ. ދޫވެއްސަށް ގޮސްފަ އެވެ.

ފުލުހުން ބުނީ، ދޫވެއްސަށް ގޮސް ރައީސް ޔާމީނާ ބައްދަލުކޮށް ޗިޓު ހަވާލުކުރަން އުޅުމުން އެމަނިކުފާނު ވަނީ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފައި ކަމަށެވެ. އަދި އޭގެ ބަދަލުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކުރައްވައި ފުލުހުންނަށް ލިޔުމުން ޖަވާބެއް ދެއްވި ކަމަށެވެ. އެ ލިޔުމުގައި، މި މައްސަލައާ ގުޅިގެން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ އިތުރު މައުލޫމާތެއް ނެތް ކަމަށާއި، އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން ފުލުހުން ވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ މުއައްސަސާތަކާމެދު ރައްޔިތުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދި، ތަހުގީގުތަކުގެ އިތުބާރު ގެއްލޭ ގޮތަށް ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ތަހުގީގުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ހުރިހާ ފަރާތްތަކަށް ވެސް ފުލުހުންގެ ހިދުމަތުން ވަނީ އެދިފަ އެވެ.