ސިނަމާލެ ބުރިޖުގެ ތަނބުގައި ޖެހުނު ބޮޑު ދެ ތެޔޮ ބޯޓު ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މާލޭ ބަނދަރުގައި އޮތް ދެ ބޯޓު، ރޭ ބުރިޖުގެ ދަށުން އޮޔާ ގޮސް މާލެ އަތޮޅުން ބޭރަށް ދާތީ، ބޯޓުގައި ތިބި ނުވަ ފަޅުވެރިން ވަނީ ސަލާމަތްކޮށްފަ އެވެ. އަދި ތެޔޮ އުފުލާ މި ދެ ބޯޓަކީ ވަރަށް ބައުވެފައިވާ ދެ ބޯޓު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީގެ އިތުރުން މި ދެ ބޯޓު ވަނީ ދިޔަވެ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ގިނަ އަދަދެއްގެ ތެލާއެކު މި ދެ ބޯޓު ރާއްޖެއަށް ވަގަށް ވަދެ އުޅެނިކޮށް ފަޅާއެރީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް އެކަން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އޮތީ މިހާތަނަށް ސިއްރުކޮށްފަ އެވެ. ނަމަވެސް މި ދެ ބޯޓާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް އެމްއެންޑީއެފް އިން ވާހަކަދެއްކީ ރޭ ހިނގި ހާދިސާއާ ގުޅިގެންނެވެ.
މި ބޯޓާ ބެހޭ ގޮތުން "ހުރިހާ"އާ ވާހަކަދެއްކި މީހަކު ބުނީ މި ދެ ބޯޓާ ގުޅޭ މައުލޫމާތު، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުންޏަށް އެނގެ އެވެ. ނަމަވެސް މި ދެބޯޓަކީ އެ ކުންފުންޏާ އެއްވެސް ގުޅުމެއް އޮތް ދެ ބޯޓު ކަމެއް އޭނާ ނުބުނެ އެވެ.
އެ މީހާ ބުނީ ގިނަ އަދަދެއްގެ ތެލާއެކު މި ދެ ބޯޓު ރާއްޖެއަށް ވަގަށް ވަދެ އުޅެނިކޮށް ފަޅާއެރީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. އަދި އެ ދެ ބޯޓު އެމްއެންޑީއެފް އާއި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔައީ ވަގަށް ވަދެ އުޅޭ ކަމަށް އާއްމުންގެ ބަޔަކު ރިޕޯޓުކޮށްގެން ކަމަށް ވެސް އޭނާ ބުންޏެވެ.
"މި ދެ ބޯޓު ރާއްޖެ ސަރަހައްދަށް ވަދެ އުޅުނުކަން އެމްއެންޑީއެފްއަށް އެނގުނީ ބަޔަކު ރިޕޯޓްކޮށްފައި ބުނުމުން. އޭގެ ފަހުން މި ދެ ބޯޓު ހިފަހައްޓައިގެން އުޅެނީ،" އެ މީހާ ބުންޏެވެ.
އޭނާ ބުނީ އެ ދެ ބޯޓު ހިފެހެއްޓިއިރު ބޯޓުގައި ގިނަ އަދަދެއްގެ ތެޔޮ ވެސް ހުރި ކަމަށެވެ. ނަމަވެސް ރޭގެ ހާދިސާ ހިނގިއިރު އެ ބޯޓުގައި ތެޔޮ ހުރިކަމެއް ނުވަތަ ނޫން ކަމެއް ވެސް އެމްއެންޑީއެފް އިން ނުބުނެ އެވެ.
މައިލީގެ ކޮންސެޓަށް ބޮޑު ތަރުހީބެއް، 1.5 މިލިއަންގެ ކިއުއެއް!
އުރުދުންގައި ހުރި އެމެރިކާގެ މަތިންދާބޯޓުތަކަށް އީރާނުގެ ހަމަލާ
އައިފޯން 18 ސީރީޒް: ސެމްސަންގްއިން ބުނަނީ އާ ކަމެއް ނެތް ކަމަށް!
ރޭ އޮޔާދިޔަ ދެ ބޯޓަކީ ވަގަށް ވަދެފައިވާ ބޯޓުތަކެއް