ރޭގެ ވަގުތެއްގައި ކޮންޓްރޯލުން ނެއްޓިގެން އޮޔާގޮސް ސިނަމާލެ ބްރިޖަށް އުރުނު ދެ ތެޔޮ ބޯޓަކީ، ކަސްޓަމްސް އާއި އެމްއެންޑީއެފަށް ނޭނގި ވަގަށް ރާއްޖެއަށް ވަގަށް ވަދެފައިވާ ދެ ބޯޓެއް ކަން "ހުރިހާ" އަށް އެނގިއްޖެ އެވެ.

ގިނަ އަދަދެއްގެ ތެލާއެކު މި ދެ ބޯޓު ރާއްޖެއަށް ވަގަށް ވަދެ އުޅެނިކޮށް ފަޅާއެރީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް އެކަން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އޮތީ މިހާތަނަށް ސިއްރުކޮށްފަ އެވެ. ނަމަވެސް މި ދެ ބޯޓާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް އެމްއެންޑީއެފް އިން ވާހަކަދެއްކީ ރޭ ހިނގި ހާދިސާއާ ގުޅިގެންނެވެ.

ކާނިވަލާ ދިމާލުން ކޮންޓްރޯލުން ނެއްޓިގެން އޮޔާދިޔަ ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި އުރިފައިވާ ކަން ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ވަނީ ފެނިފަ އެވެ. ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި ފަރާތްތައް ސަލާމަތްކޮށް، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ނަމަވެސް، ހާދިސާ ހިނގި ދެ ބޯޓަކީ ކޮން ގައުމެއްގެ ކޮން ބައެއްގެ ބޯޓުތަކެއް ކަން އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.

މި ބޯޓާ ބެހޭ ގޮތުން "ހުރިހާ"އާ ވާހަކަދެއްކި މީހަކު ބުނީ މި ދެ ބޯޓާ ގުޅޭ މައުލޫމާތު، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުންޏަށް އެނގެ އެވެ. ނަމަވެސް މި ދެބޯޓަކީ އެ ކުންފުންޏާ އެއްވެސް ގުޅުމެއް އޮތް ދެ ބޯޓު ކަމެއް އޭނާ ނުބުނެ އެވެ.

އެ މީހާ ބުނީ ގިނަ އަދަދެއްގެ ތެލާއެކު މި ދެ ބޯޓު ރާއްޖެއަށް ވަގަށް ވަދެ އުޅެނިކޮށް ފަޅާއެރީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. އަދި އެ ދެ ބޯޓު އެމްއެންޑީއެފް އާއި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔައީ ވަގަށް ވަދެ އުޅޭ ކަމަށް އާއްމުންގެ ބަޔަކު ރިޕޯޓުކޮށްގެން ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ދެ ބޯޓު ރާއްޖެ ސަރަހައްދަށް ވަދެ އުޅުނުކަން އެމްއެންޑީއެފްއަށް އެނގުނީ ބަޔަކު ރިޕޯޓްކޮށްފައި ބުނުމުން. އޭގެ ފަހުން މި ދެ ބޯޓު ހިފަހައްޓައިގެން އުޅެނީ،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ އެ ދެ ބޯޓު ހިފެހެއްޓިއިރު ބޯޓުގައި ގިނަ އަދަދެއްގެ ތެޔޮ ވެސް ހުރި ކަމަށެވެ. ނަމަވެސް ރޭގެ ހާދިސާ ހިނގިއިރު އެ ބޯޓުގައި ތެޔޮ ހުރިކަމެއް ނުވަތަ ނޫން ކަމެއް ވެސް އެމްއެންޑީއެފް އިން ނުބުނެ އެވެ.

ހޯކްސްގެ ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓް ރާއްޖެ އެތެރެ ކުރި ކަމުގެ މައްސަލައެއް ވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފެންމަތިވެފަ އެވެ. މީގެ އިތުރުން، ހޯކްސްގެ ބޯޓެއް ސޯމާލިއާގެ އަސްކަރީ ފަށުގައި ހަރަކާތްތެރިވަމުންދިޔަ ކަން ދައްކައިދޭ ލޮކޭޝަން ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެ، ކުންފުންޏާ ދެކޮޅަށް މީގެ ކުރިން ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ.