ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮގަސްޓް 31 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހާ ނިޔާވެއްޖެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވީ ޅ. ކުރެންދޫ، މާޖެހިގެ، އުމުރުން 62 އަހަރުގެ މުހައްމަދު އަފީފް އެވެ.

އޭނާގެ ކަށުނަމާދު އޮތީ މެންދުރު ނަމާދަށްފަހު ހުޅުމާލެ މަސްޖިދު ސައިދު ބިން ސާބިތުގަ އެވެ.

ފުލުހުން ބުނެފައިވަނީ، އެ އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް 2، ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއް ކަމަށެވެ. އެއީ ހިޔާ ޓަވަރު 9 ކައިރި އެވެ.

އެވަގުތު އަފީފް ދިޔައީ އޭނާގެ ދަރިފުޅު ގޮވައިގެން އަމީލް މިސްކިތަށެވެ.

އަފީފަކީ އެކި ސުކޫލުތަކުގައި 32 އަހަރުގެ މުއްދަތަކަށް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން، އޭނާ ވަނީ ދިވެހި މުދައްރިސުކަން ޖަމާލުއްދީން ސުކޫލާއި، އަޙްމަދިއްޔާ ސުކޫލާއި، އަމީނިއްޔާ ސުކޫލާއި، ޅ. އަތޮޅު މަދަރުސާ އާއި، ފަރީދިއްޔާ ސުކޫލުގެ އިތުރުން ޣާޒީ ސުކޫލުގައިވެސް އިޚްލާސްތެރިކަމާއި، ފުރިހަމަކަމާއެކު އަދާކުރައްވާފަ އެވެ.