އައްޑޫގައި އަމިއްލަ ހޮސްޕިޓަލަކުން ކަށީގެ ފަރުވާއެއް ހޯދި އަންހެނަކަށް ޑޯޒް މަތިކޮށް ދިން ބޭހެއް ކައިގެން އޭނާގެ ގުނަވަންތައް ފެއިލްވެ، މަރުވެއްޖެ އެވެ.

ޑޯޒު މަތިކޮށް ބޭސް ދިނުމުގެ ސަބަބުން މަރުވެފައި ވަނީ ފަސް ކުދިންގެ މަންމަ، ސ. މަރަދޫ، އައިޝަތު އަޒީޒާ ހަލީލް، 58 އެވެ.

މިކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނީ އަޒީޒާއަށް ޑޯޒު މަތިކޮށް ބޭސް ދިނީ އައްޑޫ އެއިމްސް ޑައިގްނޯސްޓިކް ކެއާ (އެއިމްސް) ކްލިނިކުގެ ކަށީގެ ޑޮކްޓަރު ދިން ބޭސް ކާތާ 10 ވަރަކަށް ދުވަސް ފަހުންނެވެ.

"ހުރިހާ"އާ ވާހަކަދެއްކި މީހަކު މިއަދު ބުނީ، އަޒީޒާ ފައިގައި ރިއްސާތާ ދެ ދުވަސް ވުމުން މަރަދޫ ހުންނަ ސިިއްހީ މަރުކަޒަށް ދެއްކި ކަމަށެވެ. އޭރު ފައި ރިއްސާތީ އާޒީޒާއަށް ރަނގަޅަށް ހިނގާބިގާވެ ނޫޅެވެ އެވެ. ސިއްހީ މަރުކަޒަށް ދައްކައިގެން ދިން ބޭސް ކައިގެން ރަނގަޅު ނުވުމުން ދެން ދިޔައީ އެއިމްސް އަށް ކަމަށް ވެސް އެ މީހާ ބުންޏެވެ.

އެއިމްސްއަށް ދެއްކުމުން އެތަނުގެ ކަށީގެ ޑޮކްޓަރު ބޭސް ދިނީ ޑޯޒު ބޮޑުކޮށެވެ. އަޒީޒާއަށް ދިނީ މެތޯޓްރިއެކްސޭޓް އެވެ. އެ ބޭސް ކެއުމަށް ބޭސް ސިޓީގައި ޖަހާފައިވާ ގޮތަކީ ފަސް މިލިގްރާމުގެ ދެ ގުޅަ ދުވާލަކު އެއް ފަހަރު، ތިން ހަފްތާ ވަންދެން ބޭނުން ކުރުމަށެވެ.

މެތޯޓްރިއެކްސޭޓްއަކީ ކައްޓަށް ވާ ތަދު ނުވަޔަ ކެންސަރު ޕޭޝަންޓުންނަށް ކީމޯދީގެން ވާ ތަދުތަކަށް ދޭ ބޭހެކެވެ. އެ ބޭހުގެ ސަބަބުން މީހާގެ އިމުއިނިޓީ ދަށް ވެގެންދާނެ އެވެ. އެ ބޭސް އެންމެ ގިނަވެގެން ދޭން ޖެހެނީ 20-25 މިލިގްރާމް ހަފްތާއަކަށެވެ، އެކަމަކު ޑޮކްޓަރު ދީފައި ވަނީ ދުވާލަކަށް 10 މިލިގްރާމް ކާގޮތަށް، އެއީ ތިން ހަފުތާވަންދެންނެވެ.

އަޒީޒާ، އެގޮތަށް އެ ބޭސް ކަމުންް އައިކަން އާއިލާ އަށް އެނގުނީ 12 ވަރަކަށް ދުވަސް ފަހުންނެވެ. 12 ދުވަސް ފަހުން އާއިލާއަށް އެކަން އެގުނުއިރު އެލާޖިކްވުމުގެ ސަބަބުން އަޒީޒާގެ އަނގަ ދިޔައީ ފާރު ވަމުންނެވެ. އަދި އެހާ ހިސާބުން ފަންގަސް އުފެދެން ފެށި އެވެ. އަނގަފާރުވެ ފަންގަސްލުމުން މަރަދޫ ސިއްހީ މަރުކަޒަށް ދެއްކުމުން ބުނީ، ފަންގަލް އިންފެންކްޝަން އުފެދިފައިވާ ކަމަށެވެ.

"ދެ ވަނަ ފަހަރަށް މަރަދޫ ސިއްހީ މަރުކަޒަށް ދައްކަން ދިޔައިރު އެއިމްސްއިން ދިން ބޭސް ސިޓީ އަޒީޒާ ނުގެންދެ އެވެ. އެހެންކަމުން ސިއްހީ މަރުކަޒުން ބެލި ޑޮކްޓަރަށް ނޭގުނު ކީއްވެ ކަމެއް އިންފެކްޝަން އުފެން ޖެހުނީ،" އެ މީހާ ބުންޏެވެ.

މަރަދޫ ސިއްހީ މަރުކަޒުން އަޒީޒާއަށް ދިނީ އަނގަ ދޮންނަ ބޭހެކެވެ. އެ ބޭހުން އަނގައިގެ ފާރުތައް އިތުރުވެ، އަޒީޒާގެ މުޅި ގައިން ދިޔައީ ފިތް ނަގަމުންނެވެ، އެހާ ހިސާބުން އަޒީޒާއަށް ދީފައި ހުރި ބޭސްތައް ޑޮކްޓަރަކަށް ފޮނުވައި، އޭގައި އެލާޖިކެއް ވެދާނެ ކަހަލަ ބޭހެއް ހުރިތޯ ބެލުމުގެ މަަސައްކަތް އާއިލާ އިން ފެށި އެވެ.

އެއާ އެކު ބޭސް ސިޓީ ފޮނުވި ޑޮކްޓަރު އެންގީ ވަގުތުން މެތޯޓްރިއެކްސޭޓް ބޭނުންކުރުން ހުއްޓާލުމަށެވެ. މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އާއިލާއަށް އެކަން އިނގުނުއިރު އެ ދުވަހަކީ އީދު ދުވަސްކަމުން މަރަދޫ ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތެވެ. ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަސް ކަމަށް ވާތީ، އެ ދުވަހު ވެސް ޑޮކްޓަރަށް ދެއްކޭ ގޮތް ވަނީ ނުވެފަ އެވެ.

އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ސިއްހީ މަރުކަޒަަށް ގެންދިޔައިރު އަޒީޒާގެ ހާލު ވަރަށް ދެރަ އެވެ. މަރަދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީ ޓެކްނީޝަނެއް ނެތުމުން ޓެސްޓް ހަދަން ފޮނުވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށެވެ. އެތަނުން ހެދި ޓެސްޓްތަކުން އެނގުނީ ހަށިގަނޑުގެ ގުނަވަންތައް ފެއިލްވެފައިވާ ކަމެވެ.

ގުނަވަންތަށް ފެއިލްވެފައިވުމުން، މަރަދޫ ސިއްހީ މަރުކަޒުން އެންގީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށެވެ. އެންމެ ފަހުން، އެތަނަށް ގޮސް، ޓެސްޓްގެ ނަތީޖާ ޔަގީންކުރުމަށް ދެވަނަ ފަހަރަށް ވެސް ޓެސްޓްތައް ހެދި އެވެ.

އިކުއިޓޯރިއަލް ހޮސްޕިޓަލުން ވެސް ބުނީ ގުނަވަންތަށް ފެއިލްވެފައި ހުރުމުގެ ސަބަބުން އައިސީޔޫއަށް ބަދަލުކުރަން ޖެހޭނެ ކަމަށާއި، އަޒީޒާގެ ފުރާނެ ސަލާމަތްވާނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ.

މެތޯޓްރިއެކްސޭޓް ކެއުމުގެ ސަބަބުން އަޒީޒާގެ ގުނަވަންތަށް ފެއިލްވެފައިވާ ކަމަށް ބުނީ، އިކުއިޓީރިއަލް ހޮސްޕިޓަލުންނެވެ. އެއާއެކު އާއިލާއިން ވަނީ އެކަން އެއިމްސްގެ މެނޭޖިން ޑިރެކްޓަރުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި އިންޓާނަލީ މައްސަލަަ ބަލަން ފެށި ހަބަރު އާއިލާ އާއި ވަނީ ހިއްސާ ކުރައްވައިފަ އެވެ. އެކަމުގެ މައުލޫމާތު ލިބުމާއެކު އަޒީޒާއަށް ބޭސް ދިން ކަށީގެ ޑޮކްޓަރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އެއިމްސް ހޮސްޕިޓަލުގެ ޓީމެއް ވަނީ އަޒީޒާގެ އާއިލާއަށް ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އަޒީޒާގެ އާއިލާގެ ފަރާތުން އެދުނީ އެ ޑޮކްޓަރަށް ފިޔަވަޅު އަޅައި ދިނުމަށެވެ.

މަރުވި އަޒީޒާ އަކީ ކުރިން ކިޑްނީ އަދި ލިވާއެއްގެ އެއްވެސް މައްސަލައެއް ހުރި މީހެއް ނޫނެވެ. އެކަމަކު ދެ ފަހަރަށް ސްޓްރޯކް ޖެހިފައިވާ އަޒީޒާ އައީ ހިތުގެ ބައްޔަށް ވެސް ބޭސް ކަމުންނެވެ. މީގެ އިތުރުން ލޭ މަައްޗަށް ދިއުމާއި ހަކުރުގެ މައްސަލަ އަށްވެސް ދިޔައީ ބޭސް ކަމުންނެވެ.